ޑާކްރެއިންގެ ފިލްމުތައް މެކުހަށް!

މާމުއިގެ ޕޯސްޓަރެއް---

ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު އެންމެ ވިދަމުން އަންނަ ފިލްމު ކުންފުންޏަކީ ޑާކްރެއިން އެންޓަޓެއިންމަންޓްއެވެ. ގިނަ ފިލްމުތަކެއް އާންމުންނަށް ގެނެސްދީފައިވާ ޑާކްރެއިންގެ ޓީމުން ވަނީ ބެލުންތެރިންގެ ފުރިހަމަ ތާއީދު ހޯދާފައެވެ. އެކަން އެންމެ ރަނގަޅަށް ވެސް ހާމަކޮށްދެނީ އެ ޓީމުން އެންމެ ފަހުން އެޅުވި "ގޮށްރާޅު" އިންނެވެ. އެ ކުންފުންޏަކީ ކޮންމެ އަހަރަކުވެސް ފިލްމު ގަވައިދުން ގެނެސްދޭ ހަމައެކަނި ޓީމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ޑާކްރެއިންގެ ކުރިއަށް ހުރި ޕްރޮޖެކްޓްތައް ވެސް ގިނައެވެ. ތިން ފިލްމެއްގެ މަސައްކަތް މިއަހަރު ކުރިއަށްދާއިރު ދެ ފިލްމެއް ބެލުންތެރިންނާ ހަމައަށް އަންނާނެއެވެ.

މާމުއި

ފިލްމު މާމުއި އަކީ ޑާކްރެއިން އިން މިހާތަނަށް އުފައްދާ އެންމެ އަގުބޮޑު ފިލްމެވެ.

"މާމުއި" އަކީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލްގެ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ.

ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ)އެވެ.

ތިލަފުއްޓާ އެއާޕޯޓު ފަދަ ލޮކޭޝަންތަކުގައި ވަރުގަދަ މަންޒަރުތައް ނެގުމަށްފަހު ފިލްމުގެ ޓީމުން މިހާރު އަންނަނީ ފިލްމު ސްކްރީންކުރުމަށް ތައްޔާރުވަމުންނެވެ. އެ ފިލްމު އޮލިމްޕަސް ސްކްރީނަށް އަންނާނީ ޖުލައި މަހުގެ އެއް ވަނަ ދުވަހުއެވެ.

މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، ސަމާހަތު ރާޒީ، ޝާޔާ، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރުއެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ފިލްމު މާމުއި އިން މި ދާއިރާއަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް ހިމެނޭނެއެވެ.

ޝިނާންގެ ބިރުވެރި ފިލްމެއް

"ގޮށްރާޅު"ގެ ބޮޑު ކާމިޔާބީއަށް ފަހު އަހްމަދު ޝިނާން ދެން އެންމެ އަވަހަށް ޑައިރެކްޓްކުރާނީ ބިރުވެރި ފިލްމެކެވެ. ނަން އަދި ހާމަނުކުރާ އެ ފިލްމުގެ ޝޫޓިން އަވަސް މުސްތަގްބަލެއްގައި ފަށާނެ ކަމަށް މޮގާ ބުންޏެވެ.

ޝިނާން އަކީ ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ ޑައިރެކްޓަރެކެވެ. 2016 ވަނަ އަހަރު ނުކުތް ކާމިޔާބު ބިރުވެރި ފިލްމު "4426"ގައި ވެސް ޝިނާންގެ ބުރަ މަސައްކަތް ފެނިގެން ގޮސްފައިވެއެވެ.

ނޮވެމްބަރު

ފިލްމަކަށް ފަހު ފިލްމެއް މެދުކެނޑުމެއް ނެތި ގެނައުމަށް އަމާޒު ހިފާ ޑާކްރެއިންއިން "ނޮވެމްބަރު"ގެ ނަމުގައި ފިލްމެއް ގެންނަން ވަނީ ނިންމާފައެވެ.

އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރު ކުރާނީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލް އެވެ.

ނޮވެމްބަރުގެ ޕޯސްޓަރެއް---

ފިލްމުގެ ޝޫޓިން ކުރިއަށްދާނީ މާލޭގެ އިތުރުން ސިންގަޕޫރުގައިއެވެ. އަދި އެ ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު އެވެ.

comment ކޮމެންޓް