ހައްޔަރުކުރަނީ ހެއްކާއެކު، ކޯޓުތަކުން ދޫވަނީ ކީއްވެކަމެއް ބުނާކަށް ނެތިން: ފުލުހުން

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފުލުހުން މިއަދު ބުނީ، މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރު ކުރަނީ ހެއްކާ އެކު ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މައްސަލަތަކުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރަނީ ހެއްކާއެކު ކަމަށާއި ނަމަވެސް ޝަރުޢީ ކޯޓުތަކުން އެ މީހުން މިނިވަން ވަނީ ކީއްވެކަމާމެދު ޖަވާބެއް ދިނުމަށް ބޭނުން ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މައްސަލަ ތަހުގީގުކޮށް ނިންމާ ކޯޓުތަކުން އެ މައްސަލައެއް ސާބިތުނުވެ އެ މައްސަލަތަކުގެ ތުހުމަތު ކުރެވޭ މީހުން މިނިވަން ވެގެން ދިއުމަކީ އަބަދުވަސް ގިނަ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.

އިއްޔެ ފުލުހުން ވަނީ އެ މުއަސަސާއިން ހިންގި ބައެއް މަރުތަކުގެ ތަހުގީގުގެ މައުލޫމާތު ހިއްސާކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

"ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ، ފުލުހުން މައްސަލައިގެ ތަހުގީގަށް، މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރަނީ އެކަށީގެންވާ ހެއްކާއި ގަރީނާއާއެކު ކަމަށާއި ނަމަވެސް ކޯޓުތަކުން އެ ފަރާތްތަށް މިނިވަންވެގެން ދަނީ ކީއްވެކަމެއް ބުނާކަށް ނެތިން ކަމަށެވެ.

[ފުލުހުން] މީހުން [މައްސަލަތަކުގެ] ތުހުމަތުގައި ހައްޔަރު ކުރަނީ، އަޅުގަނޑުމެންނަށް އެ ތަހުގީގަކަށް ނުވަތަ އެ ކުށަކަށް އެ ބައެއްގެ މައްޗަށް ތުހުމަތުކުރެވޭ ވަރުގެ އެކަށީގެންވާ ހެކި، ގަރީނާ ހުރެގެން. އެހެން ނަމަވެސް މިކަންކަން ވަޒަން ކުރުމުގައި އެކިއެކި މިންގަނޑުތައް އެބަހުރި. އެހެންވީމާ ފަނޑިޔާރުން [މައްސަލައިގެ ތުހުމަތު ކުރެވޭ މީހުން] ދޫކޮށްލާ ދޫކޮށްލުމާ މެދު މިވަގުތު އެއްޗެއް ބުނާކަށް ނެތިން،" މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުން ދޫވެގެން ދަނީ، ފުލުހުންނަށް އެކަށީގެންވާ ހެކި ނުލިބިގެން ތޯ ނުވަތަ ކޯޓުތަކުން އެއްބާރުލުން ނުލިބޭތީ ތޯ ސުވާލު ކުރުމުން ސާމިހް ވިދާޅުވިއެވެ.

ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ތިން މަރެއްގެ ތަހުގީގުގެ ތަފްސީލު ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން މިދިޔަ މަހު 17 ވަނަ ދުވަހު ގއ. ވިލިނގިލީގައި އޮޑީހަރުގެއެއްގެ ތެރޭ މަރުވެފައި އޮއްވާ ފެނުނު ހުސައިން ސިމާދުގެ މަރުގެ މައްސަލައިގެ ތަފްސީލު ފުލުހުން ވަނީ ހިއްސާ ކޮށްފައެވެ. ފުލުހުން ބުނީ، އެ މައްސަލައިގައި ތުހުމަތު ކުރެވެނީ އޭނާ މަރުވެފައި އޮއްވާ ފެނުނު އޮޑި ހަރުގެ ބަލައްޓާ އެ ރަށު، ސައިސަން، ސައީދު ހަސަނަށް ކަމަށެވެ. ސައިދު އަކީ ސިމާދު މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކުރި މީހާއެވެ.

އޭގެ އިތުރުން ފުލުހުން ވަނީ، ގޭންގް މާރާމާރީއެއްގައި މިދިޔަ އަހަރު ފަހުކޮޅު މަރުވި ދެ މަރެއްގެ ތަފްސީލުވެސް ހާމަކޮށްފައެވެ.

އެއީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 31 ވަނަ ދުވަހު އެމްއެމްއޭ ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލި ގދ ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް (18 އަހަރު)ގެ މަރާއި 2018 އޮކްޓޫބަރު 11 ވަނަ ދުވަހު ވަޅިން ހަމަލާދީ މަރާލި ސ. ފޭސޫ، ހީނާމާގެ، އިސްމާއިލް ޝައްފާހު (14 އަހަރު)ގެ މަރެވެ.

އާގިލްގެ މަރާ ގުޅިގެން ތިން މީހަކަށް ތުހުމަތުކުރާއިރު، އެ ތިން މީހުންގެ މައްޗަށް ދައުވާ ކުރުމަށް ވަނީ ފޮނުވާފައެވެ. އަދި ޝައްފާހުގެ މަރާ ގުޅިގެން ހަތަރު މީހަކަށް ތުހުމަތުކުރެވޭ އިރު އެ ހަތަރު މީހުންގެ މައްަށްވެސް ދައުވާކުރުމަށް ވަނީ ޕްރޮސެކިއުޓަރ ޖެނެރަލަށް ފޮނުވާފައެވެ.

ފުލުހުން މިއަދު ބުނީ، ގޭންގް މާރާމާރީއާ ގުޅޭ އެ ދެ މަރަކީ ވެސް މާލޭގައި އެ ދުވަސްވަރު ހިނގި ސިލްސިލާ މާރާމާރީތަކާ ގުޅޭ ބަދަލު ހިފުމުގެ ގޮތުން ހިންގާފައިވާ ދެ މާރާމާރީ އެކެވެ.

comment ކޮމެންޓް