މުޣުނީގެ ކަރުގައި ސޭޝް އަޅުވައި ދެއްވާ ނަޝީދުގެ ތާއީދު އޮތްކަން ހާމަކުރައްވައިފި

ނަޝީދު މުޣުނީގެ ކަރުގައި ސޭޝް އަޅުވައި ދެއްވަނީ -- ފޮޓޯ: އެމްޑީޕީ

ތިނަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓު އަބްދުލް މުޣުނީ އަށް ކުރައްވާ ތާއީދު ގެންދަވާފައިވާކަމަށް ހާމަކުރައްވާފައިވަނިކޮށް މުޣުނީ ބައިވެރިވާ ކެމްޕެއިން އިވެންޓެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

މުޣުނީ އަށް ކުރައްވާ ތާއީދު ގެންދަވާ ކެމްޕެއިން ހަރަކާތެއްގައިވެސް ބައިވެރިވެވަޑައި ނުގަންނަވާނެކަމަށް ނަޝީދު ވިދާޅުވީ މުޣުނީ އަށް ގެވެށި އަނިޔާގެ ތުހުމަތު ކުރެވުމުންނެވެ.

ނަމަވެސް ފުލުހުން ބުނެފައިވަނީ އެއްވެސް އިރެއްގައި އެފަދަ މައްސަލައެއް މުޣުނީ އާ ގުޅޭގޮތުން ހުށަހެޅިފައި ނުވާ ކަމަށެވެ.

ނަޝީދު މިރޭ ވަނީ މުޣުނީގެ ކަރުގައި އެމްޑީޕީގެ ކެންޑިޑޭޓުކަން އަންގައިދޭ އެޖެންޑާ 19 ސޭޝްވެސް އަޅުއްވައި ދެއްވައިފައެވެ.

ހުވަދުއަތޮޅުގެ ގެ ހުރިހާ ދާއިރާއަކަށް އެމްޑީޕީ އިން ވާދަކުރާ ކެންޑިޑޭޓުންނާއެކު ތިނަދޫގައި ބައިވެރިވާ ޖަލްސާ އަށް ނަޝީދު ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގައި އިސްކޮށް ހުންނެވީވެސް މުޣުނީ އެވެ.

މުޣުނީ އަށް ކުރެވުނު ތުހުމަތު ތަކާއެކު އޭނާ އަށް ކުރާ ތާއީދު އަނބުރާ ގެންދެވުމަށްފަހު މުޣުނީގެ ކެމްޕެއިން ހަރަކާތުގައި ނަޝީދު ބައިވެރިވެވަޑައިގަންވާތީ ސޯޝަލް މީޑިއާގައި ދަނީ ނަޝީދަށް ފާޑު ކިޔަމުންނެވެ.

comment ކޮމެންޓް