މުސްލިމުންނާއެކު ތިބިކަން ހާމަކުރުމަށް، ނިއު ޒިލެންޑުގެ އަންހެނުން ބުރުގާ އަޅައިގެން!

ނޫރު މިސްކިތް ކުރިމަތީ ހުކުރު ނަމާދު ކުރި ވަގުތު އެސަރަހައްދަށް ގިނަ އަދަދެއްގެ މީހުން އެއްވެފައި ތިބި -- ފޮޓޯ: ރޮއިޓާސް

ކްރައިސްޓްޗާޗް (މާޗް 22): ނިއު ޒިލެންޑުގައި މިދިޔަ ހުކުރު ދުވަހު ދެ މިސްކިތަކަށް ހަމަލާދީ، 50 މީހުން މަރާލުމާ ގުޅިގެން، މުސްލިމުންނާއެކު ތިބިކަން ހާމަ ކުރުމަށް އެގައުމުގެ ގިނަ އަދަދެއްގެ އަންހެނުން އިސްތަށިގަނޑު ނިވާކޮށް، ބުރުގާ އަޅައިގެން މަގުތަކަށް ނުކުމެއްޖެއެވެ.

މިއަދު މުސްލިމް ނޫން އަންހެނުންވެސް ބުރުގާ އަޅަން ހިތްވަރުދިނުމުގެ ހަރަކާތެއް ފެށި އެކަކަކީ އޮކްލެންޑުގެ ޑޮކްޓަރެއް ކަމަށްވާ ތާޔާ އަޝްމަންއެވެ. އޭނާ ބުނި ގޮތުގައި އެ ހަރަކާތް ފެށީ، މިސްކިތްތަކަށް ދިން ހަމަލާއަށް ފަހު ބައެއް މުސްލިމު އަންހެނުން ބުރުގާ އަޅައިގެން ބޭރަށް ނުކުންނަށް ބިރު ގަންނަކަމަށް އަޑު އިވުމުންނެވެ.

"އަޅުގަނޑު ބުނަން ބޭނުންވީ، އަޅުގަނޑުމެން މިތިބީ މުސްލިމުންނާ އެކުގައޭ. މިއީ މުސްލިމުންގެވެސް ވަޒަން އަދި އަޅުގަނޑުމެން ތި އެންމެންނަށް ތާއިދުކޮށް އިހުތިރާމުކުރަން،" އަޝްމަން ބުންޏެވެ.

ނިއު ޒިލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން އާއި ގިނަ އަދަދެއްގެ އަންހެނުން ބޯ ނިވާކޮށްގެން -- ފޮޓޯ: ރޮއިޓާސް

އަދި ގިނަ އަދަދެއްގެ އަންހެނުން ވަނީ ބޮލުގެ އިސްތަށިގަނޑު ނިވާކޮށްގެން ތިބެ، ވަޒީފާއަށާއި ސްކޫލަށް ގޮސް، ސޯޝަލް މީޑިއާ މެދުވެރިކޮށް މުސްލިމުންގެ ހިތްވަރަށް ތައުރީފުކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހު ދިން ހަމަލާ އަމާޒުވި ނޫރު މިސްކިތް ކުރިމަތީ އޮންނަ ޕާކުގައި މިއަދު ބޮޑު ޖަމާއަތުގައި ވަނީ ހުކުރު ނަމާދުކޮށްފައެވެ. އެ ނަމާދުގައި ނިއު ޒިލެންޑުގެ އެކި ސަރަހައްދުތަކުން ކްރައިސްޓްޗާޗަށް ދިޔަ ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ. އަދި ނަމާދު ކުރަމުން ދިޔައިރު، މުސްލިމުންނާ އެކު އޮތް އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން އެތައް ހާސް މީހުން އެތަނަށް އެއްވެ ތިއްބެވެ. އެތަނުގައި ތިބި މީހުންގެ އަދަދު 20،000 އަށް އަރާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ހުކުރު ނަމާދު ފެށުމުގެ ކުރިން، ބޯ ނިވާކޮށްގެން ހުންނެވި ބޮޑުވަޒީރު ޖެސިންޑާ އާޑާން ވަނީ ވާހަކަ ދައްކަވާފައެވެ. އަދި ކީރިތި ރަސޫލާގެ ހަދީސްފުޅެއްގެ ތަރުޖަމާވެސް ވިދާޅުވިއެވެ.

"ހަށިގަނޑުގެ އެއްވެސް ތަނެއްގައި ވޭން އަޅާ ނަމަ މުޅި ހަށިގަނޑަށް އެތަދު އިހުސާސު ކުރެވޭނެ. ނިއު ޒިލެންޑުގެ އެންމެންނަކީ އެއް ބައެއް. އަޅުގަނޑުމެން މުސްލިމުންގެ ހިތާމައިގައި ބައިވެރިވަން،" އާޑާން ވިދާޅުވިއެވެ.

ނޫރު މިސްކިތް ކުރިމަތީ އޮންނަ ޕާކުގައި ބޮޑު ޖަމާއަތުގައި ނަމާދު ކުރަނީ -- ފޮޓޯ: އަލްޖަޒީރާ

މީގެ އިތުރުން މުޅި ނިއު ޒިލެންޑަށް މިއަދު ވަނީ ދެމިނިޓުގެ ސުކޫތެއް ގެނެސްފައެވެ. އަދި ހުކުރު ނަމާދުގެ ބަންގި ވަނީ ދައުލަތުގެ ޓީވީންނާއި ރޭޑިއޯއިން ބްރޯޑްކާސްޓްކޮށްފައެވެ.

ޓެރަރިސްޓު ހަމަލާއެއް ކަމުގައި ކަނޑައަޅާފައިވާ އެހަމަލާ އަމާޒުވި ނޫރު މިސްކިތާއި ލިންވުޑް އިސްލާމިކް ސެންޓަރު މާދަމާ ހުޅުވާނެއެވެ. އަދި މިދިޔަ ބުދަ ދުވަހުން ފެށިގެން ދަނީ އެހަމަލާގައި މަރުވި މީހުންގެ ޖަނާޒާ ބާއްވަމުންނެވެ.

comment ކޮމެންޓް