ފަހުގެ ޗެމްޕިއަން އަހްމަދިއްޔާ ބަލިކޮށް ސީއެޗްއެސްއީ ފެށުން ރަނގަޅު ކޮށްފި

އަހްމަދިއްޔާ ސުކޫލާއި ސީއެޗްއެސްއީ ބައްދަލު ކުރި މެޗު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެ މެޗު 0-3 އިން ކާމިޔާބު ކުރީ ސީއެޗްއެސްސީ --- ފޮޓޯ/ އެފްއޭއެމް

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އަދި އެންމެ ފަހުގެ ޗެމްޕިއަނުން އަހްމަދިއްޔާ ސްކޫލް ބަލިކޮށް ސެންޓަރ ފޯރ ހަޔާ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ފެށުން ރަނގަޅު ކޮށްފި އެވެ.

އިއްޔެ ފެށުނު މަމެން އިންޓާ ސްކޫލް 18 އަހަރުން ދަށުގެ މުބާރާތުގެ ފުރަތަމަ މެޗުގައި، އެ މުބާރާތް ހަ އަހަރު މީގެ ކުރިން ހޯދާފައިވާ އަހްމަދިއްޔާ އަތުން (ސީއެޗްއެސްއީ) މޮޅު ހޯދާފައި ވަނީ 0-3 ގެ ބޮޑު ނަތީޖާ އަކުންނެވެ. އެ މެޗުގައި ސީއެޗްއެސްއީގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

އިންޓަ ސްކޫލް 18 އަހަރުން ދަށުގެ ކެޓަގަރީގައި މިއަހަރު ބައިވެރިވީ ފަސް ސްކޫލެވެ. އެއީ ސެންޓަރ ފޯރ ހަޔާ އެޑިޔުކޭޝަން (ސީއެޗްއެސްއީ)އާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ވިލާ އިންޓަނޭޝަނަލް ސްކޫލް އަދި ރެހެންދި ސްކޫލުގެ އިތުރުން ގާޒީ ސްކޫލެވެ.

މުބާރާތުގައި ބައިވެރިވާ ފަސް ޓީމު ވެސް ހުރިހާ ޓީމަކާ ވާދަ ކުރުމަށްފަހު ފައިނަލްގައި ކުޅޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމުގެ ދެމެދުގަ އެވެ. މި މުބާރާތުގައި ގިނަ ސްކޫލު ތަކުން ބައިވެރި ނުވި ނަމަވެސް ފުރަތަމަ މެޗުގައި ކުޅުނު ދެ ޓީމަށް ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

އަހްމަދިއްޔާ ސްކޫލް މިހާތަނަށް ހޯދި ކާމިޔާބީ ތަކުގެ ފަހަތުގައި ހުރި އަހްމަދު ނިޒާމް (ނިޒާމްބެ) ވަނީ މިއަހަރުގެ މުބާރާތުގައި ވެސް އެ ޓީމުގެ ކޯޗު ކަމާއި ހަވާލުވެފަ އެވެ. ނިޒާމްބެ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ކޯޗެވެ. އޭނާ ވަނީ ވޭތުވެ ދިޔަ ފުޓުބޯޅަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކުލަބަށް ދިވެހި ލީގު ކާމިޔާބު ކޮށްދީފަ އެވެ. ނަމަވެސް ނިޒާމްބެގެ މޮޅު އުކުޅުތައް ރޫޅާލާ އިއްޔެގެ މެޗު ފަސޭހަ ކަމާ އެކު ސީއެޗްއެސްއީއިން ވަނީ ކާމިޔާބު ކޮށްފަ އެވެ.

ސީއެޗްއެސްއީއަށް އިއްޔެގެ މެޗުގައި ގޯލުތައް ޖަހައިދިނީ އަހްމަދު ޒަޔާން އިޝާގް އަދި މުހައްމަދު މާއިޝް މައުސޫމް އެވެ. މާއިޝް ވަނީ އެ މެޗުގައި ދެ ގޯލު ޖަހައި މޮޅު ކުޅުމެއް ދައްކާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފަ އެވެ.

މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެ އެވެ. މިއަދު ހަވީރު ކުޅޭ އެ މެޗުގައި ބައްދަލު ކުރާނީ ރެހެންދި ސްކޫލާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް ގަލޮޅު ދަނޑުގައި ކުޅޭ އިރު މެޗު ބަލަން ހުރިހާ ބޭފުޅުންނަށް ވެސް ހިލޭ ވަދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މީގެ އިތުރުން އިންޓާ ސްކޫލް 15 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލް މިރޭ އޮންނާނެ އެވެ. ސެމީ ފައިނަލުގައި ކުރީގެ ޗެމްޕިއަން ބަލިކޮށް އިމާދުއްދީން އެއްކޮޅުން ފައިނަލަށް ދިޔައިރު ރެހެންދި ބަލިކުރުމަށް ފަހު އަނެެއްފަޅިން ފައިނަލަށް ދަތުރު ކުރީ ހިރިޔާ ސްކޫލް އެވެ.

comment ކޮމެންޓް