ރާއްޖޭގެ ކުރިކެޓް ކުރިއަރުވަން އިންޑިއާއިން މަގުޗާޓެއް ހަދައިދެނީ

ސަބާ ކަރީމް އަށް ރާއްޖޭގެ ކްރިކެޓް ބޯޑުގެ ރައީސް އަފްލާހު ޖާޒީއެއް ހަދިޔާކުރައްވަނީ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުރިކެޓުން ރާއްޖެ ކުރިއަރުވާ، ދާން ބޭނުން އުސްމިނަކަށް ގެންދިއުމަށް ބޭނުންވާ މަގުޗާޓެއް އެކުލަވާލުމުގައި އެހީތެރިވެދޭނެ ކަމަށް އިންޑިއާގެ ކްރިކެޓް ބޯޑުގެ ސީނިއާ އޮފިޝަލް އަދި ކުރީގެ ކުޅުންތެރިޔާ ސަބާ ކަރީމް ވިދާޅުވެއްޖެ އެވެ.

ސަބާ ކަރީމްއާއި އެކު އިންޑިއާ ގައުމީ ކްރިކެޓް ޓީމުގެ ފީލްޑިން ކޯޗު އަބޭ ޝަރްމާ މިހާރު ރާއްޖޭގައި ކުރައްވަމުންދާ ދަތުރަކީ ދާދި ފަހުން ރައީސް އިބްރާހިމް ސޯލިހު އިންޑިއާއަށް ވަޑައިގެން އެގައުމުގެ ކުޅުވަރުގެ ދާއިރާގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށްފަހު ހަމަޖެހުނު ކަމެކެވެ. މި ދަތުރުގައި އެ ބޭފުޅުން ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށް ސްޓްރެޓެޖިކް ޕްލޭނެއް ހެދުމަށްޓަކައި ދަނީ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

އެގޮތުން މި ބޭފުޅުން ވަނީ ރޭ ރާއްޖޭގެ ކުރިކެޓު ގައުމީ ޓީމާ ބައްދަލުކޮށް ކޯޗިންގް ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން ސަރުކާރުގެ އިސްފަރާތްތަކާ ބައްދަލުކޮށް ކުރިކެޓު ކުރިއެރުވުމަށް ރާއްޖޭގައި ބޭނުން ކުރާނެ ވަސީލަތްތަކާ ބެހޭ ގޮތުން ވެސް އެބޭފުޅުން ވަނީ ވާހަކަ ދައްކަވާފަ އެވެ.

މިއަދު ޔޫތް މިނިސްޓަރީގައި ނޫސްވެރިންނަށް މައުލޫމާތު ދިނިމުގެ ގޮތުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސަބާ ކަރީމް ވިދާޅުވީ ރޭ ކުރިއަށް ގެންދިޔަ ކޯޗިންގް ސެޝަނުންވެސް ރާއްޖެގައި ބޭނުންވާ ހުނަރު ހުރިކަން ފާހަގަވިކަމަށެވެ. އަދި ރަނގަޅު ކޯޗިންގް ގައިޑެންސަކާ އެކު ރާއްޖެއިން ކުރިކެޓުގައި ދެކެމުން އަންނަ ހުވަފެންތަކަކަށް ހަގީގަތަކައް ހެދޭނެ ކަމަށެވެ.

"މިއީ ރާއްޖެއަށް ކުރާ ކުރު ނަމަވެސް ވަރަށް ވެސް ބޭނުންތެރި ދަތުރެއް. މި ދަތުރުގެ ސަބަބުން ރާއްޖޭގައި ކުރިކެޓު އޮތް ހާލަތު ދެނަގަނެވިއްޖެ،" ސަބާ ކަރީމް ވިދާޅުވި އެވެ.

އޭނާ ބުނުއްވީ ރާއްޖެގައި ކުރިކެޓު ކުޅުމަށް ރަނގަޅު ބިންގަލެއް މިހާރުވެސް ބިނާކުރެވިފައިވާ ކަމަށެވެ. ސަބަބަކީ ރާއްޖޭގައި މިހާރުވެސް އެކި އުމުރުފުރާތަކަކަށް ހާއްސަ ކޮށްގެން މުބާރާތްތައް ބާއްވަމުން ދިއުމާއި އަންހެން ކުދިންނަށް ވެސް ހާއްސަކޮށްގެން ކުރިކެޓު އެސޯސިއޭޝަނެއް ހެދިފައި ވާތީ އެވެ.

"އިންޑިއާ އިން ކްރިކެޓުގެ ވަރުގަދަ ބާރަކަށްވީ އިންޑިއާގެ ސަޕޯޓަރުންގެ އެހީއާ އެކު. އަހަރެން އެދެން ދިވެހިން ވެސް ޓީމުގެ ފަހަތަށް ވަދެ ސަޕޯޓްދޭން. ކްރިކެޓް ކުރިއެރުވޭނީ އޭރު. މި ކުޅިވަރުގެ ތެރެއަށް ޒުވާން ކުޅުންތެރިން ވަންނަން ވެސް ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ އިންޑިއާގެ މި ވަފުދަކީ އެގައުމުގެ ވަރަށް މަތީ ލެވެލް ބޭފުޅުންތަކެއް ކަމަށާއި އެ ބޭފުޅުން ރާއްޖޭގައި ކުރައްވަމުން އަންނަ ދިރާސާ ނިންމާލުމަށް ފަހު އެކަމުގެ ފައިދާ ރާއްޖެއަށް ކުރާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

comment ކޮމެންޓް