އަންހެނުންގެ ފުޓުބޯޅަ ލީގެއް މިއަހަރު ރާއްޖޭގައި ފަށަނީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއާއި މަޔޯއްޓޭޭގެ މެޗަށް ފަހު ރާއްޖޭގެ ކުޅުންތެރިން ދަނޑުމަތީގައި މަޑުކޮށްލައިގެން --- ފޮޓޯ/ އެމްއޯސީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމްގެ) އިން އިންތިޒާމު ކޮށްގެން އަންހެނުންގެ ފުޓުބޯޅަ ލީގެއް މިއަހަރު ބާއްވާނެ ކަމުގެ ފެހި ސިގްނަލް އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެއްވައިފި އެވެ.

އެފްއޭއެމްއިން މިއަހަރަށް އެކުލަވާލާފައިވާ ބަޖެޓުގައި ވެސް ބޮޑު ހަރަދެއް ކުރުމަށް ކަނޑައަޅާފައިވާ އަންހެނުންގެ ފުޓުބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ ގޮތުން އަންހެނުންގެ ފުޓުބޯޅަ ލީގެއް ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވެއްޖެ އެވެ.

ބައްސާމް މިހެން ވިދާޅުވީ މި މަހުގެ 25 ވަނަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި އެފްއޭއެމްގެ އަހަރީ ކޮންގްރެސްގަ އެވެ. އެ ކޮންގްރެސްގައި ރާއްޖޭގެ ކުލަބުތަކުގެ މެދުގައި ޖެހިފައިވާ ބައެއް މައްސަލަތަކުގެ ބަހުސް ކުރެވި މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ކަންކަން ކުލަބުތަކާއި އެފްއޭއެމްގެ އިސްފަރާތްތަކުގެ މެދުގައި ވަނީ ހިއްސާ ކޮށްފަ އެވެ.

މިއަހަރުގެ ބަޖެޓުގައި އަންހެނުންގެ ފުޓުބޯޅަ ކުރިއެރުވުމަށް ތިން މިލިއަން ހަތްލައްކަ އަށްޑިހަ ދެހާސް އަށްޑިހަ ރުފިޔާ ވަނީ ހިމަނާފަ އެވެ. އެގޮތުން ވޭތުވެ ދިޔަ އަހަރުތަކެއް ވުރެން ގިނަ މަސައްކަތްތަކެއް އަންހެނުންގެ ފުޓުބޯޅަ ކުރިއެރުވުމަށް މިއަހަރު ކުރެވިގެން ދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ ކުރިއަށް އޮތް ދޮޅު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަންހެން ކުދިންގެ ފުޓުބޯޅަ އެކެޑަމީ ލޯންޗު ކުރެވިގެންދާނެ ކަމަށެވެ. އޭގެ ސަބަބުން އެންމެ ތުއްތު އުމުރުން ފެށިގެން ވެސް ފުޓުބޯޅަ ކުޅެން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްއިން ބޭއްވި ކޮންގްރެސްގެ ތެރެއިން މިހާރު ރާއްޖެގައި ފުޓުބޯޅައަށް ލޯބި ކުރަމުންދާ އަންހެން ބޭފުޅުންނަށް ލިބިގެންދިޔަ އެންމެ އުފާވެރި ޙަބަރަކީ މިއަހަރު ރާއްޖޭގައި އަންހެނުންގެ ފޫޓްބޯޅަ ލީގެއް ބާއްވާނެ ކަމަށް އެފްއޭއެމް ބުނި ބުނުމެވެ.

"އަޅުގަނޑުމެން މިހާރު މިކަންތައް ފީފާއާ ވެސް މަޝްވަރާ ކޮށްފިން،" ބައްސާމް ވިދާޅުވި އެވެ. "މިއަހަރުގެ އެންމެ ބޮޑު އެއް ޓާގެޓަކީ އަންހެނުންގެ ފޫޓްބޯޅަ ލީގު ޓޯނަމެންޓެއް ބޭއްވުން. އަޅުގަނޑުމެން މި ގަސްތު ކުރަނީ "އެއިޓް އަ ސައިޑް" މުބަރާތެއް ބާއްވަން. އެއީ ގިނަ ކުލަބުތައް ހެދޭނެ ވަރަށް ފުޓުބޯޅަ ކުޅޭ އަންހެން ކުދިން އަދި ނެތީމަ."

މީގެ އިތުރުން ވޭތުވެ ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގެ އަންހެނުންގެ ފުޓުބޯޅަ ކުރިއެރުވުމަށް އެފްއޭއެމް އިން ގިނަ މަސައްކަތްތަކެއް ކޮށްފައި ވާނެ ކަމަށާއި އެކަމުގެ ހެއްކަކީ ގައުމީ އަންހެން ފުޓުބޯޅަ ޓީމުން ފަހަކަށް އައިސް ހޯދާފައިވާ ކުރި އެރުމާއި ކާމިޔާބީތައް ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.

comment ކޮމެންޓް