ޖަލުގައި ހުރި ބަންގަލަދޭޝްގެ ފީފާ އޮފިޝަލް މިނިވަން ކުރުމަށް މާޔަން ގޮވާލައިފި

ހައްޔަރު ކޮށްފައިވާ ބަންގްލަދޭޝްގެ ސީނިއާ ފުޓްބޯޅަ އެޑްމިނިސްޓްރޭޓަރު އަދި ފީފާގެ ކައުންސިލް މެމްބަރު މަހުފޫޒާ އަކުތަރު އަދި ރާއްޖޭގެ ގެ އޭއެފްސީ އަންހެން ކޮމިޓީގެ އިސްވެރިޔާ މާޔަން މުހައްމަދު ---

މިދިޔަ ހަފްތާގައި ހައްޔަރުކޮށް ޖަލަށް ލާފައިވާ ބަންގްލަދޭޝްގެ ސީނިއާ ފުޓްބޯޅަ އެޑްމިނިސްޓްރޭޓަރު އަދި ފީފާގެ ކައުންސިލް މެމްބަރު މަހުފޫޒާ އަކުތަރު މިހާރުން މިހާރަށް މިނިވަން ކުރުމަށް ރާއްޖޭގެ އޭއެފްސީ އަންހެން ކޮމިޓީގެ އިސްވެރިޔާ މާޔަން މުހައްމަދު ގޮވާލައްވައިފި އެވެ.

މަހަފޫޒާ ޖަލަށް ލައިފައި ވަނީ ބަންގްލަދޭޝްގައި ވަކި ކުޅިވަރުތަކަކަށް އިސްކަންދީ އަނެއްބައި ކުޅިވަރުތަކަށް އިހުމާލުވާކަމަށް ބުނެ އެ ގައުމުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ އަށް ޓީވީ ޝޯއެއްގައި ފާޑު ވިދާޅުވުމުންނެވެ. އެ ޓީވީ ޝޯގައި މަހަފޫޒާ ވިދާޅުވީ އެ ގައުމުގައި ފުޓްބޯޅަ ކުޅުންތެރިންގެ ކާމިޔާބީތައް ފާހަގަނުކޮށް ކްރިކެޓަށް ވަރަށް ބޮޑަށް ސަރުކާރުން ހޭދަކުރާ ކަމަށެވެ.

ފީފާ ކައުންސިލަށް މަހްފޫޒާ އިންތިހާބުކުރީ 2017 ވަނަ އަހަރު އެވެ. އޭނާ އަކީ ބަންގްލަދޭޝްގެ ފުޓްބޯޅަ އަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ފަރާތެކެވެ. އެގޮތުން މިހާރު އޭނާ އަކީ އެ ގައުމުގެ އަންހެނުންގެ ފުޓުބޯޅަ އިދާރައިގެ ވެސް އިސްވެރިޔާ އެވެ.

މަހަފޫޒާގެ ވާހަކަތަކުގެ ސަބަބުން ޝައިހް ހަސީނާ ނިސްބަތްވާ ޕާޓީގެ މެމްބަރެއް އެ މައްސަލަ ހުށައެޅުމުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު މަހަފޫޒާ ހައްޔަރު ކޮށްފައި ވަނީ އޭނަގެ ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ފިތުނަ އުފެދުމުގެ ފުރުސަތު އޮތް ކަމަށް ބުނެ އެވެ.

މި މައްސަލަ ފީފާ އިން މިހާރު ބަލަމުންދާއިރު އެ މައްސަލާގައި މަހަފޫޒާގެ ކުށެއް ނެތް ކަމަށް އެ އިދާރާއިން ކަނޑައަޅައިފި ނަމަ އެ ގައުމާއި މެދު ފީފާއިން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބެލެވެ އެވެ.

"ފީފާ އިން މި އަންނަނީ މި މައްސަލަ ވަރަށް ގާތުން މޮނިޓާ ކުރަމުން. އަދި އޭއެފްސީ ވެސް މި ކަމުގައި ބައިވެރިވާނެ،" ފީފާގެ ތަރުޖަމާނު އޭއެފްޕީ އަށް ފޮނުވި ސިޓީއެއްގައިވެ އެވެ.

ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު މަހަފޫޒާ މިނިވަން ކުރުމަށް އަޑުހަރުކޮށް ގޮވާލަމުންދާއިރު ރާއްޖޭގެ އޭއެފްސީ އަންހެން ކޮމިޓީގެ އިސްވެރިޔާ މާޔަން މުހައްމަދު ވެސް ވަނީ މަހަފޫޒާ މިހާރުން މިހާރަށް މިނިވަން ކުރުމަށް ބަންގްލަދޭޝްގެ ސަރުކާރަށް ގޮވާލައިފަ އެވެ.

މާޔަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކުޅިވަރުގެ ތެރެއަށް އެއްވެސް ސަރުކާރުން ނުވަދުމަށާއި ބަންގްލަދޭޝްގައި ހައްޔަރު ކޮށްފައިވާ އެ ގައުމުގެ އަންހެނުންގެ ފުޓުބޯޅައިގެ އިސްވެރިޔާ މަހުފޫޒާ އަކުތަރު މިހާރުން މިހާރަށް މިނިވަން ކުރުން ޖެހޭ ކަމަށެވެ. އަދި ފުޓުބޯޅައިގެ ތެރެއަށް ގިނަ އަންހެނުން ބޭނުންވާ ކަމަށާއި އެފަދަ ބަންގްލަދޭޝްގެ ސަރުކާރުން ހިންގި އެ އަމަލު ކުށްވެރި ކުރައްވާ ކަމަށް ވެސް މާޔަން ވިދާޅުވި އެވެ.

comment ކޮމެންޓް