ނިއުރޭޑިއަންޓުގެ ކުރީގެ އިސްވެރިން މަހުލޫފާ ވެސް ބައްދަލު ކުރައްވައިފި

ނިއުރޭޑިއަންޓުގެ ކުރީގެ އިސްވެރިން މިނިސްޓަރު މަހުލޫފާ ބައްދަލު ކުރައްވަނީ ---

ފުޓުބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑު ކޮށްފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް އަލުން ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތުގެ ތެރެއިން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފާ ވެސް އެ ކްލަބުގެ ކުރީގެ އިސްވެރިން ބައްދަލުކުރައްވައިފިއެވެ.

އެ މަސައްކަތުގެ ދަށުން އެ ކްލަބުން މީގެކުރިން ވަނީ އެ ކުލަބުގެ ބާނީ ކުއީން އަހުމަދު ވަހީދާއި ކުރީގެ ޗެއާމަން ކާމިނީޕޫލް ހަސަން މަނިކާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ވެސް ބައްދަލު ކުރައްވާފަ އެވެ.

ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ އާއި އުޖޫރަ ނުދިނުމުގެ މައްސަލާގައި ނިއުރޭޑިއަންޓާ މެދު އެފްއޭއެމް އިން ފިޔަވަޅު އެޅީ މި އަހަރުގެ ކުރީ ކޮޅެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޖުމްލަ 10 ކުޅުންތެރިއަކަށް ދޭން ޖެހޭ ތިން މިލިއަން ރުފިޔާ ދީފައި ނުވާތީ އެކަން ޙަލާސް ކުރުމަށް އެތައް ފަހަރަކު މުހުލަތުތަކެއް ނިއުރޭޑިއަންޓަށް ދިނުމަށް ފަހު އެފްއޭއެމް އިން އެޅި ފިޔަވަޅެކެވެ.

ނަމަވެސް އޭރު ނިއުރޭޑިއަންޓުން ޝައްކު ކުރަމުން ދިޔައީ އެ ފިޔަވަޅަކީ އެފްއޭއެމްގެ އިސްވެރިން ބޭރު ކުރަން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ނިއުރޭޑިއަންޓުން އިސްނަގައިގެން އުޅޭތީ އެޅި ޒާތީ ފިޔަވަޅެއް ކަމަށެވެ. އެފްއޭއެމް އާއި ނިއުރޭޑިއަންޓާ ދެމެދު ފިނި ހަނގުރާމައެއް އުފެދިފައިވާ ވަނިކޮށް އެ މައްސަލަ ބެލުމަށް ފީފާގެ ވަފުދެއް ވެސް ރާއްޖެ އައިސްފައިވެ އެވެ.

ނަމަވެސް އެކަން ދިރާސާ ކުރުމަށް ފަހު ފީފާގެ ވަފުދުން ނިންމީ އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރަން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ޝަރުތު ހަމަ ނުވާތީ އެކަން ކުރެވެން ނެތް ކަމަށެވެ. އެފްއޭއެމް އާއި ނިއުރޭޑިއަންޓުގެ ކޯޅުން ބޮޑުވެފައި ވަނިކޮށް އެފްއޭއެމް އިން އަހަރީ ކޮންގްރެސް ބާއްވައި ބައިވެރިވި 14 ކުލަބުގެ ތެރެެއިން 12 ކުލަބުގެ އަގުލަބިއްޔަތާ އެކު އަންނަ އަހަރުގެ އެ ކޮންގްރެސްއާ ހަމައަށް ނިއުރޭޑިއަންޓް ސަސްޕެންޝަން ދަމަހައްޓަން ވަނީ ނިންމައިފަ އެވެ.

އޭރު ނިއުރޭޑިއަންޓުން ދިޔައީ ކުޅުންތެރިންނަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން ކަމަށް އެ ކުލަބުން ވަނީ ބުނެފަ އެވެ. ދެން ފެނުނީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކުލަބު މި ސީޒަނުގައި ނުފެންނާނެ ކަން ޔަގީންވުމާ އެކު އެ ކުލަބުގެ ސަޕޯޓަރުން މާޔޫސްކަމެއްގައި ތިއްބާ ކުލަބުގެ ޗެއާމަން އިސްތިއުފާ ދެއްވި މަންޒަރެވެ.

ނަމަވެސް ކުލަބުގެ ހެޔޮ އެދޭ ފަރާތްތަކާއި ކުލަބުގެ ކުރީގެ ކުޅުންތެރިންނާ އިސްވެރިން ވަނީ ކުލަބުގެ ދިފާއުގައި ތެދުވެފަ އެވެ. އެގޮތުން އެކްޓިންގް ޗެއާމަނަކަށް ބޭފުޅަކު ހަމަޖައްސައި އެގްޒެކިއުޓިވް ކޮމިޓީއެއް ވެސް އުފައްދާފަ އެވެ.

ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް އަކީ ނިއުރޭޑިއަންޓުގެ ސަސްޕެންޝަނާ އެކު އެންމެ ފާޅު ކަން ބޮޑު ގޮތެއްގައި އެފްއޭއެމްއަސް ފާޑު ވިދާޅުވި އެއް ބޭފުޅާ އެވެ. މަހްލޫފް އޭރު އެފްއޭއެމްއަށް ބޮޑެތި ތުހުއްމަތު ތަކެއް ކުރައްވަމުން ދިޔަ ނަމަވެސް އެ މަސައްކަތް ހުއްޓާލީ ފުޓުބޯޅައިގެ ތެރެއަށް ސަރުކާރު ވަދެއްޖެ ނަމަ ފީފާއިން ފިޔަވަޅު އަޅާފާނެ ކަމުގެ އިންޒާރު ދިނުމުންނެވެ.

ނިއުރޭޑިއަންޓް އުފެދުނީއްސުރެން ކުލަބަށް ހިދުމަތް ކުރުމުގައި ދެމިހުރި އެކުލަބުގެ ބާނީ ކުއީން ވަހީދާއި ކުރީގެ ޗެއާމަން ހަސަން މަނިކާ މިއަދު މަހްލޫފްއާއި ބައްދަލު ކުރައްވާފައިވާ އިރު މަހްލޫފް ވިދާޅުވީ އެ ބައްދަލުވުމުގައި އެ ކުލަބުގެ ހާލަތާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

comment ކޮމެންޓް