އަޅުގަނޑަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު، ޕާޓީއަށް ކޮށްދެވެން އޮތް ކަމެއް ކުރަން ޖޭހޭ: ރައީސް

ރައިސް ސޯލިހް: އެމަނިކުފާނަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ކަމަށާއި ޕާޓީއަށް ކޮށްދެވެން އޮތް ކަމެއް ކުރަން ޖޭހޭ ކަމަށް ވިދާލުވި -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަކީ ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ އެންމެ އިސް ލީޑަރު ކަމަށާއި ވެރިކަމުގައި ހުންނެވިއަސް، ޕާޓީ އަށް ކޮށްދެން އޮތް ކަމެއް ކޮށްދޭން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އެ ޕާޓީގެ މެމްބަރަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާ އިރު، ޕާޓީގެ އެންމެ އިސް ބޭފުޅަކީ ރައީސުލްޖުމްހޫރީއްޔާ އެވެ.

މިއަދު ހެނދުނު ރާއްޖެ ޓީވީ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ކޯލިޝަންގެ ބައިވެރިންގެ މެދުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެކުގައި މަސައްކަތް ކުރެއްވުމަށް އެއްބަސް ނުވެވުނު ކަމަށާއި މަޖިލިސް ކެމްޕެއިންގައި އެމްޑީޕީ އަށް ތާއީދު ހޯއްދެވުމަށް ކެމްޕެއިންގައި ބައިވެރިވެވަޑައިގަތީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށެވެ.

"އަޅުގަނޑަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު. އެއީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެކަން އޮތް ގޮތް. އަޅުގަނޑު ވެރިކަމުގައި ހުއްޓަސް އަޅުގަނޑު ޖެހޭނެ ޕާޓީ އަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދޭން،" އެމްޑީޕީ ކެންޑީޑޭޓުންނަށް ކެމްޕެއިން ކުރެއްވުމަށް ނިކުންނެވުމަކީ ކޯލިޝަން އެއްބަސް ވުމާ ހިލާފުވުންތޯ ސުވާލު ކުރުމުން ރައީސް ސޯލިހް ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގައި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ އޮތުން މުހިންމު ކަމަށާއި އަދި ވަކިން ހާއްސަކޮށް އެމްޑީޕީ އަށް މަޖިލީހުގައި ގިނަ ގޮނޑިތަކެއް ލިބެން ޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވި އެވެ.

ރައީސް ވިދާޅުވީ، ކޯލިޝަންގެ ބޮޑުބައި އޮތީ އެމްޑީޕީ އަށް ކަމަށާއި ރައްޔިތުންގެ 50 ޕަސަންޓް މީހުންގެ ވެސް ތާއީދު ކުރަނީ އެމްޑީޕީގެ ސިޔާސަތުތަކަށް ކަމަށެވެ. އެގޮތުން މަޖިލީހުގައި އެމްޑީޕީ އަށް ގިނަ ގޮނޑިތަކެއް ލިބުން މުހިންމު ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ 50 ޕަސަންޓާ ކައިރި ކުރާ އަދަދަކަށް މިތިބީ އެމްޑީޕީގެ ސިޔާސަތުތައް ގަބޫލު ކުރާ މީހުން. އެހެންވީމާ އެ ސިޔާސަތުތައް ތަންފީޒުކުރުމަށް މަޖިލީހުގައި ވީހާ ވެސް ގިނަ ގޮނޑިތަކެއް އެމްޑީޕީއަށް ލިބުމަކީ، ހަމަ ގައިމު ވެސް މި ސަރުކާރު ދެމެހެއްޓުމަށާއި އަދި ސިޔާސަތުތައް ތަންފީޒު ކުރުމަށް މުހިންމު ކަމަކަށް ވާތީ [ކެންޕެއިންއަށް] ނިކުތީ،" ރައީސް ވިދާޅުވި އެވެ.

ކޯލިޝަން ބައިވެރިންގެ މެދުގައި ދާއިރާތައް ބަހާނެ ގޮތެއް ކަނޑަ ނޭޅި ހަތަރު ބައިވެރިން ވެސް ވާދަ ކުރައްވަނީ ވަކި ވަކިންނެވެ. ނަމަވެސް ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި އެމްޑީޕީ އިން ވަނީ ބައެއް ދާއިރާތަކުން ދެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް ނިންމައިފަ އެވެ. އަދާލަތުން އެމްޑީޕީގެ ފަސް ކެންޑީޑޭޓަކަށް ތާއީދު ކުރާ އިރު، އެމްޑީޕީން އަދާލަތުގެ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް ވަނީ ނިންމައިފަ އެވެ.

އެމްޑީޕީ އިން މަޖިލީހުގެ 85 ދާއިރާއަށް ވާދަ ކުރާ އިރު، ޖުމްހޫރީ ޕާޓީން ވާދަ ކުރަނީ 49 ދާއިރާއަކަށެވެ. އަދާލަތުން އަށް ދާއިރާއަކަށް ވާދަ ކުރާ އިރު ކުރީގެ ރައިސް މައުމޫން އަބްދުލް ގައްޔޫމުގެ ތާއީދާ އެކު 20 ދާއިރާއަކަށް ކެންޑިޑޭޓުން އަމިއްލަ ގޮތުން ވާދަ ކުރެ އެވެ.

comment ކޮމެންޓް