ޔާމީންގެ އެކައުންޓު ފްރީޒު ކުރި މައްސަލައިގެ ހުކުމް އިއްވުން މާދަމާ

ފެބްރުއަރީ 17، 2019: ޝަރިީއަތް ނިމެންދެން ކޯޓުން ކުރި އަމުރަކާގުޅިގެން ކުރީގެ ރައީސް ޔާމީން ހައްޔަރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބަދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ބޭންކް އެކައުންޓް ފުރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު އަޑުއެހުން މާދަމާ 2:00 އަށް ތާވަލް ކޮށްފި އެވެ.

އެ މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ. އެ މައްސަލާގައި އެންމެފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުހައި ފަނޑިޔާރުންގެ ބެންޗުން އިއުލާން ކޮށްފައި ވަނީ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ތުހުމަތުތަކާ އެކު އެމަނިކުފާނުގެ އެކައުންޓު ވަނީ ކޯޓު އަމުރެއްގެ ދަށުން ފްރީޒުކޮށްފަ އެވެ.

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ބަންޑާރަ ނައިބް އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ތިން އަމުރެއް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ކަމަށެވެ.

އިސްތިއުނާފަށް ހުށަހަޅާފައި ވާނީ މައިގަނޑު ދެ ގާނޫނީ ނުކުތާއަކަށް ބިނާކޮށްފައިކަން އާޒިމާ ފާހަގަކުރެއްވި އެވެ. އެގޮތުން ކޯޓު އަމުރުތައް ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށާއި އަދި ޔާމީނަށް ލިބިފައިވާ ސިޔާސީ ހައްގުތައް ނިގުޅައި ގަތުމަށް ކަމަށް ވެސް އާޒިމާ ފާހަގަ ކުރެއްވި އެވެ.

ސިޔާސީ މައްސަލަތަކެއްގެ ގޮތުގައި ސިފަކުރެވެނީ، ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރި ދުވަހު އެކައުންޓުތަކުގައި ހުރި ހުރިހާ ފައިސާއާ ގުޅޭ އެއްވެސް ވާހަކައެއް އަހާފައި ނުވާތީ އާއި އެކައުންޓްތައް ފްރީޒް ކޮށްފައިވާކަން ވެސް އަންގާފައި ނުވާތީކަމަށް އާޒިމާ ވިދާޅުވި އެވެ.

ފުލުހުން ހާޒިރު ކުރުމަށް ފަހު ޔާމީންއާ ސުވާލުކޮށްފައި ވަނީ 22.5 މިލިއަން ރުފިޔާއަކާ ގުޅޭ ގޮތުން ކަމަށް އާޒިމާ ވިދާޅުވެފައިވެ އެވެ.

ފުލުހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީނުގެ ނަމުގައި ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން ފުލުހުންނަށް މައުލޫމާތު ލިބިފައިވާ އެކައުންޓްތަކަށް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ބޮޑެތި އަދަދުތަކުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް، އަދި އެ ފައިސާއިން މުއާމަލާތްކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، ރައީސް ޔާމީނުގެ އެ ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ ފްރީޒްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ އެމެރިކާ ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތަށް، 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އަދަދެއް ކަމަށް ފުލުހުން ހާމަކުރި އެވެ.

ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ އިރު އޭނާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން ހައްޔަރު ކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާިލްކޮށް ހައި ކޯޓުން ވަނީ ބުރާސްފަތި ދުވަހު ޔާމީން މިނިވަންކޮށްފަ އެވެ.

comment ކޮމެންޓް