ފައިސާއާ ގުޅޭ ކަންކަމަކީ އެންމެންނަށްވެސް ހަމަހަމަކަމާއެކު ލިބެންޖެހޭ އަސާސީ ހައްގެއް: ގަވަރުނަރު

މިއަދުގެ އެސެމްބްލީގައި ގަވަރުނަރު ވާހަކަ ދައްކަވަނީ --- ފޮޓޯ: އިސްކަންދަރު ސްކޫލް

ފައިސާ އާ ގުޅޭ ކަންކަމަކީ އެންމެންނަށްވެސް ހަމަހަމަކަމާއެކު ލިބެންޖެހޭ އަސާސީ ހައްގެއްކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.

ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ފެށުމަށް މިއަދު އިސްކަންދަރު ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވީ ފަހަށް ރައްކާކުރުމުގެ މުހިއްމުކަން ކުޑަކުދިންނަށާއި ޒުވާނުންނަށް އަންގައިދިނުމަށް ފާހަގަކުރާ ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް މާލޭގެ އިތުރުން ރާއްޖޭގެ އިތުރު ތިން އަތޮޅެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ. އެ އަތޮޅުތަކަކީ ހދ، ލ އަދި ގދ އަތޮޅެވެ.

އެމްއެމްއޭ އާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ރާއްޖޭގައި ހިންގާ މާލީ އިދާރާތައް ގުޅިގެން ފާހަގަކުރާ މި ހަރަކާތާ ގުޅޭގޮތުން ގަވަރުނަރު އިތުރަށް ވިދާޅުވީ މާލީ ކަންތައްތަކަކީ ކުޑައިރުއްސުރެ ހޭލުންތެރިވާންޖެހޭ ކަމެއް ކަމަށެވެ.

"މިހާރުއްސުރެ ދަސްކުރަން އެބަޖެހޭ ލިބޭ ފައިސާ، އާމްދަނީއިން ތިކުދިންގެ ކަންތައް ހަމަޖައްސަން. މިހާރު ތިކުދިންނަށް ލިބޭ ޕޮކެޓްމަނީ ގެ ފައިސާ ރިކޯޑު ކުރަން. ލިބުނު ވަރާ ތިކުދިން ކުރި ހަރަދާ،" ކުޑައިރުއްސުރެ ލިބޭ ފައިސާ ގެ އާމްދަނީ އާއި ހަރަދު ބެލެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ޒުވާނުންނަށް ގަވަރުނަރު ވިދާޅުވީ އަމިއްލަ އަށް ކުރާ ހަލާލު މަސައްކަތުން ފައިސާ ހޯދުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދުން އެއީ މުހިއްމުކަމެއް. ޒުވާން އުމުރުގައި ރިޓަޔަމަންޓަށް އަމާޒުކޮށްގެން ފަހަށް ރައްކާކުރުމަކީ އިސްކަން ދޭންޖެހޭ ކަމެއް. މިގޮތައް ރައްކާކުރާއިރު މާކެޓުގައި ހުރި ފެސިލިޓީސްތައް ބެލުމަކީވެސް މުހިއްމު ކަމެއް،" ގަވަރިނަރު ވިދާޅުވީ ކޮންމެ ކޮންމެ ގޮތަކަށް ފައިސާ ހޯދުމުގެ ބަދަލުގައި ދިރިއުޅުމުގެ ކަންކަމަށް ފައިސާ ހޯދަންވާނީ ހަލާލު ގޮތުގައި ކަމަށެވެ.

ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް މިއަދުން ފެށިގެން މިމަހުގެ 30 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.

comment ކޮމެންޓް