ދިވެހީންނަށް ވިސާއާ ނުލައި ތައިލެންޑަށް ދެވޭ ގޮތް ހަމަޖެހިއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (ވ) އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިރު -- ފޮޓޯ/ ރައީސް އޮފީސް

ދިވެހީންނަށް ތައިލެންޑަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ޓޫރިސްޓް ވިސާ ހިލޭ ލިބޭނެ ކަމަށެވެ.

ތައިލެންޑަކީ ޗުއްޓީގެ އިތުރުން ބޭސްފަރުވާއާއި ވިޔަފާރީގެ ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހީން ދަތުރުކުރާ ގައުމެކެވެ.

ތައިލެންޑަށް ދަތުރުކުރާ ދިވެހީންނަށް މީގެ ކުރިން ޓޫރިސްޓް ވިސާ ދެނީ އޮން އެރައިވަލް ވިސާއެއްގެ ގޮތުގައެވެ. އަދި އެ ވިސާއަށް ފައިސާ ދައްކަންޖެހެއެވެ.

ބައިނަލްއަގުވާމީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް އާޖެންޓީނާއަށް ވަޑައިގެން ހުންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެ ބައްދަލުވުމުގެ ހަވާސާގައި ތައިލެންޑު ސަރުކާރުގެ ވަފުދަކާ ބައްދަލުކުރައްވައި، ވިސާގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

http://www.sun.mv/113481

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދިވެހީންނަށް ވިސާގެ ލުއި ލިބުނު ތިންވަނަ ގައުމެވެ. އެމަނިކުފާނުގެ ވެރިކަމުގައި މިދިޔަ ޑިސެމްބަރު މަހު ވަނީ ޔޫއޭއީއަށް ދާ ދިވެހީންނަށްވެސް ވިސާ ނުނަގައި އެގައުމަށް ދަތުރުކުރެވޭ ގޮތް ހަމަޖައްސާފައެވެ.

މީގެ އިތުރުން މި ހިނގާ މާޗު މަހުގެ ތެރޭގައި އިންޑިއާއަށް ބޭސްފަރުވާއަށް ދަތުރުކުރާ ދިވެހީންވެސް ވިސާ ނަގަން ނުޖެހޭ ގޮތަށް ވަނީ ކަންކަން ހަމަޖެހިގެން ގޮސްފައެވެ. އަދި ވިސާގެ އިތުރު ލުއިތަކެއްވެސް އިންޑިއާއިން ވަނީ ރާއްޖެއަށް ދީފައެވެ.

http://www.sun.mv/116532

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާތަނަށް 50 އަށް ވުރެ ގިނަ ގައުމުގެ ސަރުކާރުގެ އޮފިޝަލުންނާ ބައްދަލުކުރައްވާފައިވާ އިރު، އެ ގައުމުތަކަށް ދިވެހީންނަށް ދަތުރުކުރުމުގައި ލުއިފަސޭހަ ގޮތްތައް ހަމަޖެއްސުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އަދި މިނިސްޓްރީން ދަނީ ޔޫރަޕަށް ދަތުރުކުރާ ދިވެހީންނަށް ޝެންގެން ވިސާވެސް ފަސޭހައިން ލިބޭނެ ގޮތްތައް ހަމަޖެއްސުމަށް ދަނީ މަޝްވަރާކުރަމުންނެވެ.

comment ކޮމެންޓް