ތައިލެންޑުގެ އިންތިހާބުގައި އަސްކަރިއްޔާގެ ޕާޓީ ކުރީގައި

ތައިލެންޑުގެ އާއްމު އިންތިހާބުގައި ކުރީގައި އުޅެނީ އަސްކަރިއްޔާގެ ޕާޓީ -- ފޮޓޯ: އޭއެފްޕީ

ބޭންކޮކް (މާޗް 25): ތައިލެންޑުގެ އިންތިހާބުގައި މިވަގުތު އެންމެ ކުރީގައި އުޅެނީ އެގައުމުގެ އަސްކަރިއްޔާގެ ޕާޓީއެއް ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.

ތައިލޭންޑުގެ އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި އިއްޔެ ލީ ވޯޓުތަކުގެ 90 ޕަސެންޓު މިހާރު ވަނީ ގުނާ ނިމިފަ އެވެ. އަދި އޭގެ ތެރެއިން 7.6 މިލިއަން ވޯޓު ކާމިޔާބުކޮށްފައި ވަނީ އަސްކަރިއްޔާގެ ޕަލަންގް ޕްރަޗަރަތް ޕާޓީ އެވެ. އަދި ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާއަށް ތާއިދު ކުރާ މައި ޕާޓީ ކަމަށްވާ ޕުއޭ ތައި ޕާޓީއަށް ވަނީ 6.6 މިލިއަން ވޯޓު ލިބިފަ އެވެ.

ތައި އިލެކްޝަން ކޮމިޝަނުން ވަނީ އިއްޔެ ބޭއްވި އާއްމު އިންތިހާބުގެ ފުރިހަމަ ނަތީޖާ މިއަދު އިއުލާން ކުރާނެ ކަމަށް ބުނެފަ އެވެ. އެއިންތިހާބުގައި ރައްޔިތުން ވޯޓު ލާފައި ވަނީ ޕާލިމެންޓުގެ ތިރީގޭގެ 500 ގޮނޑިއަށް މެމްބަރުން އައްޔަން ކުރުމަށެވެ.

ދެހާސް ސާދަ ވަނަ އަހަރު ތަކްސިންގެ ކޮއްކޯފުޅު ޔިންގްލަކްގެ ވެރިކަން ވައްޓާލުމަށް ފަހު ވެރިކަމަށް އައި އަސްކަރިއްޔާ އިން ވަނީ އެގައުމަށް އާ ގާނޫނު އަސާސީއެއް ތައާރަފްކޮށްފަ އެވެ. އަދި އެގާނޫނު އަސާސީގައި ވަނީ ގައުމުގެ ސެނެޓުގެ 250 މެމްބަރުން އައްޔަން ކުރުމުގެ ބާރު އަސްކަރިއްޔާއަށް ދީފަ އެވެ.

ތައިލޭންޑުގެ ބޮޑުވަޒީރު އައްޔަން ކުރާނީ ޕާލިމެންޓުގެ ދެ ގޭގައި ނަގާ ވޯޓަކުންނެވެ. އެއީ އެކެނޑިޑޭޓަކަށް މަޖިލީހުގެ ދެ ގެއިން ޖުމްލަ 376 ވޯޓު ލިބުމުންނެވެ. އެހެންކަމުން ޕަލަންގް ޕްރަޗަރަތް ޕާޓީގެ ކެނޑިޑޭޓަށް ޕާލިމެންޓުގެ ތިރީގެއިން 126 ވޯޓު ލިބިއްޖެ ނަމަ އެކެނޑިޑޭޓަކު ބޮޑުވަޒީރު ކަމަށް އައްޔަން ކުރެވޭނެ އެވެ. ތައިލޭންޑުގެ އަސްކަރިއްޔާ އިން ބޮޑުވަޒީރު ކަމަށް ނޮމިނޭޓުކޮށްފައި ވަނީ ބަޣާވާތުގައި އިސްކޮށް ހުންނެވި ޖެނެރަލް ޕްރަޔުތް ޗަން އޮޗާ އެވެ.

އެއިންތިހާބާ ދިމާކޮށް، ތަކްސިންއަށް ތާއިދު ކުރާ ތައި ރަކްސާ ޗާޓް ޕާޓީ ވަނީ އުވާލާފަ އެވެ. އެއީ އެޕާޓީން ބޮޑުވަޒީރު ކަމަށް ޕްރިންސެސް އުބޮންރާތުނާ މަހިދޮންގެ ނަން ހުށަހެޅުމުން، ރަސްގެފާނު މަހާ ވަޖިރަލޮންކޯން އެނިންމެވުމާ ދެކޮޅު ހެއްދެވުމުންނެވެ.

ތަކްސިން އާއި ކޮއްކޯފުޅު ޔިންގްލަކް މިހާރު ދިރިއުޅުއްވަނީ އަމިއްލައަށް އަރުވާލެވިގެން ގައުމުން ބޭރުގަ އެވެ. ދެހާސްއަށް ވަނަ އަހަރު ޝިނަވަތުރާގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ދައުވާ ސާބިތުވެ، ދެ އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.

comment ކޮމެންޓް