ޔޫތު އެންޓްރެޕްރެނިއާސް ފޯރަމް ބާއްވައިފި

ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި ފޯރަމް -- ފޮޓޯ: އެމްއެމްއޭ

މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ބާއްވަން ނިންމާފައިވާ ޔޫތު އެންޓްރެޕްރެނިއާސް ފޯރަމް ބާއްވައިފިއެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި މި ފޯރަމްގައި 50 ފަރާތަކުން ބައިވެރިވިއެވެ. މި ފޯރަމަކީ އަމިއްލަ ވިޔަފާރިއެއް ފަށައިގެން މަސައްކަތްކުރާ ފަރާތްތަކުން އެ ފަރާތްތަކުން ވިޔަފާރިއެއް ފެށުމަށް ކުރި މަސައްކަތާއި ކާމިޔާބު ވިޔާފާރިއެއް ކުރުމަށް ކުރި ދަތުރުގައި ދިމާވި ގޮންޖެހުންތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ހަރަކާތެކެވެ.

ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ އިޖާދީ އަދި އުފެންދުންތެރި ވިސްނުންތަކުގެ ތެރެއިން އަމިއްލަ ވިޔަފާރިތައް ފެށުމަށް ޒުވާނުންނަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވާ ކަމަށެވެ.

އަދި ޓެކްނޮލަޖީގެ ދާއިރާއިން ފާހަގަކުރެވޭ ބޮޑެތި ކުންފުނިތަކުން ކާމިޔާބީ އާއި ހިސާބަށް އައީ ތަފާތު ވިސްނުންތަކުގެތެރެއިން ކަމަށާއި އެކެއްގެ ކާމިޔާބީ އަކީ އަނެކާގެ ކާމިޔާބީއަށް ހުރަސްއެޅޭ ކަމެއް ނޫންކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވި މުޖުތަމައު ގުޅިގެން މުޖްތަމައުގެ ލާބައާއި މަންފާއަށް މަސައްކަތްކުރުމުގެ ފުރުސަތު ތަނަވަސްވެފައިވާ ކަމަށެވެ.

ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް މާލޭގެ އިތުރުން ހދ. ކުޅުދުއްފުށި، ލ. ފޮނަދޫ އަދި ގދ ގައްދޫގައި ކުރިއަށް ގެންދާއިރު ހޮނިހިރު ދުވަހު އެ ރަށްރަށުގައިވެސް ޔޫތު ފޯރަމްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ގްލޯބަލް މަނީވީކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މާލީ އަދި ފައިސާ އާއި ގުޅުންހުރި ކަންތައްތަކަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރި ކުރުމަށް ޚާއްސަކުރާ ހަފްތާއެކެވެ.

comment ކޮމެންޓް