އަފްގާނިސްތާންގެ ނައިބު ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއަކުން އޭނާ ސަލާމަތްވެވަޑައިގެންފި

އަފްގާނިސްތާނުގެ ނައިބު ރައީސް އަބްދުއްރަޝީދު ދުސްތޫމަށް ދިން ހަމަލާއަކުން ވަނީ ސަލާމަތްވެވަޑައިގެންފަ -- ފޮޓޯ: ގެޓީ

ކާބުލް (މާޗް 31): އަފްގާނިސްތާނުގެ ނައިބު ރައީސް އަބްދުއްރަޝީދު ދުސްތޫމް އަވަހާރަކޮށްލަން ދިން ހަމަލާއަކުން އޭނާ ސަލާމަތްވެވަޑައިގެންފި އެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި އެހަމަލާ ދިނީ އިއްޔެ ބަލްކް ޕްރޮވިންސުގެ މަޒާރެ ޝަރީފް ސިޓީން ދަތުރު ކުރަމުން ދިޔަ ދުސްތޫމްގެ ކޮންވޯއިއަށް އަމާޒުކޮށެވެ. އަދި އެހަމަލާގައި ބޮޑީގާޑަކު މަރުވެ، ދެ ބޮޑީގާޑަށް އަނިޔާވި ނަމަވެސް ދުސްތޫމްއަށް އަނިޔާއެއް ލިބިފައި ނުވެ އެވެ.

ތާލިބާން ޖަމާއަތުން ވަނީ އެހަމަލާގެ ޒިންމާ ނަގާފަ އެވެ. އަދި އެހަމަލާގައި ހަތަރު ގާޑުން މަރުވެ ހަ މީހުންނަށް އަނިޔާވި ކަމަށް ބުނެފަ އެވެ.

އެއީ އަމިއްލައަށް އަރުވާލެވިގެން ތުރުކީގައި ގާތްގަނޑަކަށް އެއް އަހަރު ހޭދަ ކުރެއްވުމަށް ފަހު، ދުސްތޫމް މިދިޔަ ޖުލައި މަހު އެނބުރި ގައުމަށް ވަޑައިގެންނެވި ފަހުން އޭނާ އަވަހާރަކޮށްލަން ދިން ދެވަނަ ހަމަލާ އެވެ. ކާބުލް އެއާޕޯޓުގައި އައިއެސްއިން ދިން އެހަމަލާގައި 14 މީހުން މަރުވި އެވެ.

ދުސްތޫމް ގައުމުން ބޭރަށް ވަޑައިގެންނެވީ އިދިކޮޅު ފަރާތަކަށް އަނިޔާ ކުރުމަށް އަމުރު ކުރެއްވި ކަމުގެ ތުހުމަތުތަކާ ގުޅިގެންނެވެ. ނަމަވެސް އޭނާ ވަނީ ތުރުކީއަށް ވަޑައިގެންނެވީ ބޭސް ފަރުވާއަށް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް