ސީރިއާގައި އޮތް އައިއެސްގެ "ޚިލާފަތު" އެއްކޮށް ނައްތާލެވިއްޖެ: އެސްޑީއެފް

އެސްޑީއެފްއިން ދަނީ ބާޣޫޒްގައި އެއެލަޔަންސްގެ ދިދަ ވިހުރުވަމުން -- ފޮޓޯ: އޭއެފްޕީ

ދިމިޝްގު (މާޗް 23): ސީރިއާގައި އޮތް އައިއެސްގެ ބާތިލު ޚިލާފަތު އެއްކޮށް ނައްތާލެވިއްޖެ ކަމަށް، އެޖަމާއަތާ ހަނގުރާމަ ކުރަމުންދާ ސީރިއަން ޑިމޮކްރެޓިކް ފޯސެސް (އެސްޑީއެފް)އިން ބުނެފިއެވެ.

ސީރިއާގެ ކުރުދީ ހަނގުރާމަވެރިން އިސްކޮށް ތިބޭ އެސްޑީއެފްއިން އައިއެސްއާ ހަނގުރާމަ ކުރަނީ އެމެރިކާގެ މަދަދާ އެއްކޮށެވެ. އައިއެސްގެ އަތް ދަށުގައި އޮތް އެންމެ ފަހު ސަރަހައްދު ކަމަށްވާ ބާޣޫޒްއިން އެޖަމާއަތުގެ ބާރު ކަނޑުވާލަން އެސްޑީއެފްއިން ހަމަލާތައް ދޭން ފެށީ މިމަހުގެ ކުރީކޮޅުގަ އެވެ. ނަމަވެސް ހަމަލާތައް މަޑު ޖައްސާލަން ޖެހުނީ ބާޣޫޒްގައި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ތިބިކަން އެނގުމުންނެވެ.

އެހަނގުރާމަ ފެށި ފަހުން ބާޣޫޒްގައި ތިބި ގިނަ އަންހެނުންނާއި ކުޑަކުދިން ވަނީ އެސަރަހައްދުން ނެރެފައެވެ. އަދި އައިއެސްގެ އެތައް ހާސް ހަނގުރާމަވެރިން ވަނީ އަމާން ދީފައެވެ.

"އައިއެސްގެ ބާރު އެއްކޮށް ކަނޑުވާލައި، ޚިލާފަތު އެއްކޮށް ނައްތާލެވިއްޖެކަން ސީރިއަން ޑިމޮކްރެޓިކް ފޯސެސްއިން އިއުލާން ކުރަން،" އެސްޑީއެފްގެ މީޑިއާ އޮފީހުގައި އިސްކޮށް ހުންނަވާ މުސްތަފާ ބާލީ ބުންޏެވެ.

http://www.sun.mv/117097

އެސްޑީއެފް އިން ދަނީ އެއެލަޔަންސުގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން އެމީހުންގެ ރީނދޫ ކުލައިގެ ދިދަ ބާޣޫޒްގައި ވިހުރުވަމުންނެވެ. އިއްޔެ އެމެރިކާއިން ވެސް ވަނީ ސީރިއާގައި އައިއެސްގެ ބާރު އެއްކޮށް ކަނޑުވާލެވިއްޖެ ކަން އިއުލާންކޮށްފައެވެ.

އައިއެސްއިން ވަނީ މީގެ ކުރިން ސީރިއާ އާއި އިރާގުގެ 88،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ކޮންޓްރޯލުކޮށް، ތެޔޮ ވިއްކައިގެންނާއި ވައްކަމާއި ކިޑްނެޕްކުރުން ފަދަ އަމަލުތަކުން އެތައް ބިލިއަން ޑޮލަރު އެއްކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރު އިރާގުގެ ސަރުކާރުން ވަނީ އެގައުމުން އައިއެސްގެ މައްޗަށް ކާމިޔާބު ހޯދާފައިވާކަން އިއުލާންކޮށްފައެވެ.

comment ކޮމެންޓް