ފްލެޓަށް ވާނެގޮތް ބަލަން ކެންޑިޑޭޓުންނަށް ގުޅަން ރައީސް ނަޝީދު އެދިވަޑައިގެންފި

ނަޝީދު -- ފޮޓޯ: އެމްޑީޕީ

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ވެށިފަހި މާލެ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭނެކަމުގެ ލިސްޓަށް އަރައި، ފްލެޓު ނުލިބޭ މީހުން އެ މީހުންގެ ދާއިރާއިން މަޖިލިސް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ގުޅުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

"ވެށި ފަހި މާލެ" ގެ ނަމުގައި މިރޭ ކާނިވަލުގައި ކުރިއަށް ގެންދިޔަ ފޯރަމުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މާލެ ސަރަހައްދުން 8000 އަށް ވުރެ ގިނަ ރައްޔިތުން އެ ލިސްޓުގައި ހިމެނުނު ކަމަށެވެ.

"މިސާލަކަށް މެދު ހެންވޭރުގެ 458 މީހުން މި ޕްރޮގްރާމުގައި ބައިވެރިވިޔޭ. އަޅުގަނޑު މި ދަންނަވާ ވާހަކައަކީ އާޒިމަށް ގުޅާބަލާށޭ. އަހާބަލާށޭ ކިހިނެއްހޭ މަށަށް ވާނީ؟،" އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ބައެއް ކެންޑިޑޭޓުންވެސް ބައިވެރިވި ފޯރަމުގައި ނަޝީދު ވިދާޅުވިއެވެ.

"މީގެ ކުރީގައިވެސް ކުރާނަމޭ ދެންނެވި ކަންތައް ވާނީ ކޮށްފައި،" މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭންކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ފްލެޓަށް ވާނެ ގޮތާ ގުޅޭގޮތުން ކެންޑިޑޭޓުންނާ ސުވާލުކުރަން ރައީސް ނަޝީދު ގޮވާލެއްވިއިރު، ވެށިފަހި މާލެ ޕްރޮގްރާމަށް ކުރިމަތިލައި ޝަރުތު ހަމަވި މީހުންނަށް ފްލެޓް ދޭން ނިންމާފައިވާ ކަމަށް ބުނެ އެމްޑީޕީން ކުރި ފޯނު ކޯލްތަކުގެ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

ވެށިފަހި މާލޭގެ ވާހަކައާއި ފްލެޓުތަކުގެ ވާހަކަ ދައްކަނީ ވޯޓާ ދިމާކޮށް ކަމަށާއި ޑިމޮކްރެޓިކް އުސޫޫލުން ހިނގާ ގައުމެއްގައި ކަންތައް ހައްލު ކުރާނީ ވޯޓާ ގުޅުވައިގެން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް