ޤައުމީ އެވޯޑު ހައްޤު މީހަކީ އަހަރެން: ކަންގަނާ

'މަނީކަރްނިކާ: ދަ ކުއީން އޮފް ޖާންސީ'ގައި އަދާކޮށްފައިވާ ރާނީ ލަކްޝްމީބާއީގެ ރޯލަށް ޤައުމީ އެވޯޑު ހައްޤު ކަމަށާއި، އެ އެވޯޑު އޭނާއަށް ނުލިބިއްޖެނަމަ ޤައުމީ އެވޯޑުގެ ސައްހަ ކަމާމެދު ސުވާލު އުފެދޭނެ ކަމަށް ބަތަލާ ކަންގަނާ ރަނައުތު ބުނެފި އެވެ.

ކަންގަނާގެ 32 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި މީޑިއާ އާ ބައްދަލުކޮށް ވާހަކަ ދައްކަމުން ކަންގަނާ ބުނީ 'މަނީކަރްނިކާ'ގައި އޭނާ ދެއްކި ވަރުގެ ވަރުގަދަ ޕަފޯމަންސެއް އެހެން އެކްޓަރެއްގެ ފަރާތުން އަދި ނުފެންނަ ކަމަށެވެ.

ފިލްމު 'އަންދާދުން'ގައި ތާބޫ ކުޅެފައިވާ ރޯލަށް ތައުރީފު ކުރަމުން ކަންގަނާ ބުނީ، އޭނާ އާއި އެންމެ ކައިރިކުރަނީ ތާބޫ ކަމަށެވެ. އަދި އަހަރުގެ ކުރިއަށް އޮތް ތަނުގައި އޭނާއަށް ވުރެ މޮޅު އެކްޓިން އެއް އެހެން ފަންނާނަކު ދައްކުވައިދީފި ނަމަ އެކަން ގަބޫލު ކުރާނެ ކަމަށެވެ. ނަމަވެސް އެކަން ވާނެ ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ.

"އެހެންވީމަ، އަހަންނަށް ނުވަތަ އަހަރެންގެ ފިލްމު މަނީކަރްނިކާއަށް ޤައުމީ އެވޯޑު ނުލިބިއްޖެނަމަ، އެވޯޑު ހަފްލާގެ ސައްހަ ކަމާމެދު ސުވާލު އުފެދޭނެ. މަނީކަރްނިކާ އަށް ވުރެ މޮޅު ޕަފޯމެންސެއް ކުރިއަށް އޮތް ތަނުގައި ފެނިއްޖެ ނަމަ އެކަން ގަބޫލު ކުރާނަން. އެކަމަކު އަހަންނަކަށް ހިޔެއް ނުވެ އެއަށް ވުރެ މޮޅު ޕަފޯމެންސެއް ފެނިދާނެ ހެނެއް،" ކަންގަނާ ބުންޏެވެ.

ކަންގަނާ ވަނީ މީގެ ކުރިން ތިން ފަހަރަކު ޤައުމީ އެވޯޑު ހޯދައިފަ އެވެ. އެއީ ފިލްމު 'ފެޝަން'، 'ކުއީން' އަދި 'ތަންނޫ ވެޑްސް މަންނޫ' އިންނެވެ. ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު 'ތަލައިވީ' މަސައްކަތް ކަންގަނާ ފަށައިފައި ވާއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ރާޖްކުމާރު ރާއޯ އާއެކު 'މެންޓަލް ހޭ ކިޔާ' އިންނެވެ.

comment ކޮމެންޓް