އެފްއޭއެމްގެ މި އަހަރުގެ ބަޖެޓްގެ ގޮތުގައި 94 މިލިއަން ރުފިޔާ ފާސް ކޮށްފި

ހޮޓެލް ޖެންގައި މިއަދު ބޭއްވުނު އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު އައުޝަން އިލްުޔާސް

މިއަދު ބޭއްވި އެފްއޭއެމްގެ އަހަރީ ކޮންގްރެސްގައި އެ އެސޯސިއޭޝަނުގެ މި އަހަރު ބަޖެޓެއްގެ ގޮތުގައި 94.9 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ފާސް ކޮށްފި އެވެ.

އެކި އެކި ފަރާތްތަކުގެ އެހީތެރިކަމާއި ސްޕޮންޝިޕުގެ ގޮތުގައި ގާގަނޑަކަށް 90.2 މިލިއަން ރުފިޔާގެ ބަޖެޓެއް މިއަހަރުގެ ތެރޭގައި އެފްއޭއެމްއަށް ލިބޭނެ ކަމަށް ލަފާ ކޮށްފައިވާ އިރު މިއަހަރު ހަރަދު ކުރުމަށް އެފްއޭއެމް އިން ކަނޑަ އެޅި ބަޖެޓަކީ 4.5 މިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ.

މިއަހަރުގެ ބަޖެޓަށް ފައިސާ ހަމެޖެހިފައިވާ ގޮތްތަކަށް ބަލާ އިރު ސްޕޮންސާޝިޕުގެ ގޮތުގައި 43.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިމަނާފައިވެ އެވެ. އަދި ފުޓުބޯޅައިގެ މައި އިދާރާ ފީފާ އިން 31.2 މިލިއަން ރުފިޔާ، އޭއެފްސީން 10.8 މިލިއަން ރުފިޔާ، ސްޕޯޓްސް މިނިސްޓްރީން 1.8 މިލިއަން ރުފިޔާ އަދި ޓިކެޓް ވިއްކައިގެން 405،000 ރުފިޔާ ލިބޭނެ ކަމަށް ބަޖެޓްގެ ތަފްސީލީ ރިޕޯޓުގައިވެ އެވެ.

އެފްއޭއެމް އިން މިއަހަރުގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ކުރާނެ ކަމަށް ކަނޑައަޅާފައި ވަނީ ފުޓުބޯޅައިގެ ޑިވެލޮޕްމެންޓަށެވެ. ޑިވްލަޕްމެންޓްގެ ހަރަދުގެ ގޮތުގައި 30.8 މިލިއަން ރުފިޔާ ހޭދަ ކުރުމަށް އަންދާޒާ ކޮށްފައިވާ އިރު އޭގެ ތެރޭގައި އަތޮޅުތަކުގެ ރަށްރަށުގައި އެޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްތަކާއި ކުލަބުތައް ހަރުދަނާ ކުރުމަށް ވެސް ހަރަދުކުރެވިގެންދާނީ ޑިވެލޮޕްމެންޓަށް ކަނޑައެޅިފައިވާ ބަޖެޓުގެ ތެރެއިންނެވެ.

ދެ ވަނަ އަށް އެންމެ ބޮޑު ހަރަދެއް ކުރުމަށް ހަމަޖެހިފައި ވަނީ ޕްރޮޖެކްޓް ތަކަށެވެ. ޕްރޮޖެކްޓްގެ ގޮތުގައި، 14.9 މިލިއަން ރުފިޔާ ހޭދަ ކުރުމަށް ބަޖެޓްގައި ވަނީ ހިމަނައިފަ އެވެ. އެއަށް ފަހު އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައި ވަނީ ހިންގުމުގެ ހަރަދަށެވެ. ހިންގުމުގެ ހަރަދަށް 13.2 މިލިއަން ރުފިޔާގެ ހަރަދު ހިނގާނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވުނު އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު އައުޝަން އިލްުޔާސް

މި ބެޖެޓް ފާސް ކުރުމަށް މިއަދު ބޭއްވުނު ކޮންގްރެސްގައި ބައިވެރިވި 13 ކުލަބުގެ ތެރެއިން 12 ކުލަބުން ތާއިދުކޮށްފައިވާ އިރު ބަޖެޓަށް ތާއިދު ނުކުރި ހަމައެކަނި ކުލަބަކީ ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. އެ ކުލަބުގެ ޗެއަރމަން ޑރ. އިބްރާހިމް ނާޝިދު މިއަދުގެ ކޮންގްރެސްގައި ވަނީ ބެޖެޓުގައި ހިމެނިފައިވާ ބަައެއް ކަންކަމުގެ ތަފްސީލު ހިމެނިފައި ނުވުމުން އެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ ގިނަ ސުވާލުތަކެއް ވެސް ކޮށްފަ އެވެ.

comment ކޮމެންޓް