އެމެރިކާ-މެކްސިކޯ ބޯޑަރު ފާރު ރާނަން ޕެންޓަގަންއިން އެއް ބިލިއަން ޑޮލަރު

ޕެންޓަގަންއިން ވަނީ ބޯޑަރު ފާރު ރާނަން އެއް ބިލިއަން ޑޮލަރު ދޫކުރަން ނިންމާފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (މާޗް 26): އެމެރިކާ އާއި މެކްސިކޯގެ ބޯޑަރުގައި ރާނާ ފާރަށް އެއް ބިލިއަން ޑޮލަރު ދިނުމުގެ ހުއްދަ ޕެންޓަގަންއިން ދީފި އެވެ.

އެއީ ފާރު ރޭނުމަށް ބޭނުންވާ 5.7 ބިލިއަން ޑޮލަރު ގައުމުގެ ބަޖެޓުގައި ހިމަނަން ކޮންގްރެސްއިން ދެކޮޅު ހެދުމުން، އެމަސައްކަތަށް ފައިސާ ހޯއްދެވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލި ހާލަތު އިއުލާން ކުރެއްވި ފަހުން ދޫކުރި ފުރަތަމަ ފައިސާ އެވެ.

ޕެންޓަގަންގެ ފައިސާ ބޭނުން ކުރާނީ މެކްސިކޯ ބޯޑަރުގައި 91 ކިލޯމީޓަރު ދިގު، ފަސް މީޓަރު އުސް ފެންސު ޖެހުމަށާއި މަގުތައް ހަދައި، ލައިޓު ހަރުކުރުމަށެވެ.

އެމެރިކާގެ އެކްޓިން ޑިފެންސް ސެކްރެޓަރީ ޕެޓްރިކް ޝަނަހާން ވިދާޅުވި ގޮތުގައި އެފައިސާ ދޫކޮށްފައި ވަނީ، ގައުމުގެ ބޯޑަރުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ބާރު ޑިފެންސް ޑިޕާޓްމެންޓަށް ދޭ ގާނޫނެއްގެ ދަށުންނެވެ.

ނަމަވެސް ސަރުކާރާ އިދިކޮޅު ސެނެޓަރުން ވަނީ ޕެންޓަގަންއިން ފައިސާ ދޫކުރަން ނިންމިކަން ކޮންގްރެސްއަށް އެންގީ، އެކަމާ ގުޅުން ހުރި ކޮމީޓީތަކުން ހުއްދަ ހޯދުމަކާ ނުލައި ކަމަށް ބުނެފަ އެވެ.

އެމެރިކާގެ ބަޖެޓު ފާސް ނުކުރެވުމާ ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރު 22އިން ޖެނުއަރީ 25އަށް ސަރުކާރުގެ ބޮޑު ބައެއް ބަންދު ކުރުމަށް ފަހު، ކޮންގްރެސްއިން ނިންމީ ފާރު ރޭނުމަށް 1.375 ބިލިއަން ޑޮލަރު ހާއްސަ ކުރުމަށެވެ.

އެހެންކަމުން މިދިޔަ މަހުގެ 15އިގައި ކުއްލި ހާލަތު އިއުލާން ކުރެއްވުމަށް ފަހު ރައީސް ޓްރަމްޕް ވަނީ ބޯޑަރު ފާރު ރޭނުމަށް އަށް ބިލިއަން ޑޮލަރު އެއްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ކަމާ ބެހޭ މާހިރުން ލަފާ ކުރާ ގޮތުގައި ޓްރަމްޕް ބޭނުންފުޅުވާ 3،200 ކިލޯމީޓަރުގެ ފާރު ރާނަން 23 ބިލިއަން ޑޮލަރު ހަރަދު ވާނެ އެވެ.

comment ކޮމެންޓް