ނަޝީދު ގާސިމަށް: "40 ރަށް ނަގާފައި މި ބުނަނީ ދިވެހި ބިން ތިމަންނާ އަށޭ"

މޫސާ ސިރާޖު ކެމްޕެއިން ޖަލްސާގައި ނަޝީދު ވާހަކަ ދައްކަވަނީ: ނަޝިދު ވަނީ ގާސިމްގެ ކެމްޕެއިން ޝިއާރަށާއި ގާސިމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައި -- ފޮޓޯ/ އެމްޑީޕީ

ރާއްޖޭގެ ރަށްތައް އަމިއްލަ މިލްކިއްޔާތަށް ނެގުމަށްފަހު ދެން މި ބުނަނީ "ދިވެހިންގެ ބިން ތިމަންނާއަށޭ ވިދާޅުވެ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް އެ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާއަށް ތިން ވަނަ ދައުރަކަށް ވާދަ ކުރައްވާ ގާސިމްގެ ކެމްޕެއިން ރޭ ރަސްމީކޮށް އިފްތިތާހު ކުރެއްވި އިރު، އެޕާޓިން ވަނީ މަޖިލިސް އިންތިހާބުގައި އެ ޕާޓިގެ ޝިއާރުވެސް އިފްތިތާހު ކޮށްފައެވެ. މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓިގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ދިވެހިންގެ ބިން ދިވެހިނަށް" މި ޝިއާރެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި އެމްޑީޕީ ޓިކެޓްގައި ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ މޫސާ ސިރާޖު ކެމްޕެއިންގައި ބައިވެރިވެވަޑައިގެން މިއަދު ހަވީރު އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑިޕީގެ "އެޖެންޑާ 19" ގެ ބޭނުމަކީ ރާއްޖެ ދިވެހިންގެ އަތުގައި ބޭއްވުން ކަމަށާއި އޭގެ މާނައަކީ އެންމެ މަހުޖަނެއްގެ އަތުގައި ރާއްޖެ ބޭއްވުމެއް ނޫން ކަމަށެެވެ.

"އަޅުގަނޑުމެން އަމިއްލަ އަށް ޝިއާރު ކިޔާއިރު މި ބުނަނީ ދިވެހި ބިން ދިވެހިންނަށޭ. އެހެން ނަމަވެސް މި ހައްދުން މަތީގައި އެންމެ މީހެއްގެ މަައްޗަށް އަރާފައިވާ ރަށުގެ އަދަދު ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ،" ހައްދުމަތީ ފޮނަދޫ އެމްޑީޕީ ކެންޑިޑޭޓް މޫސާ ސިރާޖުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވިއެވެ.

"އަރިއަތޮޅަކަށް އެހެން އަތޮޅަކަށް ބައްލަވާނެ ކަމެއް ނެތް. މުޅި ދިވެހި ރާއްޖޭގައި ތިމަންނާގެ އަމިއްލަ މިލްކިއްޔާތުގެ ތެރެއަށް 30-40 ރަށް ގެނެސްފައި، ދެން ތިމަންނާ ހެދި ސިޔާސީ ޕާޓީގެ ޝިޔާރެއްގެ ގޮތުގައި ތިމަންނާ މިބުނީ ދިވެހި ބިން ތިމަންނާ އަށޭ،" ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ ނަން ވިދާޅުވެ، އެ ޕާޓީގެ ޝިއާރަށާއި ގާސިމަށް ނުސީދާކޮށް ފާޑު ވިދާޅުވެ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ރާއްޖެ އަކީ އެހެން އެއްވެސް ބަޔެއްގެ ގައުމެއް ނޫން ކަމަށާއި "ދިވެހި ރާއްޖެއަކީ ދިވެހިންގެ ރާއްޖެ" ކަމަށެވެ.

"ދިވެހި ރާއްޖޭގެ ހިއްސާދާރުންނަކީ ވެސް ދިވެހިން. އިރާދަ ކުރެއްވިއްޔާ މޫސާ ސިރާޖާއެކު އެޖެންޑާ 19 ކާމިޔާބުކުރެވޭނެ. ފޮނަދޫ ދާއިރާގެ ކެންޑިޑޭޓަކަށް ތިބޭފުޅުން ކަނޑައަޅާފައިވަނީ ގާނޫނީ ވަކީލެއް. އެބޭފުޅާއަށް ވަކާލާތު ކޮށްދެވޭނެ. ޒުވާނެއް، ތަންދޮރު އެނގޭ މީހެއް، ތެދުވެރިއެއް،" ފޮނަދޫ ދާއިރާ އެމްޑީޕީ ކެންޑީޑޭޓު މޫސާ ސިރާޖާ ގުޅޭގޮތުން ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ މި ޖަލްސާގައި އެމްޑީޕީ އެޖެންޑާ 19 ގެ ބައެއް ވައުދުތަކާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ.

އަންނަ މަހު ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވަނީ 85 ދާއިރާއަކަށެވެ.

comment ކޮމެންޓް