ސަވީ ސިދޫ: އެކްޓަރަކުން ދޮރުފާރަވެރިއަކަށް!

ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕްގެ "ޕާންޗް'، 'ގުލާލް" އަދި "ބްލެކް ފްރައިޑޭ" ފަދަ ފިލްމުތަކުން ފެނިގެން ދިޔަ އެކްޓަރު ސަވީ ސިދޫއަށް ފިލްމީ ދާއިރާއިން ފުރުސަތު ނުލިބި އަތްމަތި ދަތިވުމުން ދޮރުފާރަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އެބަދެއެވެ.

ސިދޫގެ ވާހަކަ މީހުންގެ ސަމާލުކަމަށް އައީ ފިލްމު ކޮމްޕޭނިއަން އަށް އޭނާ ދިން އިންޓަވިއު އަކާ ގުޅިގެންނެވެ.

އެ އިންޓަވިއުގައި ސިދޫ ބުނެފައި ވަނީ އޭނާ ފިލްމީ ދާއިރާއާ ދުރުވެލީ އޭނާގެ ސިއްހީ ހާލަތު އޭރު އެކަމަށް ތަން ނުދިނުމުން ކަމަށެވެ. އެހެން ނަމަވެސް ފަހުން އެނބުރި އައިސް މަސައްކަތެއް ހޯދަން އެތައް އޮޑިޝަނަކަށް ދިޔަ ނަމަވެސް އޭނާއަށް މަސައްކަތެއް ނުލިބުނު ކަމަށެވެ.

އެހެންކަމުން އާއިލާއަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިކަމަށް ހައްލެއް ހޯދުމަށް އޭނާ ދޮރުފާރަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީއެވެ.

"އަހަރެން އުންމީދު ކުރަނީ އަލުން އަހަންނަށް ފިލްމީ ދާއިރާއިން ފުރުސަތު ލިބޭނެ ކަމަށް،" އަލުން ފިލްމީ ދާއިރާއާ ގުޅުމަށް ކެތްމަދުވެފައި ހުރި ސިދޫ ބުނެފައިވެއެވެ.

ސިދޫގެ ވާހަކަ މިހާރު ބޮލީވުޑް އެކްޓަރުންނާ ޑައިރެކްޓަރުންނާ ހަމައަށް ފޯރާފައި ވާއިރު އެތައް ބަޔަކު އަންނަނީ ސިދޫއަށް ތައުރީފު ކުރަމުންނެވެ.

އެގޮތުން މަސައްކަތެއް ނުލިބި ހާލުގައި ޖެހުނު ދުވަހުވެސް، ތެދުވެރި އަދި ސާފު ސީދާ ދިރިއުޅުމެއް އުޅެން ސިދޫ ނިންމީތީ އަނޫރާގް ކަޝްޔަޕްވެސް ވަނީ އޭނާއަށް މަރުހަބާ ކިޔައިފައެވެ.

"މަސައްކަތެއް ނެތް އެތައް އެކްޓަރުންނެއް އެބަތިބި. އަހަރެން ސަވީ ސިދޫއަށް އަހަރެންގެ ތިން ފިލްމަކުން ފުރުސަތު ދިނީ އޭނާގެ ގާބިލުކަމުން. ފިލްމީ ދާއިރާއިން މަސައްކަތެއް ނުލިބިގެން އެކަމުގެ ހިތާމައާއި ނުތަނަވަސްކަމުގައި މަސްތުވެ، އަމިއްލަ ދިިރިއުޅުން ހަލާކުކޮށްލުމުގެ ބަދަލުގައި ސިދޫ ލިބުނު މަސައްކަތެއް ކޮށްގެން ގަދަރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެން ނިންމީތީ އަހަރެން އޭނާއަށް އިހްތިރާމް ކުރަން،" އަނޫރާގް ބުންޏެވެ.

ކުޅަދާނަ އެކްޓަރު ރާޖްކުމާރު ރާއޯ ވެސް ވަނީ ސިދޫގެ ހިތްވަރަށް ސާބަސް ދީފައެވެ. އަދި އިންޑަސްޓްރީގައި ތިބި އޭނާގެ އެކުވެރިންނާ ވާހަކަ ދައްކައިގެން ސިދޫއަށް އަލުން މަސައްކަތެއް ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށް ވެސް ބުންޏެވެ.

ސިދޫ ފުރަތަމަ ފެނިގެން ދިޔައީ 2004 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ބްލެކް ފްރައިޑޭ"ގައި ޕޮލިސް ކޮމިޝަނަރު ސަމްރާގެ ރޯލުންނެވެ. އޭގެ ފަހުން "ޕާންޗް"، "ގުލާލް" އަދި އަކްޝޭ ކުމާރާ އެކު "ޕަޓިއާލާ ހައުސް"އިން ވެސް ފެނިގެން ދިޔައެވެ.

comment ކޮމެންޓް