34 މަސްތެރޭ އެއާޕޯޓްގެ އާ ޓާމިނަލް ނިމި ބޭނުންކުރަން ފެށޭނެ: މިނިސްޓަރު

ވީއައިއޭގައި އަލަށް އަޅާ ޓާމިނަލްގެ މަސައްކަތް ފަށަން ތައްޔާރުވެފައި --- ފޮޓޯ: އެމްއޭސީއެލް

ކުރިއަށް އޮތް 34 މަސް ތެރޭ އެއާޕޯޓްގެ އާ ޓާމިނަލް ނިމި ބޭނުންކުރަން ފެށޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމްގައި، ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފާއިތުވި ސަރުކާރުގައި އެއާޕޯޓްގެ މަސައްކަތްތައް އޮތީ މަޑުޖެހިފައި ކަމަށާއި އަދި އެކަމުގެ މަސައްކަތް އަވަސްކުރުމަށް ސައުދީ އަދި ކުވައިތުގެ ފަންޑާ މިހާރު ވާހަކަ ދައްކަމުންދާ ކަމަށެެވެ.

މިހާރު ހުރި މައްސަލަތަކާ ގުޅިގެން އެއާޕޯޓްގެ މަސައްކަތް ކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި އެހެންކަމުން އެހީދޭ ޖަމާއަތްތަކާ ވާހަކަ ދައްކައިގެން ހުރި މައްސަލަތައް ހައްލުކޮށް ހަލުވި ސްޕީޑެއްގައި މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

" އޭރުން ފެންނާނެ ރާއްޖެ މިއަންނަ ޓޫރިސްޓުން 1.3 މިލިއަނުްނ ތިން މިލިއަނަށް އިތުރުވެގެން ދާތަން. އަސްލު ހަގީގަތުގައި ތަރައްގީ މި ގެންނަން ޖެހެނީ ރަނގަޅަށް ޕްލޭން ކުރެވިގެން. އަޅުގަނޑު މެންނަށް މި ފެނިގެން މިދިޔައީ ރަންވޭއެއް ހެދި ބޮޑު އިންވެސްޓްމަންޓެއް ކުރެވިގެން ދިޔައިރު ރަންވޭއާކު ޓާމިނަލް އެޅިގެން ނުދިޔަ. މިހާރު ރަންވޭ އެއޮތީ ރަނގަޅަށް ތަރައްގީ ކުރެވި އެކަމަކު ރަންވޭގެ ބޭނުމެއް ނުހިފޭ ޓާމިނަލް ނިމިފައި ނެތީމާ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރަންވޭވެސް ރަނގަޅަށް ބޭނުންކުރެވޭނީ ޓާމިނަލް ނިމިގެން ކަމަށާއި އެހެންކަމުން އެ މަސައްކަތް ވަރަށް އަވަހަށް ނިންމަން ޖެހޭ ކަމަށެވެ. އަދި އެ ޓާމިނަލް މަސައްކަތް ވަރަށް އަވަހަށް ފެށި 34 މަސްދުވަސްތެރޭ ބޭނުންކުރެވޭ ވަރު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާޕޯޓުގެ ޓާމިނަލު ހެދުމަށް ހަރަދުކުރަން ކަނޑައަޅާފައިވާ 680 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ލިބެނީ މާލީ ތަފާތު އިދާރާތަކުންނެވެ. އެއީ އަބޫދާބީ ފަންޑާއި، ކުވެއުތު ފަންޑާއި ސައުދީ ފަންޑާއި، އޯޕިޑް ފަންޑުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދެނީ ސައުދީ ފަންޑުންނެވެ.

އެއާޕޯޓް ޓާމިނަލްގެ މަސައްކަތް ހަލުވި ކުރުމަށް ނިންމިއިރު، އެ ބިޔަ މަޝްރޫއުގައި ހިމެނޭ ޓާމިނަލްގެ ފްލޯ ޕްލޭނެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން ވަނީ ވިދާޅުވެސްވެފައެވެ. ނަމަވެސް ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އެ ކަން ދޮގުކުރައްވައިފައެވެ.

comment ކޮމެންޓް