ބްރެގްޒިޓް އެޖެންޑާގެ ކޮންޓްރޯލު އިނގިރޭސި ޕާލިމެންޓުން ނަގައިފި

އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ -- ފޮޓޯ: އޭއެފްޕީ

ލަންޑަން (މާޗް 26): އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަންއިން ވަކިވުމާ ބެހޭ ގޮތުން ޕާލިމެންޓުގައި ނަގާ ވޯޓުތަކުގެ ކޮންޓްރޯލު އެގައުމުގެ މަޖިލިސް މެމްބަރުން ނަގައިފި އެވެ.

އާއްމު ގޮތެއްގައި އިނގިރޭސި ޕާލިމެންޓުގައި ވޯޓެއް ނަގަން އެޖެންޑާ ކުރާނީ ސަރުކާރުންނެވެ. ނަމަވެސް އިއްޔެ ޕާލިމެންޓުގެ 329 މެމްބަރުން ވަނީ ވޯޓުތައް ބޭއްވުމުގެ ބާރު ގާނޫނު ހަދާ މަޖިލީހަށް ދިނުމަށް ރުހުން ދީފަ އެވެ. އެއާ ދެކޮޅަށް ވޯޓު ދިނީ 302 މެމްބަރުންނެވެ.

ނަމަވެސް ބޮޑުވަޒީރު ތެރީސާ މޭ އާއި އިނގިރޭސި ސަރުކާރުން ވަނީ އެވޯޓާ ދެކޮޅު ހަދާފަ އެވެ. އަދި އާއްމު ގޮތެއްގައި ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ ޕާލިމެންޓަރީ އެޖެންޑާގެ ކޮންޓްރޯލު މަޖިލިސް މެމްބަރުން ނެގުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބުނެފަ އެވެ.

މީގެ ކުރިން އިނގިރޭސި ޕާލިމެންޓުން ވަނީ އެގައުމު އީޔޫއާ ވަކިވުމާ ބެހޭ ގޮތުން މޭ އެކުލަވާލެއްވި ދެ އެއްބަސްވުމަށް ރުހުން ދޭން ދެކޮޅު ހަދާފަ އެވެ. އޭގެ ސަބަބުން ބްރެކްޒިޓް ލަސްކޮށްފައިވީ ނަމަވެސް ބޮޑުވަޒީރު މޭ ވަނީ އޭނާގެ އެއްބަސްވުން ތިން ވަނަ ފަހަރަށް ހުށަހެޅި ނަމަވެސް މެމްބަރުން އެއަށް ރުހުން ނުދޭނެ ކަން އެނގިލައްވާ ކަމަށް އިއްޔެ ވިދާޅުވެފަ އެވެ.

އެހެންކަމުން އިއްޔެ ޕާލިމެންޓުން ބްރެގްޒިޓާ ބެހޭ ވޯޓުތަކުގެ ކޮންޓްރޯލު ނެގީ، ޕާލިމެންޓުގެ މެޖޯރިޓީ ލިބެނީ ކޮން ނިންމުމަކަށްތޯ ބެލުމަށެވެ. އެގޮތުން ބްރެގްޒިޓާ ބެހޭ އިތުރު ފެންނަ ނުފެންނަ ވޯޓެއް އެގައުމުގައި ނެގުމަށް ނުވަތަ "ސޮފްޓް ބްރެގްޒިޓް"އަކަށް މެމްބަރުންގެ ތާއީދު އޮތްތޯ ބަލާނެ އެވެ. ސޮފްޓް ބްރެގްޒިޓަކީ އިނގިރޭސިން އީޔޫއިން ވަކިވުމަށް ފަހުވެސް އެއިއްތިހާދާ އެކު ގާތް އިގުތިސާދީ ގުޅުންތައް ބޭއްވުމަށް ހެދިދާނެ އެއްބަސްވުމެކެވެ.

ބްރެގްޒިޓް ލަސް ކުރުމަށް ރުހުން ދިނުމަށް ފަހު އީޔޫއިން ވަނީ އިނގިރޭސި ޕާލިމެންޓުން ކުރިއަށް އޮތް ހަފްތާ ތެރޭ ބްރެގްޒިޓް އެއްބަސްވުމަށް ރުހުން ދީފި ނަމަ އީޔޫއިން ވަކިވާނެ ތާރީހަކީ 22 މެއި ކަމަށް ބުނެފަ އެވެ. އަދި ރުހުން ނުދީފި ނަމަ އީޔޫއިން ވަކިވާނެ ތާރިހަކީ އަންނަ މަހުގެ 12 ކަމަށާއި އޭގެ ކުރިން އިނގިރޭސިން ބްރެގްޒިޓާއިގެން ކުރިއަށް ދާނެ ގޮތް އީޔޫއަށް އަންގަން ޖެހޭނެ ކަމަށް ބުނެފަ އެވެ. އެއީ އެއްބަސްވުމަކާ ނުލައި އީޔޫއިން ވަކިވުމަށް ނުވަތަ ބްރެގްޒިޓް ކެންސަލް ކުރުމަށް ނުވަތަ އީޔޫއިން ވަކިވުމަށް އާ މަރުހަލާތަކެއް ކަނޑައެޅުމެވެ.

އިނގިރޭސިވިލާތް އީޔޫއިން ވަކިވުމާ ބެހޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގީ 29 މާޗް 2017ގައެވެ. އެވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 51.9 ޕަސެންޓު މީހުން ވޯޓު ދިނީ އީޔޫއިން ވަކިވާށެވެ.

comment ކޮމެންޓް