ދީނަށް ފުރައްސާރަކުރުން މިވަނީ އިތުރުވެފައި: ސީޕީ ހަމީދު

ރައީސް ސޯލިހު ސީޕީ ހަމީދާ ސަލާމް ކުރައްވަނީ -- ފޮޓޯ: ޕޮލިސް

އިސްލާމްދީނަށް ފުރައްސާރަކުރުމާއި ދީނާ ގުޅުވައިގެން ހަރުކަށި ކަމާއި ހައްދު ފަހަނައަޅައި ދިއުން މިއަދު އިތުރުވެފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މުއައްސަސާ އަށް 86 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ ދީނަށް ފުރައްސާރަކުރުން ހައްދު ފަހަނައަޅާފައިވާ ކަމަށާއި އިންޓަނެޓް ޕްލެޓް ފޯމުތަކުގައި އެބައެއްގެ އެޖެންޑާ ކުރިއެރުވުމުގެ ތެރެއިން ވަކި ވަކި ފަރުދުންނަށް ފުރައްސާރަ ކުރުމާ ބިރުދެއްކުން އާންމުވެފައިވާ ކަމަށެވެ.

"މިކަންތައްތަކަކީ މިހާރުން މިހާރަށް ފުލުހުންގެ މުއައްސަސާ އާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ދެމެހެއްޓެނިވި މަސައްކަތެއްކޮށް ރައްޔިތުންގެ ރައްކާތެރިކަމަށް ހެޔޮ އަސަރެއް ގެނައުމަށްޓަކައި މަސައްކަތްކުރަންޖެހޭ ކަންކަން،"

އެ މަސައްކަތަކީ ފުލުހުން އިސްނަގައިގެން ކުރާނެ މަސައްކަތްތަކެއް ކަމަށްވެސް ހަމީދު ވީދާޅުވިއެވެ.

ހަމީދު ވިދާޅުވީ ކުށްމަދު ކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތްކުރާނެ ނޭޝަނަލް ކުރައިމް ސްޓްރެޓަޖީއެއް ނެތް ނަމަވެސް އެ ސްޓްރެޓަޖީ ވުޖޫދަށް އައުން ވަރަށް މުހިއްމުކަމަށެވެ.

"އެކަން މިހެން އޮތްއިރު މިއަދުގެ ހާލަތަކީ ރައްޔިތުންގެ ހައްގުތަށް ރައްކާތެރިކޮށްދިނުމަށް ގިނަ ގޮންޖެހުންތަކެއް ހުރުން. ރޭވިގެން ގްރޫޕް ހަދައިގެން ނުރައްކާތެރި ކުށްތަކަށް އަރައިގަތުމާއި ތޫނު ހަތިޔާރު ހިފައިގެން މާރާމާރީ ހިންގުމާއި މީހުން މެރުން ފަދަ ކުށްތަކާ މެދު ދެމެހެއްޓެނިވި ފިޔަވަޅުތައް އެޅުމުގައި އަޅުގަނޑުމެން ހިމެނިގެން މުޅި ނިޒާމް ވަނީ އިހުމާލުވެފައި،"

މިރޭ ހާމަކުރެވިގެންދިޔަ ސްޓްރެޓެޖިކް ޕްލޭނަކީ 2019 އިން 2024 އަށް އެކަން ކަމަށް މަގު ދައްކައިދޭނެ އިތުބާރުހުރި އާރުކާޓީއެއް ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

ޖަލްސާގައި އިތުރަށް ވާހަކަދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ ސްޓްރެޓަޖީ ހަދަން ފެށުނީއްސުރެ ފުލުހުންގެ މުއައްސަސާއިން ފެނިގެންދަނީ ވަރަށް އުންމީދީ މަންޒަރެއް ކަމަށާއި ރައްޔިތުން ދެކެން ބޭނުންވާ އަދި އުންމީދުކުރާ ފަދަ މުއައްސަސާއެއް ބިނާކުރުމަށް ފުލުހުން އަތުކުރި އޮޅާގެން ތިބި މަންޒަރު ފެނިގެން ގޮސްފައިވާ ކަމަށެވެ.

"ފުލުހުންނަށް ކިޔާ ފާޑު ބަލައިގަނެ އެއަށް ހެޔޮ ބަދަލުތަކެއް ގެންނަންޖެހޭކަން ހިތުގެ އަޑިން ގަބޫލުކުރާކަން އަޅުގަނޑަށް ވަނީ ކަށަވަރުވެފައި. ހެޔޮ ބަދަލު ގެނައުމަށް މަސައްކަތް ކުރާނަން،"

comment ކޮމެންޓް