ހެލްމެޓް އަޅައިގެން އިންދައި އެކްސިޑެންޓްވެ، ބޯފަޅައިގެން ހިނގައްޖެ

ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހައިވޭގައި މީހަކު ހެލްމެޓް އަޅައިގެން ސައިކަލް ދުއްވަނީ: ރޭ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލް ދުއްވަން އިން މީހާގެ ބޯ ވަނީ ފަޅައިގެންގގޮސްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހެލްމެޓް އަޅައިގެން އިނދެ ހުޅުމާލެ އިން މާލެ ދަތުރުކުރި ސައިކަލެއް އެކްސިޑެންޓްވެ ދުއްވަން އިން މިހާގެ ބޯ ފަޅައިގެން ހިނގައްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހައިވޭގައި އެކްސިޑެންޓެއް ހިނގައިގެން ރޭ 12:10ގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ސައިކަލް ދުއްވަން އިން 35 އަހަރުގެ ފިރިހަނަކަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މަންޒަރު ދުށް ފަރާތަކުން 'ސަން' އަށް ބުނީ އެ އެކްސިޑެންޓް ހިނގީ ހަތަރުފުރުޅުލީ ވެހިކަލްތަކަށް ހާއްސަކުރެވިފައިވާ ލޭނުން ދުއްވާފައި ދިޔަ ޕިކަޕެއް އޯވަޓޭކް ކުރުމަށް ސައިކަލް ލޭނަށް އެރިވަގުތު ފަހަތުން އައި ދެ ސައިކަލެއް ޕިކަޕްގެ ކުރިއަށް އަރަން އުޅުމުގެ ތެރޭގައި ދެ ސައިކަލް ޖެހިގެން ކަމަށެވެ.

"އެ ތަނުން އެއް ސައިކަލް ކަހާލައިގެން ގޮސް ދުއްވަން އިން މީހާ މާ ދުރަށް ވިއްސައިގެން ދިޔައީ. ހެލްމެޓް ވެސް އޮތީ ވިއްސައިގެން ގޮސްފައި. ކޮންމެވެސް ވަރަކަށް ލޭ ވެސް ހުރި،" އެކްސިޑެންޓްގެ މަންޒަރުދުށް ފަރާތުން ކިޔައިދިނެވެ.

އެ މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނައިރު ހާލު ސީރިއަސް ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ކަށަވަރުވާ ގޮތެއް ނުވެ އެވެ.

މި މަހުގެ އެއް ވަނަ ދަވަހުން ފެށިގެން ސައިކަލްގައި ބްރިޖް ހުރަސް ކުރުމަށް އަދި ބްރިޖާއި ގުޅިފައިވާ ހައިވޭއަށް އެރޭނީ ހެލްމެޓް އަޅައިގެންނެވެ. އަދި މިއީ ހެލްމެޓް އެޅުމަށް މަޖުބޫރު ކުރި ފަހުން ސައިކަލް ދުއްވަން އިން މީހެއްގެ ބޮލަށް އަނިޔާވި ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް