ކަފިހި ހުރަސްމަތިން އެކްސިޑެންޓުވި މީހާ ހޭ އަރައިފި، ހާލު ރަނގަޅު

ސެނެހިޔާ ކައިރީ އޮންނަ ކަފިހި ހުރަސް މަތިން ބަޔަކު މަގު ހުރަސްކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސެނެހިޔާ ހޮސްޕިޓަލު ކައިރިން ކަފިހި ހުރަސްމަތިން މަގު ހުރަސްކުރަނިކޮށް އެކްސިޑެންޓުވި އަންހެންމީހާ ހޭ އަރައިފިއެވެ.

މިދިޔަ މަހުގެ 12 ވަނަ ދުވަހު ހަވީރު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި އުމުރުން 45 އަހަރުގެ އަންހެންމީހާގެ ހާލު ސީރިޔަސްވެ ފަރުވާ ދެމުން ގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫ ގައެވެ.

އޭނާގެ ސިކުނޑި އަށް ލޭ އެޅި، ފަރުވާދީފައިވަނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. މަހަކަށްވުރެ ގިނަ ދުވަސްފަހުން އަންހެންމީހާ ހޭ އެރި ނަމަވެސް އޭނާ އަށް އަދިވެސް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "ސަން" އަށް ވިދާޅުވީ އަންހެންމީހާގެ ހާލު މިހާރު ކުރިއާ އަޅާ ބަލާއިރު ވަރަށް ރަނގަޅު ކަމަށެވެ.

މި އެކްސިޑެންޓު ހިނގީ މަގު ހުރަސްކުރަނިކޮށް ޓެކްސީ އެއްގައި ޖެހިގެންނެވެ. އެކްސިޑެންޓުވި ޓެކްސީ ދުއްވަން އިން މީހާގެ ލައިސެންސް ދެ އަހަރަށް ހިފަހައްޓައި، ޓެކްސީގެ ހުއްދަ ވަނީ ބާތިލްކޮށްފައެވެ.

ފުލުހުން ބުނީ އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވަން އިން މީހާގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށެވެ.

comment ކޮމެންޓް