ބްރެޒިލްއާއި އާޖެންޓީނާއަށް މޮޅެއް، ޗިލީ އަދި އެމެރިކާއަށް ހަމަހަމަ ނިމުމެއް

ރޭ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ޗެކް ރިޕަބްލިކް ކޮޅަށް ބްރެޒިލްގެ ގެބްރިއަލް ޖީސުސް ގޯލު ޖަހަނީ --- ފޮޓޯ/ ޓޮމް ވެބާ

ދެކުނު އެމެރިކާ ބައްރުގެ ގައުމުތަކުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުތަކުން ބްރެޒިލްއާއި އާޖެންޓީނާ މޮޅުވި އިރު ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫއެސްއޭ) އިން އެ ބައްރުގެ ޗެމްޕިއަން ޗިލީ ހިފަހައްޓައިފި އެވެ.

ފުޓުބޯޅައިގެ އެންމެ ކާމިޔާބު ގައުމު ކަމަށްވާ ބްރެޒިލްއިން ރޭ ފަހަތުން އަރައި ޗެކް ރިޕަބްލިކް ބަލިކުރީ 1-3 ގެ ނަތީޖާއަކުންނެވެ. އަދި ފަހު ވަގުތު އެތްލެޓީކޯ މެޑްރިޑްގެ ތަރި އެންޖެލް ކޮރީއާ މޮރޮކޯ ކޮޅަށް ޖަހައިދިން ގޯލުން އާޖެންޓީނާ މޮޅުވީ 0-1 އިންނެވެ. މީގެ އިތުރުން އެންމެ ފަހުން ދެފަހަރު ވެސް ކޮޕާ އެމެރިކާ ކާމިޔާބު ކުރި ޗިލީއާއި ޔޫއެސްއޭގެ ކުރިމަތިލުން ނިމިގެން ދިޔައީ 1-1 ދެ ޓީމު އެއްވަރު ވެގެން އެވެ.

ރޭ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި މޮރޮކޯ ކޮޅަށް ގޯލު ޖަހައިދިން ކުޅުންތެރިޔާ އެންޖެލް ކޮރީއާ --- ފޮޓޯ/ ޓޮމް ވެބާ

ވޭތުވެ ދިޔަ ހަފްތާގައި ޕެނަމާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވުމުން ބްރެޒިލްގެ ކޯޗަށާއި ބައެއް ކުޅުންތެރިންނަށް މީޑިއާގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. މުހިއްމު ބައެއް ކުޅުންތެރިންގެ ފިޓްނަސް މައްސަލައާ ގުޅިގެން ސްކޮޑުގައި ހިމެނިފައި ނުވި ނަމަވެސް ނިސްބަތުން ބްރެޒިލްގެ ސްކޮޑުގައި ހިމެނެނީ ވަރުގަދަ އެގާރަ އެކެވެ.

ރޭގެ އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ޗެކް ރިޕަބްލިކުންނެވެ. ފުރަތަމަ ހާފުގައި ޗެކްގެ ޑޭވިޑް ޕަވެލްކާ ޖެހި ގޯލާއެކު ބްރެޒިލް ކޮންމެސް ވަރަކަށް ޕްރެޝަރަށް ވެއްޓުނު ނަމަވެސް ދެވަނަ ހާފުގައި ކުޅެން ނުކުމެ ބްރެޒިލްއިން ވަނީ ތިން ގޯލު ޖަހާފަ އެވެ. ބްރެޒިލްއަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ ލިވަޕޫލްގެ ފޯވާޑް ރޮބޭޓޯ ފިރްމީނިއޯއާއި 72 ވަނަ މިނަޓުގައި ކުޅެން ނުކުތް މެންޗެސްޓާ ސިޓީގެ ސްޓްރައިކަރު ގެބްރިއަލް ޖީސުސް އެވެ. ޖީސުސް ވަނީ ރޭގެ މެޗުގައި ބްރެޒިލްއަށް ދެ ގޯލު ޖަހައިދީފަ އެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ނުހިމަނާ ރޭ ކުޅުނު މެޗުން އާޖެންޓީނާ މޮޅުވެފައިވަނީ ހަނި ގޮތަކަށެވެ. ފީފާ ރޭންކިންގައި އެގައުމަށް ވުރެން 32 ދަރަޖައިގެ ފަހަތުގައި އޮތް މޮރޮކާއިން ރޭގެ މެޗުގައި އާޖެންޓީނާ ހިފަހައްޓަން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ނަމަވެސް މެޗު ނިމެން ދަނިކޮށް މޮރޮކޯގެ އުންމީދުތައް ފުނޑުފުނޑު ކޮށްލީ އެންޖެލް ކޮރީއާ އާޖެންޓީނާއަށް ޖަހައިދިން ގޯލާ އެކު އެވެ.

ޔޫއެސްއޭގެ އައު ކޯޗު ގްރެގް ބާހޯލްޓާގެ އިރުޝާދުގެ ދަށުން އެ ޓީމު އެންމެ ފަހުން ކުޅުން ތިން މެޗުން ވެސް ބަލިވެފައި ނުވާ އިރު ރޭ ވަރުގަދަ ޗިލީއާ ބައްދަލު ކުރި މެޗުގައި ވެސް އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ރޭ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ޗިލީ ކޮޅަށް ގޯލު ޖަހައިދިން ކުޅުންތެރިޔާ ކްރިސްޓިއަން ޕުލިސިޗް --- ފޮޓޯ/ ޓޮމް ވެބާ

އެންމެ ފަހުގެ ކޮޕާ އެމެރިކާގެ ތަށި ޗިލީއިން އުފުލާލި ނަމަވެސް އޭގެ ފަހުން ގިނަ މެޗުތަކަކުން އެ ޓީމު އައީ ބަލިވަމުންނެވެ. އެންމެ ފަހުން މެކްސިކޯއާ ކުޅުނު މެޗުންވެސް ޗިލީ ބަލިވެފައި ވާ އިރު އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެލެކްސިސް ސަންޗޭޒް މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ.

ރޭގެ އެ މެޗުގައި އެމެރިކާއަށް ގޯލު ޖަހައިދިނީ ބްރޮޝިއާ ޑޮޓްމަންޑުން ދާދި ފަހުން ޗެލްސީއަށް ބަދަލުވި ޒުވާން މިޑްފީލްޑަރު ކްރިސްޓިއަން ޕުލިސިޗް އެވެ. އަދި ޗިލީއަށް ގޯލު ޖަހައިދީ ނަތީޖާ ހަމަހަމަ ކޮށްދިނީ އޮސްކާ އޮޕަޒޯ އެވެ.

އެ މެޗުތަކުގެ އިތުރުން ވެސް އެމެރިކާ ބައްރަށް ނިސްބަތްވާ އިތުރު ގައުމުތަކެއްގެ ފޯރިގަދަ މެޗުތަކެއް ރޭ ވަނީ ކުޅެވިފަ އެވެ. އެގޮތުން މެކްސިކޯއާއި ޕެރަގުއޭ ވާދަ ކުރި މެޗު 2-4 އިން މެކްސިކޯ ކާމިޔާބު ކުރި އިރު ސައުތް ކޮރެއާއާއި ކޮލޮމްބިއާ ބައްދަލު ކުރި މެޗު 2-1 އިން ކާމިޔާބު ކުރީ ސައުތް ކޮރެއާ އެވެ.

comment ކޮމެންޓް