އަލްހާންގެ ކެމްޕެއިން އިވެންޓު ބާއްވަން މަސްވެރިންގެ ޕާކު ނުދިން

މާލެ ، 16 މާޗު 2019 - އަލްހާންގެ ކެމްޕެއިން ޓީމުން ބޭއްވި ހެއްވޭރު ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކެމްޕެއިން އިވެންޓެއް ބޭއްވުމަށް މަސްވެރިންގެ ޕާކު ދޫކޮށްދިނުމަށް އެދުމުން އެތަން ދޫކޮށް ނުދިންކަމަށް މަޖިލިސް އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

މިމަހުގެ 21 ވަނަ ދުވަހު ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންނަށް ޖާފަތަކާއެކު ބާއްވަން ނިންމައި ކެމްޕެއިން އިވެންޓު ބޭއްވުމަށް މަސްވެރިންގެ ޕާކު ދޫކޮށްދޭން އެދި ހުށަހެޅީ މާލޭ ސިޓީ ކައުންސިލަށް ކަމަށާއި ނަމަވެސް އެ ސަރަހައްދު ތަރައްގީ ކުރުމަށް ބަންދު ކޮށްފައިވާތީ ދޫކޮށްދެވެން ނެތްކަމަށް ސިޓީ ކައުންސިލުން އެންގި ކަމަށް އަލްހާނު ވިދާޅުވިއެވެ.

ނަމަވެސް އެ ސަރަހައްދު ބަންދު ކުރުމުގެ މަސައްކަތެއް އަދި ނުކުރާ ކަމަށް ފުލުހުން ބުނި ކަމަށާއި މަސްވެރިންގެ ޕާކު ބަންދުކޮށް މަސައްކަތް ފަށާނީ ހޮނިހިރު ދުވަހު ކަމަށް ފުލުހުން ބުނިކަމަށް އަލްހާނު ވިދާޅުވިއެވެ.

"އެކަން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަށް ދެންނެވުމުން ވިދާޅުވީ މަސްވެރިންގެ ޕާކު އޮންނަނީ ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށް،" އަލްހާން ވިދާޅުވިއެވެ.

ނަމަވެސް މަސްވެރިންގެ ޕާކު ތަރައްގީ ކުރަން ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނިކަމަށް އޭނާ ވިދާޅުވިއެވެ.

"ފަހުން ޝަމާއު ގުޅުއްވާފައި ވިދާޅުވީ ޑިސިޝަން ނަގާނީ މޭޔަރު ސިފާ ކަމަށް،" އަލްހާން ވިދާޅުވިއެވެ.

އަލްހާނުގެ ޓީމުން ސިފާ އަށް ތަކުރާރުކޮށް ގުޅި ނަމަވެސް ފޯނު ނުނަންގަވާ ކަމަށް ވިދާޅުވެއެވެ.

މިއީ ކެމްޕެއިނަށް ހުރަސްއެޅުން ކަމަށާއި ހުރިހާ ފަރާތްތަކަށްވެސް ސިޔާސީ ހަރަކާތް ހިންގުމުގެ ހުއްދަ އޮންނަންވާނެ ކަމަށް އަލްހާނުގެ ޓީމުން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ.

comment ކޮމެންޓް