ސްޓެލްކޯގެ ޓެކްނިކަލް މުވައްޒަފުން ތަމްރީނު ކުރުމަށް ޓިވެޓާއެކު އެއްބަސްވެއްޖެ

ސްޓެލްކޯ އާއި ޓިވެޓާއެކު އެމްއޯޔޫގައި ސޮއިކުރުން --- ސަން ފޮޓޯ: އަވްޝަން އިލްޔާސް

ސްޓެލްކޯގެ ޓެކްނިކަލް މުވައްޒަފުން ތަމްރީނު ކުރުމަށް ސްޓެލްކޯއާއި ޓިވެޓް އޮތޯރިޓީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ. ޓިވެޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީ ހިންގުމާއި ހަވާލުވެހުންނެވި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އެމްޑީ ވިދާޅުވީ މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ޓެކްނިކަލް މީހުން ބިނާ ކުރުމަށް ސްޓެލްކޯ އާއި ޓިވެޓް އޮތޯރިޓީ ގުޅިގެން މަސައްކަތް ކުރުމަށް ސޮއި ކުރެވުނު އެއްބަސްވުމެއް ކަމަށެވެ.

ސްޓެލްކޯގެ މުވައްޒަފުންނަށް ބޭނުންވާ ހާއްސަ ތަމްރީނުތަކަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކޮށް، ސްޓެލްކޯ އިން ބޭނުންވާ ސިލަބަސްތައް އެކުލަވާލައި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް މި އެއްބަސްވުމުގެ ސަބަބުން ފަސޭހަވާނެ ކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.

"މިއީ ސަރުކާރުވެސް ވިސްނުމާ އެއްގޮތަށް ޓެކްނިކަލް މީހުން ތަމްރީނު ކުރުމަށް ލިބުނު ފުރުސަތެއް،" މުޣުނީ ވިދާޅުވިއެވެ.

މިއަދު ވަނީ ނޭޝަނަލް ލެވެލް 3 އިން އިލެކްޓިރިޝަން ކޯސް އިފްތިތާހުކޮށްފައެވެ. މި ކޯހާއެކު ކުރިއަށް އޮތް ދެ އަހަރު ތެރޭގައި 100 އަށްވުރެ ގިނަ އިލެކްޓްރިޝަނުން ތަމްރީނު ކުރެވޭނެ ކަމަށް މުޣުނީ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ހާޝިމް ވިދާޅުވީ ޓިވެޓް އޮތޯރިޓީ އަކީ ތަމްރީން ދޭ ތަނެއް ނޫން ކަމަށާއި އެ އޮތޯރިޓީ އަކީ ތަމްރީނު ތަކަށް ބޭނުންވާ ސްޓޭންޑާޑްތައް ޑިވެލޮޕްކޮށް އެ ސްޓޭންޑާޑް ތަކާ އެއްގޮތަށް ތަމްރީނުތައް ހިނގަމުންދޭތޯ ބެލުން ކަމަށެވެ.

ޓްރެއިނިން ކުރިއަށް ގެންދާނީ ވަޒީފާ ދޭ ފަރާތްތަކާއި ލައިސަންސް ލިބިފައިވާ ތަމްރީންދޭ މުވައްސަސާތަކުންނެވެ.

މިއަދު ސޮއިކުރި އެއްބަސްވުމާއެކު ތަމްރީނުތައް ހިންގާނީ ސްޓެލްކޯގެ ޓެކްނީޝަނުންގެ ބެލުމުގެ ދަށުން ސަރުކާރު ގަބޫލުކުރާ ފެންވަރަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހާޝިމް ވިދާޅުވީ އިއާދަކުރުވަނިވި ހަކަތައިގެ ދާއިރާ އިންވެސް ސްޓެލްކޯގެ މުވައްޒަފުންނަށް ތަމްރީން ދޭން ޖެހޭ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް