ވައުދުތައް ފުރިހަމައަށް ފުއްދޭނީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން: ނަހުލާ

ނަހުލާ މިއަދު ހޯރަފުއްޓަށް ދިއުމުން މަރުހަބާ ދަންނަވަނީ: އޭނާ ވަނީ ސަރުކާރު ކޯލިޝަނަށް މެޖޯރިޓީ ދެއްވުމަށް އެދިވަޑައިގެންފައި --- ފޮޓޯ: ޝުއައިބް މުހައްމަދު

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އައުމަށް ވެފައިވާ ރިޔާސީ ވައުދުތައް އެންމެ ފުރިހަމަގޮތެއްގައި ފުއްދޭނީ ސަރުކާރު ކޯލިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ހއ. މާފިނޮޅުން އެ އަތޮޅު ހޯރަފުއްޓަށް ބަދަލުކުރި އެއާޕޯޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، އެއާޕޯޓް އެ ރަށުގައި އެޅުމަށް މަގުފަހި ކޮށްދިނީ ރައްޔިތުން ކަމަށާއި ނިމިގެން ދިޔަ ރިޔާސީ އިންތިހާބު މި ސަރުކާރަށް ކާމިޔާބު ނުވި ނަމަ އެއާޕޯޓް އަޅާނީ ކުރިން ވެސް ހަމަޖެހިފައޮތް ގޮތްތަށް ފަޅު ރަށެއްގައި ކަމަށެވެ.

"އަޅުގަނޑު އެ ދުވަހު ވެސް ތިބޭފުޅުން ކައިރިން ވައުދުވިން ﷲ ގެ އިރާދަފުޅުން މިރަށުގައި އެއާޕޯޓް އެޅޭނެއޭ އަޅުގަނޑުމެނަށް ވޯޓު ދެއްވާށޭ. އެކަމަށްޓަކައި ތިދެއްވި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" ނަހުލާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ފަދައިން ކުރިއަށް އޮތް މަޖިލިސް އިންތިހާބަކީ ވެސް މުހިންމު އިންތިހާބެއްކަން ފާހަގަކޮށް ނަހުލާ ވަނީ މަޖިލިސް އިންތިހާބްގެ މެޖޯރިޓީ ސަރުކާރަށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑުމެން މިއައީ ކޯލިޝަން ސަރުކާރަކާ އެކު އެތައް ވައުދުތަކެއް ވެގެން. މިއަދު އަޅުގަނޑުމެނަށް އެވައުދުތައް އެ ވައުދުތަކުގެ ފުރިހަމަ ކަންމަތީ ފުއްދޭނީ އަޅުގަނޑުމެންގެ ކޯލިޝަނަށް ރައްޔިތުންތެ މަޖިލީހުގެ މެޖޯރިޓީ ނެގިގެން،" ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ވެސް ހުންނެވި ނަހުލާ ވިދާޅުވި އެވެ.

ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދެއްވުމަށް ނަހުލާ އެދިވަޑައިގަތް ނަމަވެސް އެކަމަނާގެ ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމާފައިވަނީ އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓުންނަށް ތާއިދުކުރުމަށެވެ. ނަމަވެސް ނަހުލާގެ އިތުރުން ޖޭޕީގެ އިސް ބައެއް ފަރާތްތަކުން ވަނީ ފާޅުގައި ޕީޕީއެމް ކޯލިޝަނުގެ ކެންޑިޑޭޓުންނަށް ތާއިދު ނުކުރާނެ ކަން ހާމަކޮށްފަ އެވެ.

comment ކޮމެންޓް