ނިއު ޒިލެންޑުން ހުކުރު ނަމާދުގެ ބަންގި ލައިވް ކުރަނީ

ކްރައިސްޓްޗާޗުގެ ނޫރު މިސްކިތް މާދަމާ ހުޅުވަން ވަނީ ނިންމާފަ -- ފޮޓޯ: ގެޓީ

ވެލިންޓަން (މާޗް 21): ނިއު ޒިލެންޑުގެ ދެ މިސްކިތަކަށް ދިން ހަމަލާއަށް ފަހު ކުރާ ފުރަތަމަ ހުކުރު ނަމާދުގެ ބަންގި މާދަމާ ދައުލަތުގެ ޓީވީންނާއި ރޭޑިއޯއިން ބްރޯޑްކާސްޓު ކުރާނެ ކަމަށް ބޮޑުވަޒީރު ޖަސިންދާ އާޑާން ވިދާޅުވެއްޖެ އެވެ.

އާޑާން ވިދާޅުވި ގޮތުގައި މުސްލިމުން ނަމާދު ކުރަން މިސްކިތަށްދާ އިރު، އެމީހުންނާ އެކު ނިއު ޒިލެންޑުގެ ރައްޔިތުން ތިބިކަން ހާމަ ކުރަން ބޭނުންވާ ގިނަ އަދަދެއްގެ މީހުން އެބަތިއްބެވެ. އެހެންކަމުން މާދަމާ އެގައުމުން ދެ މިނިޓުގެ ސުކޫތެއް ގެނެސް، ހުކުރު ނަމާދުގެ ބަންގި ޓީވީ އެންޒީންނާއި ރޭޑިއޯ ނިއު ޒިލެންޑުން ބްރޯޑްކާސްޓު ކުރާނެ އެވެ.

"މުސްލިމުން އަނެއްކާވެސް މިސްކިތަށް ދާން ފަށާ އިރު، ހާއްސަކޮށް ހުކުރު ނަމާދަށް ދާ އިރު އެމީހުންނާ އެކު ނިއު ޒިލެންޑުގެ ރައްޔިތުން ތިބިކަން ހާމަކޮށްދޭން ގިނަ އަދަދެއްގެ މީހުން ބޭނުންވޭ. އެހެންކަމުން މާދަމާ ދެމިނިޓުގެ ސުކޫތެއް ގެންނާނެ އަދި ހުކުރު ނަމާދުގެ ބަންގި ޓީވީ އެންޒީންނާއި ރޭޑިއޯ ނިއު ޒިލެންޑުން ބްރޯޑްކާސްޓު ކުރާނެ،" އާޑާން މިއަދު ވިދާޅުވި އެވެ.

ކްރައިސްޓްޗާޗުގައި ދިން ދެ ހަމަލާ އަމާޒު ކުރީ ނޫރު މިސްކިތަށާއި ލިންވުޑް އިސްލާމިކް ސެންޓަރަށެވެ. އެހާދިސާގައި ނޫރު މިސްކިތުން 42 މީހުން މަރުވެ، ލިންވުޑް މިސްކިތުން ހަތް މީހުން މަރުވި އެވެ. އަދި މާދަމާ ނޫރު މިސްކިތް ހުޅުވުމަށް ފަހު، އެމިސްކިތް ކުރިމަތީ އޮންނަ ޕާކުގައި ނަމާދު ކުރަން ވަނީ ހަމަޖެހިފަ އެވެ.

ނޫރު މިސްކިތުގެ އިމާމު ޖަމާލް ފައުދާ ވިދާޅުވި ގޮތުގައި މާދަމާ ހުކުރު ނަމާދަށް 3،000 އާއި 4،000އާ ދެމުދުގެ އަދަދަކަށް މީހުން ދާނެ ކަމަށް ބެލެވެ އެވެ. އަދި އެހަމަލާއާ ގުޅިގެން ހިތާމަ ފާޅު ކުރުމުގެ ގޮތުން މާދަމާ ވީހާވެސް ގިނަ އަންހެނުން މަސައްކަތަށާއި ސްކޫލަށް ދާއިރު ބޯނިވާ ކުރުމަށް ގޮވާލާ ހަރަކާތްތަކެއްވެސް ބައެއް ޖަމާއަތްތަކުން ވަނީ ފަށާފަ އެވެ.

އެހަމަލާގައި މަރުވި މީހުން ވަޅުލުން ވަނީ އިއްޔެ ފަށާފަ އެވެ. އަދި މާދަމާވެސް ބައެއް މީހުންގެ ޖަނާޒާ ބާއްވާނެ ކަމަށް ބެލެވެ އެވެ. އެހަމަލާގައި އަނިޔާވި 29 މީހަކަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އެހަމަލާ ދިން ބްރެންޓަން ޓެރަންޓް ހައްޔަރުކޮށް، އޭނާގެ މައްޗަށް ވަނީ މަރުގެ ދައުވާކޮށްފަ އެވެ. އޭނާ ދެން ކޯޓަށް ހާޒިރު ކުރާނީ އަންނަ މަހުގެ ފަހެއްގަ އެވެ.

comment ކޮމެންޓް