"އެމްއެމްޕީއާރުސީ މައްސަލައިގެ ފުރިހަމަ ޖަވާބުތައް ހޯދާނަން"

އެކްޓިންގް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު 'ސަން' އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން --- ސަންފޮޓޯ ފަޔާޒު މޫސާ

ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ ކަމަށާއި އެމައްސަލައިގެ ފުރިހަމަ ޖަވާބުތައް ހޯދާނެ ކަމަށް އެކްޓިންގް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމުގެ ތުހުމަތު ގިނަ ބައެއްގެ މައްޗަށް ކުރެވެއެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އަދި އެހެންވެސް އިސް ވެރިން ހިމެނެއެވެ. އެމައްސަލާގައި ތިން ބޭފުޅަކު ގޭގައި މަޑުކުރަންވެސް ސަރުކާރުން ވަނީ އަންގާފައެވެ.

"ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެކްޓިންގް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައަކީ ޕަބްލިކް އިންޓަރެސްޓާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކޭސްއެއް ކަމަށެވެ.

"ހާއްސަގޮތެއްގައި ދައުލަތުގެ ވަރަށް ޒިންމާދާރު އިސް މަގާމުތަކެއްގައި ތިއްބެވި ފަރާތްތަކެއްގެ ބޮލުގައި ވަރަށް ބޮޑެތި ތުހުމަތުތަކެއްވެސް އެޅިގެން ގޮސްފައިވާ މައްސަލައެއް މި މައްސަލައަކީ. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ އެ ފަރާތްތަކުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަކީ ރަނގަޅު ތުހުމަތުތަކެއްތޯ ބަލައި އެކަމުގެ ހަގީގަތް ދެނެގަންނަން،" އެކްޓިންގް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ފުރިހަމަ ޖަވާބުތަކާއެކު ހަގީގަތް ހޯދާނެ ކަމަށެވެ.

ހަމީދު ވިދާޅުވީ އޭސީސީން ތަހުގީގުކުރި އެމްއެމްޕީއާރުސީ ރިޕޯޓު އެ ކޮމިޝަނުން އާންމުކުރުމުގެ އެއްދުވަސް ކުރިން ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތަކީ އެ ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންކަމުގެ ތެރެއިން ފުލުހުންގެ އިހުތިސޯސް ހިމެނޭ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތްކަމަށް ހަމީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހުނު 500 އަށްވުރެ ގިނަ މީހުން ހިމެނޭ ލިސްޓެއް ޕޮލިސް ސާވިސްގައި އޮތް ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން ސުވާލުކުރުމުން ހަމީދު ވިދާޅުވީ ސީދާ އަދަދަށް މީހުން ހިމެނޭ ލިސްޓެއް އޮތް ކަމަށް ދެންނެވެން ނެތް ކަމަށެވެ. އެކަމަކު ތަހުގީގަށް ލިބިފައިވާ މައުލޫމާތުތައް އެއްކޮށް ފައިސާގައި ޖެހިފައިވާ މީހުން ދެކެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަމީދު ވިދާޅުވިއެވެ.

އެކްޓިންގް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު 'ސަން' އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން --- ސަންފޮޓޯ ފަޔާޒު މޫސާ

"އޭސީސީގެ ރިޕޯޓުގައާއި އަދި އޭގެ އިތުރުން ފުލުހުންގެ މުއައްސަސާއަށް މީގެކުރިން އެކިގޮތްގޮތުން މީގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ އަތުން މައުލޫމާތު ތަކާއި ހޯދިފައިވާ މައުލޫމާތުތައް ކޮމްޕައިލް ކުރަމުން މިގެންދަނީ." އެކްޓިންގް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައި އޮތީ އޭނާ ވެރިކަމުގައި ހުންނަވަނިކޮށް ކަމަށް ހަމީދު ވިދާޅުވިއެވެ. އަދި އެމައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އެމްއެމްއޭގެ ފައިނޭންޝަލް ޔުނިޓުން ކަމަށްވެސް ވިދާޅުވިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ބަލަން ފަށާފައިވަނީ 2015 ވަނަ އަހަރުކަމާއި އަދި މައްސަލަ 2017 ވަނަ އަހަރު ނިންމައި ޝަރީއަތަށް ނުފޮނުވާ އޮތުމަކީ ފުލުހުންނާއި ގުޅުން ހުރި ކަމެއް ނޫން ކަމަށް ހަމީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ޕޮލިސް ސާވިސްއަށް ރިޕޯޓުކުރެވިފައި ހުރި މައްސަލަތައް ތަހުގީގުކުރަމުން އަޅުގަނޑުމެން މި ގެންދަނީ. އެ ތަރުތީބުން މައްސަލަ ބަލާ ނިމޭ ހިސާބުން ޝަރީއަތަށް ފޮނުވުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ،" އެކްޓިންގް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

އެމްޕީއާރުސީ ހިޔާނާތުގެ ފައިސާގެ ބޮޑުބައި ޖަމާވެފައި ވަނީ އެސްއޯއެފް އަކުންޓަށްކަން އޭސީސީގެ ތަހުގީގު ރިޕޯޓުން އޮތީ ފެންނާށެވެ. ރަށްތަކާއި ފަޅުތަކުގެ ތެރެއިން 57 ތަނެއް ކުއްޔަށް ދީގެން 77.4 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު އެމްއެމްޕީއާރުސީއަށް ލިބިފައިވާ ކަމަށް ބޭންކް ސްޓޭޓްމެންޓްތަކުން ދައްކަނީ 12 މިލިއަން ޑޮލަރެވެ.

comment ކޮމެންޓް