ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް ރައީސްއަށް ދަންނަވައިފި

ކުޅުދުއްފުށި: ---

ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ރައީސް އިބްރާހިމް ސޯލިހްއަށް އެ ރަށު ކައުންސިލުން ސިޓީއެއް ފޮނުވައިފި އެވެ.

ކުޅުދުއްފުށިން 120 ގޯތި ދޫކުރުމުގެ ހުއްދަ ހައުސިން މިނިސްޓްރީން ވަނީ މިދިޔަ ފެބްރުއަރީ މަހު ދީފަ އެވެ. ނަމަވެސް އެ އަދަދު މާ މަދު ކަމަށް ބުނެ އެ ރަށުގެ ރައްޔިތުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

ޕްލޭނިން މިނިސްޓްރީއަށް ވެސް އެޑްރެސްކޮށް އެ ރަށުގެ ކައުންސިލްއިން ފޮނުވާފައިވާ އެ ސިޓީގައި ބުނީ އެރަށުގައި 1500 މީހުން ގޯތި ބޭނުންވެގެން އުޅޭ ކަމަށާއި އަދި ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ގޮތަށް އެކަން ކުރެވޭނެެ ކަމަށް ދެކޭ ކަަމަށެވެ.

އެގޮތުން 1.7 ހެކްޓަރުގެ ބިން ސާވޭ ކޮށްފައިވާ ކަމަށާއި އަދި ސާވޭގައި ނުހިމެނޭ ބޮޑުބައެއް އެބަ އޮތް ކަމަށާއި އަދި އެތަން ސާވެކުރުމަށް ފަހު އިތުރަށް ގެވަޅު ދޫކުރުމަށް ކައުންސިލްއިން ވަނީ އެދިފަ އެވެ.

ކައުންސިލް އިން ބުނީ އެ ރަށުގެ ދެ ފަރާތުގައި ވާ ކުޅިއާއި ވެލިގަނޑު ސަހަރައްދު ގްރީން ޒޯންތަކަށް ބެހުމަށް ފަހު ރަށުގެ އެކި ސަރަހައްދުން 450 - 500 އާ ދެމެދުގެ އަދަދަކަށް ގޯތި ދެވޭވަރުވާނެ ކަމަށް ވެސް ކައުންސިލްއިން ބުންޏެވެ.

"ދެހާސް ހަ ވަނަ އަހަރުން ފެށިގެން ކުޅުދުއްފުއްޓަށް ދިމާވެފައިވާ ގެވަޅު އަދި ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ފަހަރާ ގިނަ ބަޔަކަށް ހައްލު ހޯދައިދިނުމަށް އެދެމެވެ. އަދި މިކަމަކީ މި ރަށުގެ ގިނަ ބައެއްގެ މަސްލަހަތު ހިމެނޭ ކަމެއްކަމުގައިވާތީ މިކަމަށް އަވަސް ހައްލެއް ހޯދައި ދިނުމަށް އެދެމެވެ،" ކައުންސިލްގެ ސިޓީގައިވެ އެވެ.

ރައީސް ސޯލިހު ކެމްޕެއިން ކުރެއްވި އިރު ވިދާޅުވެފައި ވަނީ ގޯތި ދޫނުކޮށް ހުރި ރަށްރަށުން ލަސްވެގެން ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ދޫކުރައްވަން ފައްޓަވާނެ ކަމަށެވެ.

comment ކޮމެންޓް