އީޔޫގެ އިލެކްޝަން އެކްސްޕާޓްގެ ވަފުދާ ޝިދާތާ ބައްދަލުކުރައްވައިފި

އީޔޫގެ އިލެކްޝަން އެކްސްޕާޓްގެ ވަފުދާ ޝިދާތާ މިއަދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: ޖެންޑާ މިނިސްޓްރީ

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އިލެކްޝަން އެކްސްޕަރޓްގެ ވަފުދާ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ބައްދަލުކުރައްވައިފިއެވެ.

ޖެންޑާ މިނިސްޓްރީގައި ކުރިއަށް ދިޔަ އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަންހެނުންގެ ބައިވެރިވުން އޮތް މިންވަރާއި، ޖެންޑަރ އިކުއަލިޓީގެ ގާނޫނު ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތައް އެ ބޭފުޅުންނާ ހިއްސާކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ޝީދާތާ ވަނީ ފާއިތުވެ ދިޔަ ދައުރުތަކުގައި ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތަމްސީލުކުރާ ނިސްބަތް އިތުރުނުވާ ކަން ފާހަގަކުރައްވައެވެ.

އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ކުރިމަތިލައިފައިވާ އަންހެން ކެންޑިޑޭޓުންގެ ނިސްބަތަށް ބަލައިލާ އިރު، ކުރިއަށް އޮތް 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އަންހެނުންގެ ނިސްބަތަށް މާ ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ގަބޫލުނުކުރެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ ފަރަގު ނައްތައިލައި، އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމުގައި ސިޔާސީ ޕާޓީތަކުގެ ދައުރު މިހާރަށް ވުރެ ބޮޑަށް އިތުރު ކުރަން ޖެހޭ ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.

ގާނޫނު ހަދާ މަޖިލީހުގައި އަންހެނުން ތަމްސީލުކުރާ މިންވަރާއި ބައިވެރިވުން އިތުރުކުރުމަށް، ގާނޫނު ހަދާ މަޖިލީހުގައި ވަކި އަދަދަކަށް އަންހެނުންނަށް ގޮނޑި ކަނޑައެޅުމުގެ (އެފަރމޭޓިވް އެކްޝަން) މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައި ޝިދާތާ ވިދާޅުވީ މިހާރު އޮތް ނިޒާމުގެ ތެރެއިން އަންހެނުންގެ ބައިވެރިވުން އިތުރުވުމަށް ގަބޫލުކުރުމަކީ، ފާއިތުވެ ދިޔަ 10 އަހަރުގެ ތަޖުރިބާ އަލުން ތަކުރާރުކުރުން ކަމަށެވެ.

comment ކޮމެންޓް