ދެބަފައިންގެ ކާމިޔާބީ: ބުނެދެން ނޭނގޭހާވެސް އުފާވެރި

ކުރިއަރަމުން އަންނަ ފުޓުބޯޅަ ކޯޗު އަހުމަދު ނިޔާޒް (ނިޔާ) އަދި އޭނަގެ ދެ ދަރިން --- ފޮޓޯ / ނިޔާޒްގެ ފޭސްބުކް ޕްރޮފައިލް

ނިމިގެންދިޔަ "މަމެން" އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ހިރިޔާ ސްކޫލް ހޯދުމުގައި މުހިންމު ދައުރެއް އަދާ ކުރި ދެބަފައިންގެ ވާހަކައަކީ ރާއްޖޭގައި ފުޓުބޯޅައަށް ލޯބިކުރާ ބަޔަކު އަޑު ނާހާ ދޫކޮށް ނުލެވޭނެ ވާހަކައެކެވެ.

ދަރިން ހޯދާ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި އަބަދުވެސް އެންމެ ބޮޑު ދައުރެއް އަދާ ކުރާނީ އެ ކުދިންގެ މައިންބަފައިންނެވެ. ކުޅިވަރުގެ ރޮނގުން ބަލާނަމަ ކޮންމެ ކުއްޖެއްގެ މަންމައަށާއި ބައްޕައަށްވެސް ލިބޭނެ އެންމެ ބޮޑު އުފަލަކީ އޭނަގެ ދަރިފުޅު ކުޅެގެން މޮޅުވާތަން އެންމެ ގާތުން ބަލާލުމުގެ ފުރުސަތު ލިބުމާއި ބަލިވަމުން ދާ ވަގުތު ކައިރީގައި ހުރެ ހިތްވަރުދިނުންކަން ޔަގީނެވެ.

ކުރިއަރަމުން އަންނަ ފުޓުބޯޅަ ކޯޗު އަހުމަދު ނިޔާޒް (ނިޔާ) އަދި އޭނަގެ އާއިލާ --- ފޮޓޯ / ނިޔާޒްގެ ފޭސްބުކް ޕްރޮފައިލް

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ބޮޑެތި ކުލަބުތަކަށާއި ގައުމީ ޓީމަށްވެސް ކުޅެދީ އެތައް ކާމިޔާބީތަކެއް ހޯދުމަށްފަހު ކުޅުމުން ރެޓަޔާކޮށް މިހާރު ކޯޗު ކަމުގެ ދާއިރާއިން އެންމެ ކުރި އަރަމުން އަންނަ އެކަކަކީ އަހުމަދު ނިޔާޒް (ނިޔާ)އެވެ. ނަމަވެސް އޭނަ ފުޓުބޯޅައިގެ ހަޔާތުގައިވެސް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް އޭނަ ސިފަކުރަނީ ރޭގައި ކުޅުނު ފައިނަލް މެޗުން އޭނާގެ އިރުޝާދުގެ ދަށުން ހިރިޔާ ސްކޫލް މޮޅުވެ އެ މުބާރާތުގެ ތަށި ހޯދުމެވެ.

ރާއްޖެގެ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގައި ރަން ވަނަތަކެއް ހޯދާފައިވާ ނިޔާ އޭނާގެ އިރުޝާދުގެ ދަށުން ސުކޫލު މުބާރާތަކުން ލިބުނު ތަށި އޭނަގެ އެހެން ހުރިހާ ކާމިޔާބީތަކުގެ މައްޗަށް ހާއްސަވާ ސަބަބަކީ ހިރިޔާ ސުކޫލުގެ ތާރީހުގައިވެސް އެންމެ ފުރަތަމަ ފަހަރަށް ފުޓުބޯޅައިން ލިބުނު ރަން މެޑަލް ހޯދައިދެވުނީތީވެ ބާއެވެ؟ ނޫނެކެވެ! އެ ތަށި އެ ސުކޫލުން އުފުލާލި އިރު ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން އޭނަގެ ދޮށީ ދަރި މުހައްމަދު އަދްޔަން ނިޔާޒް ހުރުމުންނެވެ.

އަމިއްލަ ދަރިއަކަށް ކޯޗުކަންކޮށްދީ އޭނާއަށް ކާމިޔާބީ ހޯދައިދިނުމަކީ ކޮންމެ ކޯޗެއްވެސް ކުރާނެ އެންމެ ބޮޑު އެއް އުންމީދެވެ. އެކަން ކާމިޔަބު ކޮށްދެވުމުން ލިބުނު އުފަލަކީ ބުނެދެންވެސް ނޭނގޭ ފަދަ ބޮޑު އުފަލެއް ކަމަށް ނިޔާ ބުންޏެވެ.

ރޭގައި ކުޅެވިގެން ދިޔަ ފައިނަލުގައި މޮޅު ކުޅުމެއް ދެއްކި އަދްޔަން ވަނީ އެ މެޗުގައި ދެ ގޯލު ވެސް ޖަހައިދީފައެވެ.

ނިޔާގެ ފުޓުބޯޅަ ހަޔާތުގެ ފެށުން

މަޖީދިއްޔާ ސުކޫލުގައި ކިޔަވަމުން ދިޔަ ދުވަސްވަރު ނިޔާގެ ކުޅުން ފާހަގަވެ އޭރުގެ ގިނަ ކުލަބަުތަކުން ލޯ އަޅަމުން ދިޔަ ވަގުތު އެކަން ކާމިޔާބު ކުރީ ނިއު ލެގޫންސްއިންނެވެ. ސްކޫލުގެ ކިޔެވުން ނިންމުމަށްފަހު 1999 ވަނަ އަހަރު ނިއު ލެގޫންސްއިން ފުރަތަމަ ޑިވިޝަނަށް ނިޔާ ކުޅެން ފެށި ނަމަވެސް ޖެހިގެން އައި އަހަރު ކުޅުން މެދުކަނޑާލަން ޖެހުނީ އޭރުގެ ގަވާއިދު އޮންނަ ގޮތުން ސްކޫލް ނިންމުމަށް ފަހު އަސްކަރިއްޔާގައި ހިދުމަތްކުރަން ޖެހުމުންނެވެ.

އަހްމަދު ނިޔާޒްގެ ފުޓުބޯޅައިގެ ހަޔާތުގެ ކުރީ ކޮޅު ---

އެގޮތުން ދެހާސް ވަނަ އަހަރު، އެންއެސްއެސް [މިހާރުގެ އެމްއެންޑީއެފް]ގެ ވަޒީފާއަށް ވަދެ ތިން އަހަރުގެ ބޮންޑު ފުރިހަމަކޮށް ނިޔާ އެނބުރި ފުޓުބޯޅައިގެ ތެރެއަށް އަލުން ވަދުނީ 2003 ވަނަ އަހަރުއެވެ. އެންއެސްއެސްގައި ހުރި އިރުވެސް ފުޓުބޯޅައިން ދުރަށް ނުގޮސް އޭރުގެ ޔޫތު ގައުމީ ޓީމުގައިވެސް ކުޅެދީފައިވާ ނިޔާ އޭރު ގުޅުނީ ވެލެންސިއާ އަށެވެ. އެއަށް ފަހު ރާއްޖޭގެ އެންމެ މަތީ ފަންތީގައި ނިޔާ ވަނީ 14 އަހަރު ވަަންދެން މެދު ކެނޑުމެއްނެތި ކުޅެދީފައެވެ.

ނިޔާ އެންމެ ފާހަގަ ކޮށްލެވެނީ 2013 ވަނަ އަހަރު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި އިރު އެ ޓީމުގެ މެދުތެރެ ބެލެހެއްޓުމުގައި ދެއްްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އެ ޓީމާއެކު އެ އަހަރުގެ އޭއެފްސީ މުބާރާތުގެ ދެވަނަ ބުރަށް ނިއުރާޑިއަންޓު ގެންދިއުމުގައި ނިޔާ ވަނީ މޮޅު ކުޅުމެއް ދައްކާ ގައުމީ ޓީމުންވެސް ޖާގަ ހޯދާފައެވެ.

ނިއުރޭޑިއަންޓުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށްފަހު ނިއާގެ ފުޓްބޯޅަ ކެރިއަރު ނިންމާލާފައި ވަނީ ވިކްޓަރީގައެވެ.

ކޯޗިންގް ކެރިއަރު ފެށިގެން ދިއުން

ވޭތުވެ ދިޔަ އަހަރުގެ ސީޒަނުގައި ކުޅުމަށް ގްރީންސްޓްރީޓަށް ސޮއި ކުރިނަމަވެސް ފަހުން އަނބުރާ ވިކްޓަރީއަށް ކުޅެން އުންމިދު ކޮށްގެން އޭނާ ބަދަލުވި އިރު ކުޅުންތެރިން ރަޖިސްޓްރީކުރުމުގެ މުއްދަތު ހަމަވެފައި ވުމުން އޭނާ މަސައްކަތް ކުރަން ޖެހުނީ ވިކްޓަރީގެ ކޯޗް ލާޒްލޯ ކިސްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައެވެ.

އެހެންނަމަވެސް އެއަށް ވުރެ ކުރިން، ނިއާ ކޯޗިންގެ ތެރެއަށް ނިކުމެއްޖެއެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑެތި ފުޓްސަލް މުބާރާތްތަކުގައި ކޯޗެއްގެ ގޮތުން ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ ނިޔާ ވަނީ ވޭތުވެ ދިޔަ އަހަރު އޭއެފްސީ ކޯޗިންގެ ސީ ލައިސެންސް ކޯސް ފުރިހަމަ ކޮށްފައެވެ.

މީގެ އިތުރުން ނ. އަތޮޅުގެ ރަށްތަކަށް ހާއްސަކޮށްގެން ބާއްވާ "ސިޔާމް މައުރޫފް ސޮކާ ކަޕު" ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަންކަން ކެނދިކުޅުދޫއިން ހޯދީ ނިއާގެ ކޯޗު ކަމުގެ ދަށުންނެވެ. އެއީ ބޮޑު ފުޓުބޯޅައިގައި ނިޔާ ކޯޗެއްގެ ގޮތުގައި ހޯދި ފުރަތަމަ ތަށްޓެވެ.

ވާދަވެރި މެޗެއްގައި ދެން ކުޅުމުން ނުފެންނާނެ ކަމަށް ބުނެފައިވާ ނިޔާ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޯޗެއްގެ ގޮތުގައި އަރަމުން އަންނަ ޒުވާން އެހެން ކޯޗުންނަށްވެސް ނަމޫނާ ދައްކާފައެވެ.

ދަރިފުޅަށް ލިބުނު ކާމިޔާބީގެ ފަހަތުގައި ބައްޕަ

ގިނަ ދުވަސްތަކެއް ވަންދެން ފުޓުބޯޅައަށް ހިދުމަތް ކޮށްދީފައިވާ ނިޔާގެ އެންމެ ބޮޑު އެއް ކާމިޔާބީކަމަށް އޭނާ ސިފަކުރާ އެއް ވަގުތު ކޮޅަކީ ރޭގައި ކުޅެވުނު އިންޓަރ ސުކޫލު ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި އިމާދުއްދީން ސްކޫލު ބަލިކޮށް ހިރިޔާ ސްކޫލު ތަށި އުފުލާލި އިރު ޓީމުގެ ކޯޗުގެ ގޮތުގައި އޭނާ ހަރަކާތްތެރިވި އިރު ޓީމުގެ ކެޕްޓަންގެ ގޮތުގައި ދަރިފުޅު އަދްޔަން ހުރުމެވެ.

"ވަރަށް ޕްރައުޑް މޯމަންޓެއް. ވަރަށް އުފާވެފައި މިހުރީ. އަސްލު ހިތުގައި ހުރި ހުރިހާ އެއްޗެއް ބުނެދެންވެސް ނޭނގޭ. އެހާވެސް އުފަލުން މިހުރީ. ކޯޗެއްގެ ހައިސިއްޔަތުންނާއި ބައްޕައެއްގެ ހައިސިއްޔަތުން މިއީ ލިބުނު އެންމެ ބޮޑު އެއް ފަޙުރު،" ސަންއަށް ދިން އިންޓަވިއުއެއްގައި ނިޔާ ބުންޏެވެ.

މީގެ އިތުރުން ދަރިފުޅު މި ދާއިރާއިން ކުރިއަށްދާން ބޭނުން ހިސާބަކަށް ކުރިއަށް ގެންގޮސްދިނުމުގައި ހުރިހާ "ބެކަޕް"އެއް ވެސް ދޭން ތައްޔާރަށް ހުރިކަމަށް ނިޔާ ވަނީ ބުނެފައެވެ.

ރޭ ކުޅެވުނު ފައިނަލް މެޗުގައި އިމާދުއްދީން ސްކޫލް ބަލިކޮށް ހިރިޔާ ސްކޫލް ތަށި އުފުލާލަނީ --- ފޮޓޯ/ އެފްއޭއެމް

ކުޑައިރުން ފެށިގެން ފުޓުބޯޅައިގެ ތެރެއަށް ވަދެވިފައިވަނީ ބައްޕަގެ ސަބަބުން ކަމަށާއި ފުޓުބޯޅައިގެ "ރޯލް" މޮޑެލްއެއްގެ ގޮތުގައި ދެކެނީވެސް އޭނާގެ ބައްޕަ ކަމަށް އަދްޔަން ބުންޏެވެ.

"ބައްޕައަކީ ފުޓުބޯޅައިގައި ނަމޫނާއެއް. އެންމެ ފަހު ވަގުތާއި ހަމައަަށް ވެސް ވަރަށް ހިތްވަރުކުރާނެ. އެންމެ ފާހަގަކޮށްލެވެނީ ބައްޕަ ކުޅުމުގައި ގެންގުޅޭ ޑިސިޕްލީން. ބައްޕައާއި އެކު އަޅުގަނޑުގެ ފުރަތަމަ ތަށި ރޭގައި މި އުފުލާލީ. ވަރަށް ބޮޑަށް އުފާވި،" ސަންއަށް ދިން އިންޓަވިއުއެއްގައި ނިޔާގެ ދަރިފުޅު އަދްޔަން ނިއާޒް ބުންޏެވެ.

ސްޕޭންގެ ބާސެލޯނާއަށް އެންމެ ސަޕޯޓްކުރާ އަދްޔަން ރާއްޖޭގައި ކުޅެން އެންމެ ބޭނުންވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށެވެ. އެއީ އޭނާގެ ބައްޕަ އެ ޓީމާއެކު ގިނަ ކާމިޔާބީތައް ހޯދާފައިވާތީ ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް