ގާސިމްގެ ނަން ބިލްގޭޓްސްމެންނާ އެއް ލިސްޓަކަށް އަރަން ޖެހޭ: އަލްހާން

އަލްހާން ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަކީ ދުނިޔޭގެ ނިސްބަތުން "ބިލް ގޭޓްސްމެންގެ ލިސްޓަށް އަރާވަރު ނަމެއްކަމަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ގާސިމްގެ ކެމްޕެއިން ފެށުމަށް ރޭ މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ޓިކެޓުގައި ހެންވޭރު އުތުރަށް ވާދަކުރައްވާ އަލްހާން ވިދާޅުވީ ގާސިމް އިބްރާހިމްއަކީ ދުނިޔޭގެ ހުރިހާ މިންގަނޑަކުން ކިރާލިޔަސް ފަސްޓް ކްލާސް ސިޓިޒަނެއް ކަމަށެވެ.

ޕީޕީއެމް ކޯލިޝަން އާ ގުޅިގެން ޖުމްހޫރީ ޕާޓީއަށް މަޖިލީހުގެ ހަ ގޮނޑިވެސް ނުލިބޭނެކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވި ވާހަކައަށް ރައްދު ދެއްވާ އަލްހާން ވިދާޅުވީ އެމްޑީޕީއަށް މިފަހަރުގެ އިންތިހާބުގައި ރަނގަޅު 12 ގޮނޑިވެސް ނުލިބޭނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް އެންމެ ބުރަ މަސައްކަތެއް ކުރެއްވީ ގާސިމް އިބްރާހިމް ކަމަށާއި މިހާރު "ސޭޓު ނޫން ގޮތެކޭ" ކިޔައިގެން ވާހަކަދައްކާއިރު، އޭރު "ސޭޓު ނޫން ގޮތެއް އޮތްތޯ" އަލްހާން ސުވާލު އުފެއްދެވިއެވެ.

މިފަހަރުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން މެޖޯރިޓީ ނަގާނެ ކަމަށާއި މިހާރު ރާއްޖޭގައި ވެރިކަން ކުރާ ޕާޓީ އާއި އިދިކޮޅު ޕާޓީއަކީ ކޮބާކަންވެސް އޮޅިފައިވާ ކަމަށް އަލްހާން ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއިން ޕީޕީއެމްގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމީ ޕީޕީއެމްއިން ޖޭޕީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމުމުން ކަމަށާއި ރައީސް ޔާމީނާއި އެކަމަކާ ގުޅުން ނެތް ކަމަށެވެ.

ގާސިމް ދައްކަވާ ލިޑާޝިޕްއަކީ ޕީޕީއެމްގެ މެންބަރުން ދާނެ މިސްރާބެއް ނެތި ތިއްބާ ގައުމަށްޓަކާ ދައްކަވާ ލީޑާޝިޕެއް ކަމަށް އަލްހާން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންއާއެކު ދިއުމުގެ ފުރުސަތުވެސް ގާސިމްއަށް އޮތް ކަމަށާއި އެކަން އެގޮތަށް ކުރެއްވިނަމަ، ރައީސް ޔާމީންއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުނީސް ކަމަށް އަލްހާން ވިދާޅުވިއެވެ.

"އެކަމަކު އެދުވަހު ސޭޓު ނޫން ގޮތެއް އޮތްތޯ މިއަދުގެ ކޯލިޝަންގެ ސަރުކާރަށް؟ ނެތެއްނު؟" އަލްހާން ވިދާޅުވީ ސޭޓު ނޫން ގޮތެއްގެ ވާހަކަ ދެއްކެން ނެތް ކަމަށެވެ.

comment ކޮމެންޓް