ފަގީރުންނަށް މުސާރަ ހަދިޔާ ކުރާ ކެންޔާގެ ޓީޗަރަށް، ދުނިޔޭގެ އެންމެ މޮޅު ޓީޗަރުގެ އެވޯޑު

ކެންޔާގެ ހިސާބު އަދި ފިޒިކްސް ޓީޗަރެއް ކަމަށްވާ ޕީޓާ ޓަބިޗީ ވަނީ އެންމެ މޮޅު ޓީޗަރުގެ އެވޯޑު ހާސިލުކޮށްފަ -- ފޮޓޯ: އޭޕީ

ދުބާއީ (މާޗް 25): ފަގީރުންނަށް އެހީވުމަށް މުސާރައިގެ 80 ޕަސެންޓު ހަދިޔާ ކުރާ ކެންޔާގެ ޓީޗަރަކަށް ދުނިޔޭގެ އެންމެ މޮޅު ޓީޗަރުގެ އެވޯޑު ދީފި އެވެ.

ފަގީރު ކުދިންގެ ތައުލީމީ ފެންވަރު ރަނގަޅު ކުރަން މަސައްކަތް ކުރާ އިނގިރޭސި ޖަމްއިއްޔާއެއް ކަމަށްވާ ވާކީ ފައުންޑޭޝަނުން ކޮންމެ އަހަރަކުދޭ އެ އެވޯޑާ އެކު، ކެންޔާގެ ހިސާބު އަދި ފިޒިކްސް ކިޔަވައިދޭ ޓީޗަރެއް ކަމަށްވާ ޕީޓާ ޓަބިޗީއަށް އެއް މިލިއަން ޑޮލަރު ލިބޭނެ އެވެ.

ޓަބިޗީއާ އެވޯޑު ހަވާލު ކުރީ ދުބާއީގައި ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެހަފްލާ ހުށަހަޅާ ދިނީ ހޮލީވުޑުގެ އެކްޓަރު ހިއު ޖެކްމަން އެވެ. އަދި އެރަސްމިއްޔާތުގައި ދުބާއީގެ ވަލީއަހުދު ހަމްދާން ބިން މުހައްމަދު އަލް މަޚްތޫމް ބައިވެރިވަޑައިގެންނެވި އެވެ.

ޓަބިޗީ ބުނި ގޮތުގައި މީގެ ކުރިން އޭނާ ކުރި އެންމެ ދިގު ދަތުރަކީ ޔުގަންޑާއަށް ދިޔުމަށް ކުރި ދަތުރެކެވެ. އަދި ދުބާއީއަށް ދިޔުމުގެ ކުރިން އޭނާ މަތިންދާބޯޓަކަށް އަރާފައި ނުވެ އެވެ.

"ގަބޫލެއްވެސް ނުކުރެވޭ (އެވޯޑު ލިބުނުކަން). ވަރަށް އުފާވެއްޖެ ދުނިޔޭގެ އެންމެ މޮޅު ޓީޗަރުންގެ ލިސްޓުގައި ހިމަނައި، އެންމެ މޮޅު ޓީޗަރަކަށް ވުމުން،" ނޫސްވެރިންނާ ވާހަކަދައްކަމުން ޓަބިޗީ ބުންޏެވެ.

ކެންޔާގައި ޓަބިޗީ ކިޔަވައިދޭ ޕުވަނީއަކީ ފެނާއި ކާނާ ލިބުން ދަތި އަވަށެކެވެ. އަދި ޕުވަނީގެ ކުޑަކުދިންގެ ތެރެއިން ތިންބައިކުޅަ އެއްބައި ކުދިންނަކީ ޔަތީމުން ނުވަތަ އެންމެ ބެލެނިވެރިއަކު ހުންނަ ކުދިންނެވެ.

ޓަބިޗީ ބުނި ގޮތުގައި އެނާ ކިޔަވައިދޭ ސްކޫލުގައި ލައިބްރަރީއެއްވެސް ލެބެއްވެސް ނުހުރެ އެވެ. އަދި އޭނާއަށް ލިބުނު އެއް މިލިއަން ޑޮލަރު ބޭނުން ކުރާނީ ސްކޫލުގެ ހާލަތު ރަނގަޅު ކުރުމަށާއި ފަގީރުންނަށް އެހީވުމަށެވެ.

އެއީ ވާކީ ފައުންޑޭޝަނުން އެއިނާމު ދޭ ފަސް ވަނަ އަހަރެވެ. މީގެ ކުރިން އެ އެވޯޑު ހާސިލު ކުރި ފަރާތްތަކުގެ ތެރޭގައި ފަލަސްތީނުގެ ރެފިއުޖީ ކުދިންނަށް ކިޔަވައިދޭ ޓީޗަރެއް ކަމަށްވާ ހަނާން އަލް ހަރޫބް ހިމެނެ އެވެ.

މިއަހަރު އެއެވޯޑަށް 10،000 މީހުން ނަން ހުށަހެޅި އެވެ. އޭގެ ތެރެއިން އެވޯޑު ދޭނެ މީހަކު ކަނޑައަޅަނީ ޓީޗަރުންނާއި ނޫސްވެރިންނާއި ވިޔަފާރިވެރިންނާއި ސައިންސުވެރިން ހިމެނޭ ކޮމިޓީއަކުންނެވެ.

comment ކޮމެންޓް