ސިޓީ އެއްވަނައަށް، ޔުނައިޓެޑަށް އުނދަގޫ މޮޅެއް

މެންޗެސްޓާ ޔުނައިޓެޑްއާއި ވެޓްފޯޑް ރޭ ބައްދަލު ކުރި މެޗުގައި ގޯލު ޖެހުމަށްފަހު އެންތޮނީ މާޝިއަލްއާއި މާކަސް ރަޝްފޯޑު އުފާ ކުރަނީ --- ފޮޓޯ/ ޖޯ ރައިޓް

ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ފުލްހަމް ބަލިކޮށް މެންޗެސްޓާ ސިޓީއިން އެއްވަނައަށް ޖެހިލި އިރު ވެޓްފޯޑް ގާތުން މެންޗެސްޓާ ޔުނައިޓެޑް ވެސް ތިން ޕޮއިންޓް ހޯދައިފި އެވެ.

ލީގު ނިމެން އަށް މެޗަށް ވެފަވާއިރު އެއްވަނަ ހޯދުމަށް ހަނގުރާމަ ކުރަމުން ދަނީ ލިވަޕޫލްއާއި ސިޓީ އެވެ. އަދި ގަދަ ހަތަރަކަށް އެރުމަށް އާސެނަލާއި ޗެލްސީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް ވެސް އަންނަނީ ގަދަ އަޅާ މަސައްކަތް ކުރަމުންނެވެ. ޕޮއިންޓުގެ ގޮތުން ގާތްގާތުގައި ޓީމުތައް ތިބި އިރު ލީގު ނިމެންދާ ވަރަކަށް ޓީމުތަކުގެ މެދުގައި ވާދަވެރިކަން އަދި އިތުރަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ. މިއަހަރު ޓީމުތަކުގެ މެދުގައި މިއޮތް ފަރަގަކީ މީގެން ޒަމާނަކު ވެސް ޕްރިމިއާ ލީގުގައި ނެތްހާ ކުޑަ ފަރަގެކެވެ.

ރޭ މެންޗެސްޓާ ސިޓީއާއި ފުލްހަމް ބައްދަލު ކުރި މެޗުގައި ފުލްހަމްގެ ގޯލަށް ސާޖިއޯ އަގުއޭރޯ ބޯޅަ ފޮނުވާލަނީ --- ފޮޓޯ/ ސްޓީފެން ކްރީކް

ރޭ ފުލްހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ސިޓީ ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއަކުންނެވެ. އެ މޮޅާ އެކު ސިޓީ ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލާފަ އެވެ. 31 މެޗު ކުޅެގެން 77 ޕޮއިންޓް ސިޓީ ހޯދާފާއިވާ އިރު ދެވަނައިގައި އޮތް ލިވަޕޫލްއަށް 31 މެޗު ކުޅެގެން ލިބެނީ 76 ޕޮއިންޓެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ އައު ކޯޗު އޮލެ ގުނަ ސޯލްޝަޔާގެ ދާއިމީ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުން ރޭ ވެޓްފޯޑުގެ މައްޗަށް އެ ޓީމު ކުރި ހޯދީ 1-2 ގެ ނަތީޖާ އަކުންނެވެ. ރޭގެ މޮޅާ އެކު ޔުނައިޓެޑް ގަދަ ހަތަރަކަށް ޖެހިލި އިރު މެޗުން ބަލިވި ވެޓްފޯޑް ވަނީ ތާވަލުގެ 10 ވަނައަށް ވެއްޓިފަ އެވެ.

އެންމެ ފަހުން ޔުނައިޓެޑް ކުޅުނު މެޗުތަކުން ރަނގަޅު ނަތީޖާއެއް ނުނެރެވުނު ނަމަވެސް ރޭގެ މެޗުގައި ޔުނައިޓެޑް ވަނީ މޮޅަށް ކުޅެފަ އެވެ. އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ވެސް މެންޗެސްޓާ ޔުނައިޓެޑްއިންނެވެ. މެޗުގެ ކުރީ ކޮޅު މާކަސް ރަޝްފޯޑު ޖެހި ގޯލާ އެކު އެ ޓީމަށް ލީޑު އިތުރަށް ފުޅާ ކޮށްދިނީ ދެވަނަ ހާފުގެ 72 ވަނަ މިނަޓުގައި ފްރާންސްގެ ފޯވާޑް އެންތޮނީ މާޝިއާލް އެވެ. ވެޓްފޯޑްއިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ އަބްދޫލޭ ޑޫކޯރޭ އެވެ.

ރަނގަޅު ފޯމެއްގައި އޮތް ސިޓީއިން ރޭ ކުޅުނު މެޗުގައި ގިނަ ގޯލުތަކެއް ނުޖެހުނު ނަމަވެސް މެޗު އެއްކޮށް ޑޮމިނޭޓްކޮށްގެން މޮޅަށް ކުޅުނީ އެ ޓީމުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާނޭޑޯ ސިލްވާއާއި ސާޖިއޯ އަގުއޭރޯ ޖެހި ގޯލުތަކުން ސިޓީ ލީޑު ނެގި ނަމަވެސް އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ގޮސްފަ އެވެ.

މީގެ އިތުރުން ވެސް ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ވަނީ ފޯރިގަދަ އިތުރު މެޗުތަކެއް ކުޅެވިގެން ގޮސްފަ އެވެ. އެގޮތުން ލެސްޓާ ސިޓީއާއި ބޯންމައުތް ބައްދަލު ކުރި މެޗު 0-2ގެ ނަތީޖާ އަކުން ލެސްޓާ ކާމިޔާބު ކުރި އިރު އެވަޓަނާއި ވެސްޓަހަމް ބައްދަލު ކުރި މެޗުން އެވަޓަން މޮޅުވީ 0-2 އިންނެވެ.

comment ކޮމެންޓް