ކްރައިސްޓްޗާޗްގެ ނޫރު މިސްކިތް އަލުން ހުޅުވައިފި

ނޫރު މިސްކިތް ކުރިމަތީގައި އިއްޔެ ބޮޑު ޖަމާއަތުގައި ކުރި މެންދުރު ނަމާދުގެ ތެރެއިން -- ފޮޓޯ:

ކްރައިސްޓްޗާޗް (މާޗް 23): ނިއު ޒިލެންޑުގެ ކްރައިސްޓްޗާޗުގައި ހުންނަ ނޫރު މިސްކިތުގައި މިމަހުގެ 15 ވަނަ ދުވަހު ދިން ހަމަލާއަށް ފަހު މިއަދު އެ މިސްކިތް އަލުން ހުޅުވައިފިއެވެ.

ކްރައިސްޓްޗާޗުގެ ފުލުހުން އެ މިސްކިތް ބަންދުކުރީ އެ ހަމަލާ ތަހުގީގު ކުރުމަށެވެ. އަދި މިހާރު މިސްކިތް ވަނީ މަރާމާތުކުރުމަށް ފަހު ފާރުތަކުގައި އަލުން ކުލަ ލާފައެވެ.

އިއްޔެ ނޫރު މިސްކިތް ކުރިމަތީ އޮންނަ ޕާކުގައި ވަނީ ބޮޑު ޖަމާއަތުގައި ހުކުރު ނަމާދު ކޮށްފައެވެ. އެ ޖަމާއަތުގައި ބައިވެރިވުމަށް ނިއު ޒިލެންޑުގެ އެކި ސަރަހައްދުތަކުން އެތައް ހާސް މީހުން ދިޔައެވެ. އަދި ނަމާދު ކުރި ވަގުތު އެ ސަރަހައްދަށް އެއްވެފައި ތިބި މީހުންގެ އަދަދު 200،000 އަށް އަރާނެކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އިއްޔެ ހުކުރު ނަމާދުގެ ބަންގި ވަނީ ނިއު ޒިލެންޑުގެ ދައުލަތުގެ ޓީވީންނާއި ރޭޑިއޯއިން ބްރޯޑްކާސްޓުކޮށްފަ އެވެ. އަދި މުޅި ގައުމަށް ވަނީ ދެ މިނިޓުގެ ސުކޫތެއް ގެނެސްފައެވެ.

ނޫރު މިސްކިތަށާއި ލިންވުޑް އިސްލާމިކް ސެންޓަރަށް ދިން ހަމަލާގައި 50 މީހުން މަރުވި އެވެ. އެހަމަލާއާ ގުޅިގެން އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ބްރެންޓަން ޓެރަންޓްގެ މައްޗަށް ވަނީ މަރުގެ ދައުވާކޮށްފައެވެ. އޭނާ ދެން ކޯޓަށް ހާޒިރު ކުރާނީ އަންނަ މަހުގެ ފަހެއްގައެވެ.

comment ކޮމެންޓް