ކޭބަލް ކާރު އަޅަން ބުނުމަކީ ޖޯކެއް ނޫން: ޖާބިރު

ކާށިދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ޖާބިރު ވާހަކަ ދައްކަވަނީ: ޖާބިރު ވިދާޅުވަނީ ކޭބަލް ކާރު އެޅުމަކީ ޖޯކެއް ނޫން ކަމަށް -- ސަން ފޮޓޯ

ކާށިދުއާއި ގާފަރާ ދެމެދު ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ކޭބަލް ކާރު އަޅަން ބުނުމަކީ "ޖޯކެއް" ނޫން ކަމަށް ކާށިދޫ ދައިރާއަށް ވާދަ ކުރައްވާ އެ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖާބިރު ވާދަ ކުރައްވަނީ އެ ދާއިރާގެ ބޮޑު ތަސައްވަރަކާ އެކުއެވެ. 30،000 މީހުންގެ އާބާދީގެ ބޮޑު ސިޓީއަށްކަށް އޭނާ ތަސައްވަރެއް ޕްލޭން ކޮށްފައިވާ އިރު، ކާށިދޫއާއި ގާފަރާ ދެމެދު ކޭބަލް ކާރުން ގުޅާލާނެ ކަމަށް ޖާބިރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކާށިދޫގައި ރޭ ބޭއްވި ޖާބިރުގެ ކެމްޕެއިން ހަފްލާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ތަހުޒީބުވެފައިވާ ގައުމުތަކުގައި އެއް ގައުމުން އަނެއްގައުމަށް އަދި އެއް ސިޓީން އަނެއް ސިޓީން ދަތުރުކުރުމަށް ކޭބަލް ކާރުން ގުޅުވާލައިފައިވާ ކަަމަށެވެ. ކޭބަލް ކާރުން ކާށިިދުއާއި ގާފަރު ގުޅުވާލުމަކީ ނުވާނެ ކަމެއް ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ތެރެއިން ނާތަހުޒީބު މީހުން އެއީ ޖޯކެއް ކަމަށް ބަލައިގެން އުޅެފާނެ. ގާފަރު ފަރާއި ކާށިދޫ ފަރާ ދޭތެރެ މާ ދިގެއް ނޫން. އެއަށްވުރެ މާދިގުގައި ތަންތަން އަޅާފައި އެބަހުރި. މޫދު އަޑިން ޓަނަލް އަޅާފައި އެބަހުރި. މިކަންކަމަކީ ތަހުޒީބު ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މާބޮޑު ޖޯކަކަށް ނުވާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބުކަންވެސް ކުރައްވަމުން ގެންދަވާ ޖާބިރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ޖާބިރު ޕްލޭންކޮށްފައިވާ ގާފަރުގެ ތަސައްވަރު --

ޖާބިރު ވިދާޅުވީ މާލެ ކައިރީގައި ހުންނަ ކާށިދޫ ފަދަ ބިން ބޮޑެތި ރަށްތަކުގެ ބިމުގެ ބޭނުން ނުހިފައި، ކޮންމެ ސަރުކާރަކުންވެސް ދަނީ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ފަޅު ހިއްކަމުން ކަމަށެވެ. އަދި އެކަމުން ދޭހަވަނީ ކޮންމެ ސަރުކާރަކުންވެސް ކާށިދުއަށް މާބޮޑު އަހައްމިއްޔަތުކަމެއް ނުދޭކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ޖާބިރު ވަނީ މިހާތަނަށް ކާށިދޫގެ ދިހައަކަށް ވުރެ ގިނަ ގޯއްޗާއި ބިން ގަނެފައެވެ. އަދި ބައެއް ބިން އޭނާ ވަނީ ކުއްޔަށް ނަގާފައެވެ. އޭނާގެ ޕްލޭނަކީ ކުރިއަށް އޮތް އަހަރު ދުވަސް ތެރޭގައި ކާށިދޫ ދާއިރާއަށް 100 މިލިއަން ރުފިޔާ އިންވެސްޓުކުރުމެވެ.

ޖާބިރު ވިދާޅުވީ، އެ ބިންތަކުގައި ވަރަށް އަވަހަށް އިންވެސްޓްކުރަން ފަށާނެ ކަމަށާއި އޭނާގެ ވިޔަފާރި ކުންފުނިތަކުގެ އޮފީސްތައްވެސް ކާށިދޫ ދާއިރާއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއާއެކު ކާށިދޫ ދާއިރާއަށް ވަޒީފާގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"މިއަދުން ފެށިގެން އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ އަޅުގަނޑުގެ އޮޕަރޭޝަނަލް އޮފީސްތައް މިތާގައި ގާއިމުކުރަން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 90 ދުވަސް ތެރޭ 300 އަށް ވުރެ ގިނަ ޔޮޓް ޓުއާސްގެ އެކި އެކި ކުންފުނިތަކުގެ ވަޒީފާތައް ގާފަރާއި ކާށިދޫގައި ހަމަޖެހިގެން ދާނެ،" ބޭރުގެ ބޮޑެތި އިންވެސްޓަރުންނާ ގުޅިގެން ރާއްޖޭގައި ރިސޯޓު ހިންގާ ޖާބިރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ޖާބިރު ޕްލޭންކޮށްފައިވާ ގާފަރުގެ ތަސައްވަރު --

ޖާބިރު ވިދާޅުވީ، މިހާރު އޭނާ ކާށިދޫއިން ގަނެފައިވާ ބިމުގައި 10 ބުރީގެ ޖެނެރަލް ހޮސްޕިޓަލެއް ވެސް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑު މިދާއިރާ ތަމްސީލުކުރާ އިރު، މި ދާއިރާގެ ރައްޔިތުންނަށް ހައްގު މިންވަރު އަޅުގަނޑު ކަށަވަރު ކޮށްދޭނަން. ހައްގު މިންވަރަކީ، މާލެއަށް ނުގޮސް ކާށީދުއާއި ގާފަރުގައި ތިބެގެން މާލޭ ބޭފުޅުން ކާށިދުއާއި ގާފަރުން ލިބޭ ހިދުމަތްތައް ލިބުން،"

ކާށިދޫގައި އެއާޕޯޓެއް އެޅުމަކީވެސް ޖާބިރުގެ ތަސައްވަރުގައި ހިމެނޭ ކަމެކެވެ. ޖާބިރު ވިދާޅުވީ، އޭނާއަށް އެއާޕޯޓު އެޅުމުގެ ހުއްދަ ލިބުމައެކު 18 މަސް ދުވަސްތެރޭ އެ އެއާޕޯޓު އަޅައި ނިންމައިދޭނެ ކަމަށެވެ.

ކާށިދޫގައި ރޭ ކެމްޕޭން ޖަލްސާއެއް ބޭއްވި އިރު، އިއްޔެ މެންދުރު ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވަނީ ކާށިދުއަށް ވަޑައިގެން ޖާބިރުގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

ޖާބިރުގެ އަނބިކަބަލުން ކާށީދޫ އަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމުން -- ސަން ފޮޓޯ

އަންނަ މަހު ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ޖާބިރު ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. އޭނާ އަމިއްލަގޮތުން ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވީ، އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބުވުމުންނެވެ.

އެމްޑިޕީ ޕްރައިމަރީ އިންސާފުވެރި ނޫން ކަމަށް ޖާބިރު މީގެ ކުރިން ވަނީ ތުހުމަތުކުރައްވާފައެވެ. ޕާޓިގެ ޕްރައިމަރީން ބަލިވާ ފަރާތްތަކަށް އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ވަޑައިގަތުމުން އެ އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓުން ވަނީ އެ އިސްލާހު ބާތިލް ކޮށްފައެވެ.

comment ކޮމެންޓް