ނިއުޒިލެންޑުގައި ބަންގި ލައިވްކުރުމުން ނަސާރާ ފާދިރީން ހިތްހަމަނުޖެހިއްޖެ

ގަތްލު އާންމު ނޫރު މިސްކިތާއި އެމިސްކިތުގެ ބޭރު ހިމެނޭގޮތަށް މުސްލިމުން ބޮޑު ޖަމާއަތުގައި އިއްޔެ ހުކުރު ނަމާދު ކުރަނީ

އޮކްލޭންޑް (މާޗް 22): ނިއުޒިލެންޑުގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތެއްގައި މުސްލިމުން ހުކުރު ނަމާދުކުރަން ތިއްބައި އޮސްޓްރޭލިއާގެ ޓެރަރިސްޓަކު ބަޑިން ހަމަލާދީ، 50 މީހުން މަރާލި ގަތުލުއާންމަށްފަހު އައި ފުރަތަމަ ހުކުރު ނަމާދު، އެގައުމުގެ ޓީވީތަކާއި ރޭޑިއޯއިން ލައިވްކޮށް ފޮނުވައި، އަދި އަޑުގަދަކުރާއިން ބަންގި ގޮވުމުން އެގައުމުގެ ނަސާރާ ފައްޅިތަކުގެ ފާދިރީން ހިތްހަމަނުޖެހިއްޖެއެވެ.

ފާދިރީން ރުޅިއައީ ބަންގީގައި "لا إله إلا الله" (މާތް ﷲ ފިޔަވައި އެހެން އިލާހަކު ނެތް) ކަމުގެ ތައުހީދުގެ އިބާރާތް އޮންނާތީ އެކަމާ ގުޅިގެންނެވެ. އެކަމާ ރުޅި އައިސްގެން ނިއުޒިލޭންޑްގެ އެންމެ ބޮޑު ނަސާރާ ފައްޅި ކަމަށްވާ ޑެސްޓިނީ ޗާޗްގެ އިސް ފާދިރީ (ބިޝޮޕް) ބްރައިން ޓަމާކީ ވިދާޅުވީ ނިއުޒިލޭންޑަކީ އިސްލާމީ ގައުމެއްކަން ހާމަވާގޮތަށް ބަންގި ލައިވްކޮށް މުޅި ގައުމު ބަންގީގެ އަޑުން ގުގުމާލުމަކީ އެގައުމުގެ ގިނަ ރައްޔިތުންގެ ދީންކަމަށްވާ ނަސާރާ ދީނުގެ އުސޫލުތަކާ އަދި ދީނާ ދައުލަތް ވަކިކުރާ އިލްމާނީ (ސެކިއުލާ) ވެރިކަމުގެ ނިޒާމު އޮންނަ ނިއުޒިލޭންޑްގެ ސިޔާސީ ނިޒާމާވެސް މުޅިން ޚިލާފު ކަމެއްކަމުގައެވެ.

ޓަމާކީ ކުރެއްވި ޓްވީޓެއްގައި ބުނީ ކްރައިސްޓްޗާޗްގައި މުސްލިމުން ހުކުރުކުރަން ތިއްބައި ހިންގި ގަތްލު އާންމު ކުށްވެރިކުރާ ކަމަށާ އަދި މުސްލިމުންނާ ހަމްދަރުދީވެސް ވާކަމުގައެވެ.

މިއާއެކު މުސްލިމުންނަށް ހަމްދަރުދީވުމުގެ ގޮތުންނާއި އެ ޓެރަރިސްޓް އަމަލު ކުށްވެރިކުރުމުގެ ގޮތުން ނިއުޒުލޭންޑްގެ އާންމުންނާއި ސަރުކާރު ގުޅިގެން ކުރާކަންކަމަށް ތަރުޙީބުދީ އެކަންކަމުގައި ބައިވެރިވާކަމަށާ މިގޮތުން ގަތްލުއާންމުގައި މަރާލި 50 މުސްލިމުންގެ ހަނދާނުގައި މުޅި ގައުމުގައި ހުކުރުދުވަހު ގެނައި ދެ މިނިޓުގެ ހިމޭން ވަގުތު ކޮޅުގައި (ސުކޫތުގައި) އޭނާ ބައިވެރިވިކަމަށް ޓަމާކީ ބުންޏެވެ.

ނިއުޒިލޭންޑްގެ ބޮޑުވަޒީރު އާޑަން އާއި ނަސާރާ އަންހެނުން އިއްޔެ ބުރުގާ އަޅައިގެން

ނަމަވެސް ތައުހީދުގެ ކަލިމައާއެކު ގޮވާ ބަންގި، ނިއުޒިލެންޑުގެ ޓީވީތަކާއި ރޭޑިއޯއިން ލައިވްކޮށް އަޑުގަދަކުރާތަކުން ބަންގި ދިނުމަކީ ނަސާރާއިންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާ އެއީ ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާޑާންއަށް ލިބިފައިވާ ބޮޑުވަޒީރުކަމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރެއްވުމުގެ އަމަލެއް ކަމަށް ބިޝޮޕް ބްރައިން ޓަމާކީ ވަނީ ސިފަކުރައްވާފައެވެ.

ކްރައިސްޗާޗުގެ ނޫރު މިސްކިތުގައި އިއްޔެކުރި ހުކުރު ނަމާދު އެގައުމުގެ ޓީވީތަކާއި ރޭޑިއޯ އިން ލައިވްކޮށް ނިއުޒިލޭންޑްގެ ހުރިހާ ދީންތަކެއްގެ އަންހެނުންވެސް އިއްޔެ މުސްލިމުންގެ ބުރުގާ އެޅުމަށް މުޅިގައުމުގައި ހިންގި އިވެންޓަކީ އެގައުމުގެ ބޮޑުވަޒީރު ޖެސިންޑާ އާޑަން އިސްނަންގަވައިގެން އެކަމަނާގެ ސަރުކާރުން އަންގައިގެން ހިންގި އިވެންޓެކެވެ. މި އިވެންޓްގައި މުސްލިމު އަންހެނުންގެ އިތުރުން ނާސާރާ އަންހެނުންނާއި އެނޫން ދީންތަކުގެ އަންހެނުން އިއްޔެ ބުރުގާ އެޅުމުން މުޅި ނިއުޒިލޭންވަނީ އެއްބައިވެ އެކަތިގަނޑަކަށް ވެފައެވެ.

ނިއުޒިލެންޑުގައި ބަންގި ލައިވްކޮށް ފޮނުވުމުގާ ގުޅިގެން އެކަމަށް ފާޑުކީ މައްސަލައިގައި ނިއުޒިލެންޑުގެ އާންމުން ވަނީ އިސް ފާދިރީ ބްރައިން ޓާމަކީއަށް ފާޑުކިޔައި އޭނާ ކުށްވެރިކޮށްފައެވެ.

ކްރައިސްޗާޗުގެ ނޫރު މިސްކިތުގައި އިއްޔެ ހުކުރު ނަމާދުކުރީ އެމިސްކިތާ ތަންކޮޅެއް ދުރުގައިވާ ޕާކްވެސް ހިމެނޭގޮތަށް ގިނަ ބަޔަކު ބައިވެރިވެގެން ބޮޑު ޖަމާއަތުގައެވެ. ބޮޑުޖަމާއަތުގައި މުސްލިމުން ހުކުރުކުރިތަން ބައްލަވާލެއްވުމަށް ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑާންގެ އިތުރުން މުސްލިމުން ނޫން އެތަށް ހާސް ބަޔަކުވެސް ދިޔައެވެ.

މުސްލިން އަންހެނުންނާއި ފިރިހެނުން ހުކުރު ނަމާދު ކުރަމުން ދިޔައިރު މުސްލިމުން ނޫން އަންހެނުންނާއި ފިރިހެނުން ފަހަތުގައި ތިއްބެވެ. މުސްލިމް ނޫން އަންހެނުންތިބީ ބުރުގާ އަޅައިގެންނެވެ.

އެއީ މުސްލިމުންނާ އެކުގައިކަންތިބިކަން ހާމަކުރުމުގެ ގޮތުންނާއި މުސްލިމުންގެ ހިތާމައިގާ ބައިވެރިވުމުގެ ގޮތުންނެވެ. މުސްލިމުންގެ ހިތާމައިގާ ބައިވެރިވެ ވަޑައިގަތުމަށް އެތާގައި ހުންނަވައިގެން ބޮޑުވަޒީރު އާޑާން ކީރިތި ކުރެއްވިއެވެ.

މަރާލެވުނު މުސްލިމުންގެ ހަނދާނުގައި ގެނައި ސުކޫތުގައިވެސް ނިއުޒިލޭންޑްގެ ހުރިހާ ރައްޔިތުން ބައިވެރިވިކަމަށް އެގައުމުގެ މިޑީޔާ ބުނެއެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް