ސައިކަލެއްގައި ގޮސް ބިދޭސީއެއްގެ އަތުން ފައިސާތަކަކާއި ފޯނެއް ފޭރިގެންފި

ބިދޭސީން ހުކުރު ދުވަހެއްގައި ޖުމްހޫރީ މައިދާނުގައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ރޭ ސައިކަލެއްގައި ދިޔަ ބަހަކު މަގުމަތިން ހިނގާފައި ދިޔަ ބިދޭސީއެއްގެ އަތުން ފައިސާތަކަކާއި ފޯނެއް ފޭރިގެންފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އޯކިޑު މަގު އައިކެއާ ކައިރިން ހިނގާފައި ދިޔަ ބަންގްލަދޭޝްގެ ރައްޔިތެއްގެ އަތުން ފައިސާތަކަކާއި ފޯނެއް ފޭރުނު މައްސަލައިގެ ރިޕޯޓު ރޭ 22:50 އެހާކަން ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި ބިދޭސީ މީހާގެ އަތުގައި ހުރި 6000 ރުފިޔާ އާއި އޭނާގެ އަތުގައި އޮތް ފޯނު ފޭރިގެންފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. އެ މީހާގެ އަތުގައި އޮތް ފޯނަކީ ކޮން ބްރޭންޑެއްގެ ފޯނެއް ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

އޮފިޝަލު ވިދާޅުވި ގޮތުގައި، ބިދޭސީ މީހާގެ އަތުން ފޭރިގެންފައި ވަނީ ސައިކަލެއްގައި ދިޔަ ބައެކެވެ. އެ މީހުން ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން ދަނީ ކުރަމުންނެވެ.

ފަހަކަށް އައިސް މާލޭގައި ބޮޑެތި އަދަދުތަކުން ފައިސާ ފޭރޭ މައްސަލަތައް ވަނީ ގިނަވެފަ އެވެ. އެގޮތުން ދާދި ފަހުން މިފްކޯގެ ވޭނެއް ހުއްޓުވައި ދެ މިލިއަނެއްހާ ރުފިޔާ ބަޔަކު ވަނީ ފޭރިގެންފަ އެވެ. އަދި އޭގެ ހަފްތާއެއްހާ ދުވަސް ކުރިން ބީއެޗްއެމްގެ ފައިސާތަކެއް ވެސް ބަޔަކު ވަނީ ފޭރިގެންފަ އެވެ.

comment ކޮމެންޓް