"ދެމެހެއްޓެނިވި ތަރައްގީގައި އެންމެ މުހިއްމު ބަޔަކީ ޒުވާނުން"

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދުގެ އެސެމްބްލީގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: އިސްކަންދަރު ސްކޫލް

ގައުމެއްގެ ދެމެހެއްޓެނިވި ތަރައްގީގައި އެންމެ މުހިއްމު ހިއްސާއެއް އަދާކުރަނީ ޒުވާނުން ކަމަށާއި ޒުވާނުންގެ ކަންތައް ބައްޓަން ކުރާގޮތަކީ ކުރިމަގުގައި ކާމިޔާބީ އާއި ނާކާމިޔާބީ އާ ގުޅިފައިވާނެ ކަމެއް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ފަހަށް ރައްކާކުރުމަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރި ކުރުމަށް ފާހަގަކުރާ ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ފެށުމަށް ބޭއްވި ހާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޒުވާނުންގެ އަމަކުތަކަކީ ގައުމުގެ ކުރިއެރުމާވެސް ގުޅިފައިވާ ކަމެއް ކަމަށެވެ.

މިއަދު ބޭއްވި އެސެމްބްލީގައި ހަޔާއެޑިއކޭޝަން މިނިސްޓަރު އަދި ގަވަރުނަރު --- ފޮޓޯ: އިސްކަންދަރު ސްކޫލް

"ކޮންމެ ޒުވާނަކުވެސް އެމީހަކަށް ލިބޭ ފައިސާ ޒިންމާދާރު ގޮތުގައި ހޭދަކޮށް، ރައްކާކުރުމަކީ ކޮންމެހެންވެސް މުހިއްމު ކަމެއް. ސްކޫލު ދައުރުގައި ދަސްކޮށްދޭންވެސް ޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވީ ސްކޫލު މަންހަޖުގައި ފައިނޭންޝަލް ލިޓްރެސީ އަށް އިސްކަންދޭންޖެހޭ ކަމަށެވެ.

"މުސްތަގުބަލުގައި ޅަ ޒުވާނުންގެ ދައުރު ވަރަށް ބޮޑު. ގައުމު ބިނާ ކުރުމުގެ މަސައްކަތުގައި ތި ކުދިންގެ ޒިންމާ ވަރަށް ފުޅާ،" އިސްކަންދަރު ސްކޫލުގެ ދަރިވަރުންނާ މުހާތަބު ކުރައްވާ މިނިސްޓަރު ވިދާޅުވިއެވެ.

ކުދިންނާ ގުޅޭކަންކަމުގައި ކުދިންގެ ބަސް މުހިއްމު ކަމަށާއި ކުދިންނާ ގުޅޭ ކަންކަމުގައި އެކުދިންގެ ބަސް ހިމެނުމަކީ މުހިއްމު ކަމެއް ކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ބޭއްވި އެސެމްބްލީ --- ފޮޓޯ: އިސްކަންދަރު ސްކޫލް

މިއަދުގެ އެސެމްބްލީގައި އިސްކަންދަރު ސްކޫލުގެ ދަރިވަރުން ވަނީ ފަހަށް ރައްކާކުރުމުގެ މުހިއްމު ކަމާ ގުޅޭ ކުރު ޑްރާމާއެއްވެސް ހުށަހަޅައިފައެވެ. އަދި ގްލޯބަލް މަނީ ވީކްގެ އޮފިޝަލް ވީޑިއޯވެސް މިއަދު ވަނީ ލޯންޗުކޮށްފައެވެ.

comment ކޮމެންޓް