ސަރުކާރު ހިންގާ ކޯލިޝަން އުފެދެން ޖެހުނު އެއް ސަބަބަކީ، ކާނަލް ނާޒިމް: އަލީ ވަހީދު

ގާސިމް ކެމްޕެއިން ލޯންޗްކުުރުމަށް ޖުމްހޫރީ ޕާޓީން ރޭ މާމިގިލީގައި ބޭއްވި ޖަލްސާގައި އަލީ ވަހީދު ވާހަކަ ދައްކަވަނީ: އަލީ ވަހީދު ވިދާޅުވީ، ކޯލިޝަން އުފެދެން ޖެހުނު އެއް ސަބަބަކީ ކާނަލް ނާޒިމް ކަމަށް -- ޓްވީޓާ ފޮޓޯ/ ޖުމްހޫރީ ޕާޓީ

އޭރުގެ އިދިކޮޅު ލީޑަރުން ހިމެނޭ މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަން އުފެދެން ޖެހުނު އެއް ސަބަބަކީ، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ޖަލަށް ލުމުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ސަރުކާރު ކޯލިޝަން ގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ކާނަލް ނާޒިމް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި އެންމެ ފުރަތަމަ ޖަލަށް ލެވުނު ސިޔަސީ ލީޑަރެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ ކާނަލް ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައަކާ ގުޅިގެން ނާޒިމް ޖަލަށްލެވުނީ ފުރޭމްކޮށްގެން ކަމަށާއި އެއީ ސިޔާސީ ހައްޔަރީއެއް ކަމަށެވެ.

އދ. މާމިގިލީގައި ރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިސް ރައީސް ގާސިމް އިބްރާޙިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، އޭރުގެ އިދިކޮޅު ކޯލިޝަން އަދި މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަން އުފެދެން ޖެހުނު އެއް ސަބަބަކީ ކާނަލް ނާޒިމް ކަމާށާއި ކާނަލް ނާޒިމް އެ ސަރުކާރު ނިމެންދެން ޖަލުގައި ހިތްވަރާއެކު އޮންނެވި ކަމަށެވެ.

"އަޅުގަނޑުމެންގެ ކޯލިޝަން އުފެއްދެން ޖެހުނު އެއް ސަބަބަކީ، ކުރީގެ ދިފާއީ ވަޒީރު ކާނަލް ނާޒިމް ޖަލަށް ގެންދެވުން. [ކާނަލް ނާޒިމް] އެ ސަރުކާރު ނިމެންދެން ޖަލުގައި ހިތްވަރުކުރައްވާފައި ނިކުމެވަޑައިގެން އައީ،" ކާނަލް ނާޒިމް އާ ގުޅޭ ގޮތުން އަލީ ވަހީދު ވިދާޅުވިއެވެ.

ގާސިމް ކެމްޕެއިން ލޯންޗްކުުރުމަށް ޖުމްހޫރީ ޕާޓީން ރޭ މާމިގިލީގައި ބޭއްވި ޖަލްސާގައި އަލީ ވަހީދު ވާހަކަ ދައްކަވަނީ: އަލީ ވަހީދު ވިދާޅުވީ، ކޯލިޝަން އުފެދެން ޖެހުނު އެއް ސަބަބަކީ ކާނަލް ނާޒިމް ކަމަށް -- ޓްވީޓާ ފޮޓޯ/ ޖުމްހޫރީ ޕާޓީ

ރައީސް އަބްދުﷲ ސަރުކާރުގައި ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް 2014 ވަނަ އަހަރު ޖެނުއަރީ މަހު ކާނަލް ނާޒިމްގެ ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ އެނާ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ހަގުރާމަވެރި ހަތިޔާރު ގެންގުޅުކަމުގެ ދައުވާ ސަބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އެހުކުމަށް ހައިކޯޓުނާއި ސުޕްރީމް ކޯޓުން ވެސް ތާއީދު ކޮޮށްފައެވެ.

ނަމަވެސް ރިޔާސީ އިންތިހާބަށް ފަހު މިދިޔަ ޑިސެމްބަރު މަސް ތެރޭ ސުޕްރީމް ކޯޓުން ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލް ކޮށްފައެވެ.

އަލީ ވަހީދުގެ ތައުރީފް ނާޒިމްގެ އިތުރުން، ރިޔާޒަށާއި ޖަމީލަށް!

ގާސިމްގެ ކެމްޕެއިން ޖަލްސާގައި އަލީ ވަހީދު ވަނީ ޖޮންޓް ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ޖުމްހޫރީ ޕާޓިގެ ޕާލިމަންޓަރޫ ގުރޫޕްގެ ލީޑަރު ކިނބިދޫ ދާއިރާ މެމްބަރު އަބްދުﷲ ރިޔާޒަށްވެސް ތައުރީފްކޮށް ވާހަކަ ދައްކަވާފައެވެ.

އަލީ ވަހީދު ވިދާޅުވީ، ރިޔާޒަކީ ވަރަށް ބޮޑެތި "ރިސްކްތަށް" ނަންގަވާ، ޖުމްހޫރީ ޕާޓީއަށް ދަތި އުދަގޫ ހާލަތުގައި ބޮޑެތި ގުރުބާނީތަކެވެ، ޕާޓީ ހިންގެވުމުގައި ހަރަކާތްތެރި ވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ.

"އެމްޑީޕީގެ ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވުމަށްފަހު، ފުޓްބޯޅަ ޓީމްއެއް ހިންގަން ހުއްޓާ ޖުމްހޫރީ ޕާޓީއަށް އަންނަން ޖެހުނު އެއް ސަބަބަކީ ރިޔާޒު ޖަލަށް" ލުމުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ގާސިމް ކެމްޕެއިން ލޯންޗްކުުރުމަށް ޖުމްހޫރީ ޕާޓީން ރޭ މާމިގިލީގައި ބޭއްވި ޖަލްސާގެ ތެރެއިން: އަލީ ވަހީދު ވަނީ ގާސިމް އާއި ކާނަލް ނާޒިމް، ރިޔާޒު އަދި ޖަމީލަށް ތައުރީފްކޮށް ވާހަކަ ދައްކަވާފައި -- ޓްވީޓާ ފޮޓޯ/ ޖުމްހޫރީ ޕާޓީ

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހަމްދު ނައިބު ރައީސް ކަމުން ދުރުކުރެވުނީ އެއްވެސް އަސްލެއް ނެތްގޮތަށް ބޭއިންސާފުން ކަމަށް އަލީ ވަހީދު ފާހަގަ ކުރެއްވި އެވެ.

ކާނަލް ނާޒިމްއާއި ރިޔާޒު އަދި ޖަމީލް އަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރާ ކެންޑީޑޭޓުންގެ ތެރޭ ހިމެނޭ ތިން ބޭފުޅެކެވެ.

އެގޮތުން ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ވެސް އަލީ ވަހީދު އެދިވަޑައިގެންނެވި އެވެ. އެ ކެންޑިޑޭޓުންނަކީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ތަރައްގީއަށް އެއްބާރުލުން ދެއްވާނެ ކެންޑީޑޭޓުން ކަމަށް ވެސް އަލީ ވަހީދު ފާހަގަ ކުރެއްވި އެވެ.

އަލީ ވަހީދުގެ ވާހަކަފުޅުގައި އޭނާ ވަނީ ގާސިމްއަށްވެސް ވަރަށްބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކަވާފައެވެ.

ތިންވަނަ ދައުރަކަށް މަމިގިލީ ދާއިރާއަށް ކުރިމަތިލައްވާ ގާސިމްގެ ކެމްޕެއިން ރޭ ރަސްމީކޮށް މާމިގިލީގައި ލޯންޗު ކުރެއްވި އިރު، އެ ޖަލްސާގައި ޖުމްހޫރީ ޕާޓިއަށް ނިސްބަތްވާ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި އެ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބަވާ މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓިގެ ސްލޯގަން "ދިވެހިންގެ ބިން ދިވެހިންނަށް" ސްލޯގަން ވެސް ވަނީ ލޯންޗުކޮށްފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރަނީ، 41 ދާއިރާ އަކަށެވެ. އެޕާޓީން މަޖިލިސް އިންތިހާބުގައި ވާދަ ކުރަނީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސްއާ ގުޅިގެންނެނެވެ.

އެގޮތުން ޖުމްހޫރީ ޕާޓީގެ ފަރާތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސްގެ 32 ކެންޑިޑޭޓަކަށް ތާއީދު ކުރާއިރު، އިދިކޮޅު ކޯލީޝަނުން ތާއީދު ކުރަނީ ޖުމްހޫރީ ޕާޓީގެ 26 ދާއިރާ އަކަށެވެ.

comment ކޮމެންޓް