ރޯދަމަހަށް ކާމޭޒު ބަދަލުކޮށްލަން ވިސްނަންތަ؟

ރޯދައަށް ކާމޭޒު ބަދަލުކޮށްލަން ވިސްނަންތަ؟---ފޮޓޯ:ހައުސް ބިއުޓިފުލް

ރޯދަމަސް އަންނަން ބާކީ މިއޮތީ މަދު ދުވަސްކޮޅެކެވެ. ކުރިއަށް މިއޮތް ދެތިން ހަފްތާއެއްތެރޭ ރާއްޖޭގައި އެންމެ ޑިމާންޑް ބޮޑުވާނޭ އެއްތަނަކީ ބަދިގޭ ސާމާނު ވިއްކާ ފިހާރަތަކާއި ފަރުނީޗަރު ފިހާރަތަކެވެ. މިހާރުވެސް ގިނަ ތަންތަނުގައި ސޭލް ފަށާފައިވާއިރު، ގިނަ ގެ ތަކުގައި ކުރިއަށްދާ އެއް މަޝްވަރާއަކީވެސް މިއީ ކަމުގައިވެދާނެ އެވެ.

މިގޮތުން ކާމޭޒު ނުވަތަ ޑައިނިން ޓޭބަލް އަކީ ހަމަގައިމުވެސް ރޯދަމަހު ކޮންމެހެންވެސް ކަހަލަ ބަދަލެއް ގެންނަންޖެހޭ އެކައްޗެވެ. މިއީ ރޯދައަށް ގޭގެ ކާމޭޒު ބަދަލުކޮށްލެވިދާނޭ ތަފާތު ގޮތްތަކެކެވެ. ބޮޑަށް ބަލާލެވިފައިވާނީ ޖާގަ ކުޑަގެތަކުގައި ގިނަބަޔަކަށް ފަސޭހައިން އެއްފަހަރާ ކާ މޭޒު ބޭނުންކުރެވިދާނޭ ގޮތްތަކަށެވެ.

ޖާގަ ސަލާމަތްކުރުމަށް ވަށް މޭޒެއް ބޭނުންކުރެވިދާނެ ---ފޮޓޯ: ހައުސް ބިއުޓިފުލް

ވަށް މޭޒު

މިއީ މީހުން މަދު ގެތަކުގައި ޖާގަ ސަލާމަތްކޮށް ހިތްގައިމު ގޮތަކަށް ކާ މޭޒު ބެހެއްޓިދާނޭ ގޮތެކެވެ. ކުޑަ ވަށް މޭޒެއް ގޭގެ އެއް ކަނެއްގައި މިފަދައިން އިށީދެވޭނެހެން ފަރުމާކޮށްލުމަކީ ތަފާތު ގޮތަކަށްވާނެ އެވެ.

ފަށްޖަހާލެވޭ މޭޒު----- ފޮޓޯ: ހައުސް ބިއުޓިފުލް

ފަށްޖެހޭ މޭޒު

މިއީ ވަރަށް ކުޑަ ޖާގައެއްގައި އުޅޭނަމަ ވަރަށް ރަގަޅު ޚިޔާލަކަށްވާނެއެވެ. ބޭނުންކުރަންޖެހޭ އިރު މޭޒު ހުޅުވާލުމަށްފަހު، ބޭނުންކޮށް ނިންމާލުމަށްފަހު ފަށްޖަހާލެވޭނަމަ އެތަނުގައި އެހެން ކަންކަން ކުރުމަށް ޖާގަ ލިބޭނެއެވެ. ޖާގަ ސަލާމަތްވުމުގެ އިތުރަށް ގޭގެ އިންޓީރިއާވެސް ފުރިހަމަވާނެއެވެ.

ފާރުކައިރި އެއް ކަނުގައި މޭޒު ބެހެއްޓިދާނެ --ފޮޓޯ: ހައުސް ބިއުޓިފުލް

ފާރުކައިރީގައި މޭޒު ބެހެއްޓުން

ކުރިން ބުނެވުނު ގޮތްތަކަކީ އާންމުކޮށް މީހުން މަދު ގެތަކަށް ރަގަޅުވާނޭ ޚިޔާލުތަކެކެވެ. ނަމަވެސް ގޭގައި މިކަހަލަ ތަންކޮޅެއް ހުންނަނަމަ ދެ ފާރެއް ކައިރި މި ސައިޒުގެ މޭޒެއް ބެހެއްޓިދާނެއެވެ. އޭރުން ގޭތެރޭ ހިނގާނެ ޖާގަ ބޮޑުވާނެއެވެ. އަދި، ފަށްޖެހޭ ގޮނޑި ބޭނުންކުރެވިދާނެ އެވެ. ރޯދަވީއްލުމަށް ނުވަތަ ތަރާވީސް ގަޑިއަށް ގެއަށް ބަޔަކު އަންނަނަމަ މޭޒު ޖެހިފައި ހުރި ފާރުން ޖާގައެއް ހަދާ ބޭނުންވެސް ކުރެވިދާނެއެވެ.

ޝެލްފުތަކާއި ގޮނޑިއާއި އެއްކޮށްލުން--- ފޮޓޯ: ހައުސް ބިއުޓިފުލް

ޝެލްފުތަކާއި ގޮނޑިއާއި އެއްކޮށްލުން

އާންމުގޮތެއްގައި އަހަރެމެންގެ ގެތަކުގައި ގިނަވާނީ ކަބަޑުތަކެވެ. ރައްކާކުރަންޖެހޭ އެއްޗެހި ގިނަވެ، ކާމޭޒުދޮށުގައި ޖާގައެއް ނެތްނަމަ ކަބަޑުގެ ބަދަލުގައި ޝެލްފާއި ގޮނޑިއެއް އެއްކޮށްލުމަށްފަހު ބޭނުންކުރެވިދާނެ އެވެ. "ބިލްޓް އިން ޝެލްފް" އަކީ މިފަދައިން ބޭނުންކުރެވިދާނޭ ޝެލްފުތަކެވެ. ޖާގަ ސަލާމަތްވުމާޢެކު ހަމަޖެހިލައިން ގިނަ ބަޔަކަށް އިށީދެވޭނެ އެވެ.

ބެންޗް --- ފޮޓޯ: ހައުސް ބިއުޓިފުލް

ބެންޗް

މިއީ ފަހަކަަށް އައިސް ވަރަށް މަގްބޫލު ގޮތެކެވެ. ގޮނޑީގެ ބަދަލުގައި ކާމޭޒު ކައިރީގައި ބެންޗެއް ބެހެއްޓުމެވެ. ޖާގަ ސަލާމަތްވުމުގެ އިތުރަށް ގިނަބަޔަކަށް މޭޒުދޮށުގައި ތިބެވޭނެ އެވެ. ހާއްސަކޮށް ކުޑަކުދިން އުޅޭ ގެއެއްގައިނަމަ މިއީ ވަރަށް ފަސޭހަގޮތެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު