މާލޭގައި ހަތް ސައިކަލެއް ރޯކޮށްލައިފި

ރޯކުރި ސައިކަލުތައް ހުރި ސަރަހައްދު ފުލުހުން ސާފު ކުރަނީ -- ފޮޓޯ: ޕޮލިސް މީޑިއާ

މާފަންނު އިހްސާން ފިހާރަ ހުންނަ ސަރަހައްދުގައި ހުރި ހަތް ސައިކަލެއް ރޭ ރޯކޮށްލައިފި އެވެ.

އެ ހާދިސާގައި އެއްވެސް މީހެއްގެ ހަށިގަނޑަށް ގެއްލުންވެފައެއް ނުވެ އެވެ.

އެމްއެންޑީއެފްއިން ބުނީ ރޭ 03:46 އެހާކަންހާއިރު އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އެފްއާރުއެސްއަށް ލިބުމާ އެކު ފަޔާމަނުންގެ ޓީމަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ ކުޑައިރުކޮޅެއް ތެރޭ އަލިފާންގަނޑު ނިއްވާލައިފައިވާ ކަމަށެވެ.

"ފަޔާމަނުން ކުރި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލާފައި ވަނީ 03:55 ހާއިރު،"

ރޭ ރޯކޮށްލި ސައިކަލުތައް--- ފޮޓޯ/ އެމްއެންޑީއެފް

ހާދިސާގައި ހަ ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ އިރު އިތުރު ސައިކަލަކަށް ވެސް ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

އޭގެ އިތުރުން އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި މ. ސަބުދެލި ގޭގެ ގުރައުންޑް ފްލޯގައި ހަދާފައިވާ ގަރާޖުތެރޭގައި އަޅާފައިވާ ހޮޅިތަކެއްގައި އަލިފާން ރޯވެ، ގެއްލުންތައް ވެފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެ އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، ސައިކަލުތަކުގައި ރޯކޮށްލި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 3:45 އެހާކަން ހާއިރު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރޯކޮށްލި ހަތް ސައިކަލުގެ ތެރެއިން ފަސް ސައިލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ އިރު ދެ ސައިކަލަށް ވަނީ އެކި ވަރުގެ ގެއްލުންވެފަ އެވެ.

ސައިކަލުތަކުގައި ރޯކުރި އަލިފާންގަނޑުގެ އަސަރު އެ ސައިކަލުތައް ޕާކްކޮށްފައި ހުރި ދިމާލުގައި ހުރި ގެޔަކަށް ވެސް ކޮށްފައިވާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުން މިހާރު ދަނީ އެ ސައިކަލުތަކުގައި ރޯކުރި މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް