އިންގްލޭންޑާއި ފްރާންސް މޮޅުވި އިރު ޕޯޗުގަލް އަނެއްކާ ވެސް އެއްވަރު ވެެއްޖެ

އިނގިރޭސިވިލާތާއި މޮންޓެނެގްރޯ ބައްދަލު ކުރި މެޗުގައި ރޮސް ބާކްލީ ގޯލު ޖެހުމަށް ފަހު --- ފޮޓޯ/ ރަޔާން ބެންސަން

ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން އިނގިރޭސިންނާއި ފަރަންސޭސިން މޮޅުވި އިރު އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ޖެހިޖެހިގެން ދެވަނަ މެޗުން އެއްވަރު ވެއްޖެ އެވެ.

އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން، ފްރާންސްގެ ބިމުގައި ރޭ ކުޅުނު މެޗުން ފަސޭހަކަމާ އެކު އައިސްލެންޑްގެ މައްޗަށް އެ ގައުމު ކުރި ހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. އަދި މޮންޓެނެގުރޯގެ ޕޮޑްގޮރިކާގައި ކުޅުނު މެޗުން އިންގްލޭންޑް ކުރި ހޯދީ 1-5ގެ ބޮޑު ނަތީޖާއަކުންނެވެ. މީގެ އިތުރުން އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަނުން ޕޯޗުގަލް ރޭ ސާބިއާއާ ދެކޮޅަށް ކުޅުނު މެޗު ނިމިގެން ދިޔައީ 1-1ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.

ފްރާންސްގެ ގައުމީ ޓީމު ކުޅުންތެރިން ގޯލު ޖެހުމަށް ފަހު ސެލްބްރޭޓް ކުރާ މަންޒަރު --- ފޮޓޯ/ އޭޕީ

ޔޫރޯ ކޮލިފައިންގެ ފުރަތަމަ މެޗުގައި ވެސް ހަތަރު ގޯލު ޖަހައި ގްރޫޕު "އެޗް" ގެ އެއްވަނާގައި އޮތް ފްރާންސް ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ގާތްގަނޑަކަށް ތިން ލައްކަ މީހުންގެ އާބާދީއެއް އޮތް އައިސްލެންޑް ކޮޅަށް ފުރަތަމަ ހާފުގައި އެއް ގޯލު ޖެހި ނަމަވެސް ފްރާންސްގެ ފޯވާޑުންނަށް ލީޑު އިތުރު ކުރަން އެތައް ހުސް ފުރުސަތެއް އެ ހާފުގައި ލިބިގެން ދިޔަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ފްރާންސް އިން ވަނީ ފުރަތަމަ ހާފުގައި ބޭކާރު ވެގެން ދިޔަ ގިނަ ފުރުސަތުތަކުން އިބްރަތް ލިބިގަނެ ގޯލުތަކެއް ޖަހައިފަ އެވެ. އެ ޓީމަށް ރޭގެ މެޗުގައި ގޯލުތައް ޖަހާދީފައި ވަނީ ބާސެލޯނާގެ ޑިފެންޑަރު ސަމުއެލް އުމްޓިޓީއާއި އޮލިވާ ޖިރޫޑް އަދި ކިލިއަން އެމްބައްޕޭގެ އިތުރުން އެންޓޮއިން ގްރީޒްމަން އެވެ.

ގްރޫޕް އޭ ގެ އެއްވަނާގައި އޮތް އިންގްލެންޑް ރޭ ފަސޭހަކަމާ އެކު މޮންޓެނެގުރޯގެ މައްޗަށް ކުރި ހޯދި މެޗުގައި ތަރިއަކަށް ވެގެން ދިޔައީ ޗެލްސީއަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު ރޮސް ބާކްލީ އެވެ. އޭނާ ވަނީ ރޭގެ މެޗުގައި އިންގްލެންޑަށް ދެ ގޯލު ޖަހައިދިނުމުގެ އިތުރުން ގޯލު ޖަހަން މޮޅު އެސިސްޓެއް ވެސް ކޮށްދީފަ އެވެ.

ބާކްލީގެ އިތުރުން އިންގްލެންޑަށް ރޭ އިތުރު ގޯލުތައް ޖަހައިދިނީ މައިކަލް ކީންއާއި ހެރީ ކޭންގެ އިތުރުން އެންމެ ފަހުން އިންގްލެންޑް ކުޅުނު މެޗުގައި ހެޓްރިކްއެއް ހެދި ރަހީމް ސްޓާލިންގް އެވެ. މޮންޓެނެގުރޯއިން މެޗުގައި ޖެހި ހަމަ އެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ މާކޯ ވެސޮވިޗް އެވެ.

މީގެ އިތުރުން އެންމެ ފަހުގެ ޔޫރޯ ކާމިޔާބުކުރި ޕޯޗުގަލް، ރޭ ސާބިއާއާ ބައްދަލު ކުރި މެޗުން ވަނީ އެއްވަރު ވެފަ އެވެ. އެ މެޗުގައި ދެ ޓީމަށް ވެސް ލީޑު ނަގާނެ ގިނަ ފުރުސަތުތަކެއް ލިބުނު އިރު ދެ ޓީމުން ވެސް ވަނީ ފުރުސަތުތައް ނަގާލާފަ އެވެ.

ރޭގެ މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކުރިސްޓިއާނޯ ރޮނާލްޑޯ އަށް ވަނީ އަނިޔާވެ ދަނޑުން ބާލަން ޖެހިފަ އެވެ. ރޮނާލްޑޯގެ ފަލަ މަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އެނބުރި ކުޅުމުގައި ބައިވެރިވާން ދެ ހަފްތާ ވަރު ނަގާނެ ކަމަށް ޕޯޗުގަލް ޓީމުގެ ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް