ރޮކެޓް ހަމަލާއާ ގުޅިގެން ޣައްޒާއަށް ވަރުގަދަ ރައްދެއް ދޭނަން: ނަތަންޔާހޫ

ތެލް އަވީވަށް ދިން ހަމަލާގައި އެއް އާއިލާއެއްގެ ހަ މީހުންނަށް ވަނީ އަނިޔާވެފައި -- ފޮޓޯ: ރޮއިޓާސް

ތެލް އަވީވް (މާޗް 25): އިސްރާއީލުގެ ތެލް އަވީވަށް މިއަދު ހެނދުނު ދިން ރޮކެޓް ހަމަލާއާ ގުޅިގެން ޣައްޒާއަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްވައިފި އެވެ.

އިސްރާއީލްގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އެހަމަލާ އަމާޒުވީ ތެލް އަވީވްގެ މިޝްމެރެތު އަވަށަށެވެ. އަދި އެހަމަލާގައި ހަތް މީހުންނަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރޭގައި އެއް އާއިލާއެއްގެ ހަ މީހުން ހިމެނޭ ކަމަށް އެމާޖެންސީ ސާވިސެސްއިން ބުންޏެވެ.

އިސްރާއީލް ޑިފެންސް ފޯސެސް (އައިޑީއެފް)ގެ ތަރުޖަމާނު މީކާ ލިޕްޝިޒް ވިދާޅުވި ގޮތުގައި އެހަމަލާ ދިނީ ޣައްޒާގެ ވެރިކަން ކުރާ ހަމާސްއިންނެވެ. އަދި އެއީ ހަމާސްއިން އުފައްދާފައިވާ، 75 މޭލަށް ދަތުރު ކުރާ ރޮކެޓެކެވެ.

އެހަމަލާ ދިން އިރު ބޮޑުވަޒީރު ނަތަންޔާހޫ ހުންނެވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުރެއްވުމަށް އެގައުމުގަ އެވެ. ނަމަވެސް ނަތަންޔާހޫ ވަނީ އެދަތުރު ކުރުކޮށްލެއްވުމަށް ފަހު ގައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެހަމަލާއަށް އިސްރާއީލުން ރައްދު ދޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

"އިސްރާއީލަށް ދިން ހަމަލާއަށް ވަރުގަދަ ރައްދެއް އަޅުގަނޑުމެން ދޭނަން. ކުޑަ އިރުކޮޅެއް ތެރޭ އަޅުގަނޑު ރައީސް ޓްރަމްޕާ ބައްދަލު ކުރާނަން. އަދި އެއަށް ފަހު ވަގުތުން ގައުމަށް އެނބުރި ދާނަން،" ނަތަންޔާހޫ ވިދާޅުވި އެވެ.

އެހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ. އަދި އައިޑީއެފްގެ ތުހުމަތުތަކާ ބެހޭ ގޮތުން ހަމާސްއިން ވަކި އެއްޗެކޭ ނުބުނެ އެވެ.

ނަމަވެސް އިސްރާއީލުން ހަމަލާއެއް ދީފާނެތީ ހަމާސްގެ އޮފިޝަލުން ވަނީ ސަރުކާރުގެ އިދާރާތައް ހުސް ކުރަން ފަށާފައި ކަމަށް މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ އޭޕީގައިވެ އެވެ.

comment ކޮމެންޓް